
މިރޭ ޔޫރޯ 2020ގެ ފައިނަލް މެޗު ކުޅޭ ދަނޑަށް އުދުހޭ ސޫފިތަކެއްގެ އުނދަގޫ ޖެހިދާނެ!
އުދުހޭ ކުދި ސޫފިތަކެއްގެ އުނދަދޫ މިރޭ ކުޅޭ ޔޫރޯ 2020 ގެ ފައިނަލް މެޗު ކުޅޭ ސްޓޭޑިއަމް ސަރަހައްދަށް ވެދާނެ ކަމަށް ލަފާކޮށްފި އެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަންގެ ވެމްބްލޭ ސްޓޭޑިއަމްގައި އެވެ.
ލަންޑަންގެ މޫސުމާއި ބެހޭ އިދާރާ އާއި ހަވާލާދީ މީޑިއާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މެޗު ކުޅޭ ގަޑީގައި އެ ސިޓީގެ މޫސުން ވަރަށް ރަނގަޅުވާނެ އެވެ. އެކަމަކު ބެލި ބެލުމުން އުދުހޭ ގިނަ އަދަދެއްގެ ސޫފިތައް އުޅޭ ސަރަހައްދުތަކުގެ ތެރޭގައި ވެންބްލޭ ސްޓޭޑިއަމް ހިމެނެ އެވެ.
އެ ސޫފިތައް އުޅެމުންދަނީ ބޮޑު ގްރޫތަކެއްގެ ގޮތަށް ކަމަށާއި ލަަންޑަންގެ ވަރަށް ގިނަ ސަރަހައްދުތަކުގައި އެ ސޫފިތައް ވައިގެ ތެރޭގައި އެބަ އުޅޭ ކަމަށް ބުނެ އެވެ. އެ ސޫފިތަކަކީ އައިސް ގައިގަ ޖެހުމުން ނޫނީ ނޭނގޭ ވަރުގެ ކުދި ސޫފިތަކެކެވެ.
މި ސޫފިތަކަކީ ކޮންމެ އަހަރެއްގެ ޖޫންއިން ސެޕްޓެމްބަރުގެ ނިޔަލަށް އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކުގައި އުދުހޭ އެއްޗެކެވެ. ލަންޑަންގެ މެޓް އޮފީހުން ބުނީ އެމީހުންގެ ރާޑަރަށް އިއްޔެ ވާރޭ ވެހުނު ވަރަށްވުރެ ގިނައިން އެ ސޫފިތައް އަރާފައިވާ ކަމަށެވެ.
މެޓް އޮފީހުން ދީފައިވާ މި މައުލޫމާތާއި ގުޅިގެން ބައެއް ފަރާތްތަކުން ދަނީ މެޗު ބަލަން ވަންނަ އިނގިރޭސި ސަޕޯޓަރުންނާއި ދަނޑުގައި އިނގިރޭސި ކުޅުންތެރިންގެ ނަސީބު ހުރިވަރު މިފަހަރު އެނގިގެން ދާނެ ކަމަށް ބުނެފަ އެވެ.
އެކަމަކު މިއީ އެގައުމުގައި މިފަދަ ބޮޑު ކުޅިވަރު މުބާރާތެއްގެ މެޗަކަށް އުދުހޭ ސޫފީގެ އުނދަގޫ ޖެހިދާނެ ފުރަތަ ފަހަރެއް ނޫނެވެ. ޖޫން ޖުލައިގައި ބާއްވާ ވިމްބްލެޑަން ޓެނިސް މުބާރާތުގެ މެޗުތަކަށްވެސް ކޮންމެ ފަހަރަކު އުދުހޭ ސޫފީގެ އުނދަގުލާއި ކުރިމަތިލާން ޖެހެ އެވެ.