އޭޑީކޭ ހޮސްޕިޓަލުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޚިތާނީ ކޭމްޕު މިއަހަރުވެސް އޮންނާނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.
އެ ހޮސްޕިޓަލުން ބުނީ މިއަހަރުގެ ކޭމްޕު އޮންނާނީ އަންނަ ނޮވެމްބަރ 20 ން ޑިސެމްބަރ 29އަށް ކަމަށާއި މިއަހަރުގެ ޕެކޭޖުގެ އަގަކީ =/5000 ރުފިޔާ ކަމަށެވެ.
މިއަހަރުގެ ޕެކޭޖުގައި ހިމެނެނީ ދައްކަންޖެހޭ ޑޮކްޓަރަށް އެޕޮއިންޓްމެންޓު ހަމަޖައްސައިދީ ޑޮކްޓަރަށް ދެއްކުމާއި ޚިތާނު ކުރުމަށް ކުރަންޖެހޭ ތަހުލީލުތައް ކުރުމެވެ. އަދި ޚިތާނު ކުރުމަށްފަހު، (ކުއްޖާ ކުޑަކަމުދިއުމުން) ގެއަށޤ ފޮނުވާލުމާއި ދެމެދު ކުރާ ބޭސްފަރުވާއެވެ.
މީގެ އިތުރުން ކުއްޖާ ގެއަށް ފޮނުވާލުމަށްފަހު ދޭންޖެހޭ ބޭހާއި ގެއަށް ދޫކޮށްލުމަށްފަހު ޑޮކްޓަރަށް ދައްކަން ހަދާ ފުރަތަމަ ކޮންސަލްޓޭޝަން ނުވަތަ ފޮލޯ އަޕްވެސް ޕެކޭޖުގައި ހިމެނެއެވެ.
އެހެންނަމަވެސް ކެއުން ބުއިމަށް ހިނގާ ޚަރަދާއި ޚިތާނުކުރި ކުއްޖާ ގެއަށް ދިއުމަށް ޑޮކްޓަރ ހުއްދަދީ ޑިސްޗާރޖު ކުރުމަށް ފަހު، ހޮސްޕިޓަލުގައި މަޑުކުރާ ނަމަ އެ މުއްދަތުގައި ހިނގާ ޚަރަދު މި ޕެކޭޖުގައި ނުހިމެނޭ ކަމަށް ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލުން ބުންޏެވެ.
އެ މުއްދަތުގައި ޚިތާނު ކުރާނީ ހަމައެކަނި ޕެކޭޖުގެ ދަށުން އެނދުމަތިކުރާ ކުދިން ކަމަށާއި ޕެކޭޖުގެ ބޭރުން އެ މުއްދަތުގައި ޚިތާނު ނުކުރާނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
ޚިތާނު ކުރުމުގައި އިސްކަންދޭނީ ޖާގަ ހުރި ނިސްބަތުން ނަންނޯޓުކުރާ ތަރުތީބުން ކަމަށާއި ޕެކޭޖުގެ ދަށުން ޚިތާނުކުރާ ކުދިން ބައިތިއްބާނީ އެކަމަށް ޚާއްޞަކޮށްފައިވާ ވޯޑެއްގައި ކަމަށްވެސް އޭޑީކޭ އިން ބުންޏެވެ.
އޭޑީކޭ ޚިތާނީ ކޭމްޕުގައި ނަންނޯޓު ކުރުމަށް 7349082 ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން ކުރިއަށް ގެންދިއުމަށް އެ ހޮސްޕިޓަލުން އެދެއެވެ.