ޚަބަރު ފީތާ

ބަންގްލަދޭޝްގަ އަލިފާން ރޯވި ފެކްޓްރީގެ ވެރިޔާ މުވައްޒަފުން މެރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި

ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އާއި މާ ދުރުނޫން ހިސާބެއްގައި ހުންނަ ހާޝިމް ފުޑް ފެކްޓްރީގައި އަލިފާން ރޯވެ އެތަނުގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންތަކެއް މަރުވުމާއި ގުޅިގެން އެ ފެކްޓްރީގެ ވެރިޔާ އަބްދުލް ހާޝިމް އާއި އޭނާގެ ހަތަރު ފިރިހެން ދަރިން ހައްޔަރުކޮށްފި އެވެ.

ބަންގްލަދޭޝް ފުލުހުން އެ ފަސް ބަފައިންގެ މައްޗަށް ކުރަނީ ގަސްދުގައި ބަޔަކު މެރިކަމުގެ ތުހުމަތެވެ.

އެމައްސަލައިގަ އެ ފަސް ބަފައިން ހައްޔަރު ކުރަން ޖެހުނީ ފެކްޓްރީ ތެރޭގައި އަލިފާން ރޯވުމުން ސަލާމަތްވާން މުވައްޒަފުންނަށް ފެކްޓްރީން ނުކުމެވޭވެ އެއްވެސް ގޮތެއް ނުވުމުމުންނެވެ. ހާދިސާގައި ސަލާމަތްވި މީހުންގެ ފަރާތުން އެނގުނު ގޮތުގައި ފެކްޓްރީގެ މައި ދޮރު ހުރީ މުވައްޒަފުންނަށް އެތަނުން ނުނުކުމެވޭނެ ހެން ބޮޑު ތަޅަކުން ތަޅުލާފަ އެވެ.

އަދި ސަލާމަތްވާން ހަ ފަންގިފިލާގެ ފެކްޓްރީގެ ޓެރަސްއަށް އަށް އަރަން ބެލި އިރު ޓެރަސްއަށް އަރާ ދޮރުވެސް ހުރީ ތަޅުލާފައި އެވެ. ސަލާމަތް ވެވޭނެ ގޮތެއް ނެތިގެން މީހުން ވަނީ ދޮރުތައް ހަލާކު ކޮށްލައިގެން އެކި ފަންގިފިލާތަކުން ބޭރަށް ފުންމާލާފައި އެވެ.

އެހެން ކަމުން އެމީހުން ތިބީ އެތަނުން ނުނުކުމެވޭނެ ހެން ބަންދުކޮށްފައިކަން މިހާތަނަށް ފުލުހުންގެ ތަހުގީގަށް ފާހަގަ ކުރެވިފައިވާތީ އެކަމުގައި ފެކްޓްރީގެ ވެރިޔާގެ އިހުމާލު ނުވަތަ އެއީ އޭނާ ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ބަންގްލަދޭޝް ފުލުހުން ބުނެފައިވެ އެވެ. އަދި އެ ފެކްޓްރީގައި ގާނޫނާއި ހިލާފަށް ކުޑަކުދިން ލައްވައި މަސައްކަތް ކުރުވަމުން ދިޔަކަންވެސް ވަނީ ފަޅާ އަރާފައި އެވެ.

ބަންގްލަދޭޝްގެ ލޭބާ މިނިސްޓަރު ވަނީ އެ މައުލޫމާތާއި ގުޅިގެން ހޮސްޕިޓަލަށް ވަޑައިގެން ސަލާމަތްވި މީހުންގެ ތެރޭގައި ކުޑަކުދިން ތިބިތޯ ޔަގީން ކޮށްފައެ އެވެ. އޭގެ ފަހުގައި މީޑިއާގައި ވިދާޅުވީ ގާތްގަނޑަކަށް އުމުރުން 14 އަހަރުގެ ކުދިންނާއި ބައްދަލުވި ކަމަށާއި އެ ކުދިން ލައްވައި އެ ފެކްޓްރީގައި މަސައްކަތް ކުރުވާފައިވާކަން ސާބިތުވެއްޖެ ނަމަ ފެބްޓްރީގެ ވެރިޔާ އާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

މިހާދިސާގައި އެތަނުގައި މަސައްކަތް ކުރާ 52 މީހުން މަރުވެފައިވެ އެވެ. ރޯވި އަލިފާންގަނޑު ކޮންޓްރޯލް ވާން 24 ގަޑިއިރު ނެގި އިރު ގިނަ މަރުވި ގިނަ މީހުން ތާށިވެފައި ތިބީ އިމާރާތުގެ ތިން ވަނަ ފަންގިފިލާގައި އެވެ.

ހައްޔަރު ކުރުމުގެ ކުރިން މީޑިއާގައި ހާޝިމް ބުނެފައިވަނީ ފެކްޓްރީގައި އަލިފާން ރޯވީ އޭނާގެ އިހުމާލުން ނޫން ކަމަށާއި އެއީ މުވައްޒަފުންގެ އިހުމާލުން ވީ ކަމެއް ކަމަށެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ފެކްޓްރީގައި އަލިފާން ރޯވީ މުވައްޒަފުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ނުވަތަ ފަރުވާކުޑަވެގެން ދިމާވި ކަމަކުން ކަމަށެވެ.

ބަންގްލަދޭޝް ސަރުކާރުން ވަނީ ހާދިސާގައި މަރުވި މީހުންގެ އާއިލާތަށް ދެނެގަތުމަށް ޑީއެންއޭ ޓެސްޓު ހެދުމުގެ މަސައްކަތް ފަށާފައި އެވެ

ބަންގްލަދޭޝްގައި ކުޑަކުދިން ލައްވައި މަސައްކަތް ކުރުވުމާއި ފެކްޓްރީތަކުގައި ކުޑަ އުޖޫރައެއް ދީގެން މުވައްޒަފުން ގެންގުޅުމަކީ އާންމު ކަމެކެވެ. އަދި އެފަދަ ފެކްޓްރީތަކުގައި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ފިޔަވަޅު އެޅިފައެއް ނުހުރެ އެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: