ޚަބަރު ފީތާ

އެސްޓީއޯގެ ހުރިހާ ބޭސްފިހާރައަކުން އަމާނާތަކާފުލްގެ ކަސްޓަމަރުންނަށް އަންނަ މަހުން ފެށިގެން ޚިދުމަތް ލިބޭނެ: އެސްޓީއޯ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ހުރިހާ ބޭސްފިހާރައަކުން އަމާނާތަކާފުލްގެ ކަސްޓަމަރުންނަށް އަންނަ މަހުން ފެށިގެން ޚިދުމަތް ލިބޭނެ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުންނާއި ސަރުކާރު ޙިއްޞާވާ ކުންފުނި ސްޓީއޯގެ ހުރިހާ ބޭސްފިހާރައަކުން އަމާނާތަކާފުލްގެ ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޝަހީރު ވިދާޅުވީ މި ފެށޭ ނޮވެމްބަރ މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން އެސްޓީއޯގެ ހުރިހާ ބޭސްފިހާރަތަކުން އަމާނާތަކާފުލްގެ ކަސްޓަމަރުންނަށް ޚިދުމަތް ލިބޭނެ ކަމަށެވެ.

އަދި ރާއްޖޭގައި އިންޝުއަރެންސް ޚިދުމަތް ދެމުން ގެންދާތާ 10 އަހަރުވެފައިވާ އަމާނާތަކާފުލަކީ ރާއްޖޭގައި އިންޝުއަރެންސްގެ ޚިދުމަތް ދެމުން އަންނަ ކުންފުނިތަކުގެ ތެރެއިން ގިނަ ބަޔަކު ޚިދުމަތް ހޯދާ ކުންފުންޏެއް ކަމަށާއި މި އެއްބަސްވުމުގެ ސަބަބުން ކަސްޓަމަރުންނަށް މިހާރު ވަރަށް ފަސޭހައިން އެސްޓީއޯ ބޭސްފިހާރަތަކުން ޚިދުމަތްތައް ލިބުމުގެ ފުރުޞަތު ހުޅުވިގެންދާނެ ކަމަށްވެސް ޝަހީރު ވިދާޅުވިއެވެ.

އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޝަހީރު އެވެ. އަމާނާތަކާފުލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހަރީޒު ސުލައިމާނު އެވެ.

 

 

Rate this post