ފޭރަކީ ރާއްޖޭގައިވެސް ހެދޭ ވަރަށް އާންމު މޭވާގެ ބާވަތެކެވެ. ފޭރަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މޭވާ އެކެވެ. ފޭރަކީ އޭގައި ހަށިގަނޑަށް ފައިދާހުރި އެތަކެއް ވިޓަމިންތަކާއި މައުދަންތައް ވެސް ހިމެނޭ މޭވާގެ ބާވަތެކެވެ.
ފޭރަކީ ރޯމޭވާގެ ގޮތުގައާއި ފަނި ގިރައިގެންވެސް ބޭނުންކުރާ މޭވާއެކެވެ. މީގެ އިތުރުން ކެއުމުގެ އެކިއެކި ބާވަތްތައްވެސް ތައްޔާރު ކޮށްގެން ވެސް ބޭނުންކުރެވޭ މޭވާއެކެވެ. އެގޮތުން ޖޭމާއި ސަލަޑް ފަދަ ކާތަކެތިތައްޔާރު ކޮށްގެންވެސް ފޭރު ބޭނުންކުރެއެވެ.
އެގޮތުން ފޭރުން ހަށިގަނޑަށް ލިބޭ ބައެއް ސިއްޚީ ފައިދާތަކަށް ބަލާލާނަމެވެ.
އެގޮތުން ފޭރަކީ ހިތުގެ ތަފާތު ބަލިތަކާއި ލޭމައްޗަށް ދިއުމާއި ހަކުރު ބައްޔައްވެސް ފަރުވާއެކެވެ. އެހެންކަމުން ހިތުގެ ބަލިތަކާއި ލޭމައްޗަށްދިއުމުގެ ފުރުޞަތު އޮތްމީހުން ބޭނުންކުރަން ފޭރަކީ ވަރަށް ފައިދާހުރި މޭވާ އެކެވެ.
މީގެއިތުރުން ފޭރަކީ ވިޓަމިން ސީ ވަރަށް ގިނައިން އެކުލެވޭ މޭވާއެކެވެ. އެހެން ކަމުން ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ އެތަކެއް މާއްދާތަކެއް ފޭރުގައި އެކުލެވެއެވެ. މީގެތެރެއިން އުރަމަތީ ކެންސަރު ޖައްސަނިވި ސެލްތައް ބޮޑުވުން ހުއްޓުވުމަށް ފޭރު އެހީތެރިވެދެއެވެ.
ހިތުގެ މައްސަލަތައް ކުރިމަތިވުން ކުޑަކޮށްދިނުމުގައި ފޭރު އެހީތެރި ވެދެއެވެ. އެއީ ފޭރު ކެއުމުން ލޭގެ ޕްރެޝަރ ކޮންޓްރޯލްކޮށް، ލޭގެ ކޮލެސްޓީރޯލް ގެ މިންވަރު ދަށްކުރާތީއެވެ. ދިރާސާއެއް ހެދުމަށްޓަކައި ލޭގެ ޕްރެޝަރ މަތިވުން ކުރިމަތިވެފައިވާ ބަޔަކަށް ކެއުމުގެ ކުރިން 12ހަފްތާ ވަންދެން ފޭރު ކާންދެވުނެވެ. ދިރާސާއިން އެގުނު ގޮތުގައި މިގޮތަށް ފޭރު ކާންދެވުނު މީހުންގެ ޕްރެޝަރ ކޮންމެ ވެސް މިންވަރަކަށް ތިރިވެފައި ވެއެވެ.
މީގެއިތުރުން ބޭރަށްހިންގުމަށްވެސ ފޭރަކީ ބޭނުންކުރަން ވަރަށް ފައިދާހުރި މޭވާއެއް ކަމަށްވަނީ ފާހަގަ ކުރެވިފައެވެ. ފޭރުގައި ހިމެނޭ ބައެއް މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ ޓިޝޫތައް ފިއްތައި ހިންދާލުމުގެ ބާރު ލިބިފައިވެއެވެ. އެހެންކަމުން ބޭރަށްހިންގުން ޖެހުމުން ފޭރު ބޭނުންކުރާނަމަ އަވަހަށް ރަގަޅު ވެއެވެ. ހާލަތުގައި ގޮހޮރުގެ ތެރޭގައި ބެކްޓީރިޔާތައް ހެދިބޮޑުވުމުން ރައްކާތެރިކޮށް ދެއެވެ.
އަދި މިފަދަ މާއްދާތައް ފޭރުގައި ހުރުމަކީ ބޭރަށްހިންގުން މެދުވެރިވުމުން ރަގަޅުވުމަށް މަގުފަހިކޮށްދޭ ކަންކަމެވެ.
މީގެއިތުރުން ކެއްސުމާއި އަރިދަފުސް ރޯގާ އަށްވެސް ފޭރާއި ފޭރުގަހުގެ ފަތަކީ މުހިންމު އެއްޗެކެވެ. އެގޮތުން ފޭރުފަތް މުގުރައި ޗިސްކޮށްގެން ތައްޔާރުކުރާ ޕޭސްޓް އަދި ގަބުޅި ފޭރުން ތައްޔާރުކުރާ ފަނި ބޭނުންކުރުމަކީ ކެއްސުމާއި އަރިދަފުސް ރޯގާގެ އުދަނގޫ ކުޑަކޮށްދޭ ކަމެކެވެ.
އަދި މީގެއިތުރުން ފޭރު ފަނި ބޭނުންކުރުމުން ކެއްސުން ލުއިވެ ދަވަ އުފެދުން ދަށްވެ ނޭވާލާ ނިޒާމާއި ކަރުތެރެ އަދި ފުއްޕާމޭގައި ހުންނަ އިންފެކްޝަންގެ އަސަރު ދުއްވާލައެވެ.
ހަމުގެ ފަރުވާއަށް ވެސް ފޭރަކީ މުހިންމު އެއްޗެކެވެ. ފޭރު ގިނައިން ބޭނުންކުރުމަކީ ހަމަށް އޮމާންކަމާ ތާޒާކަން ގެނެސްދޭކަމެކެއެވެ. ދޫވެފައިވާ ހަމުގެ ފަށަލަ ވާންވެ އޮމާން ވެއެވެ. އެގޮތުން ހަންގަނޑު އޮމާންކޮށް ރީތިކޮށް ބެހެއްޓުމަށް ފޭރު ފަތަކީވެސް މުހިންމު ދައުރެއް އަދާކުރާއެއްޗެކެވެ. އެގޮތުން ގަބުޅި ފޭރު ޗިސްކޮށްގެން އުފެދޭ ޕޭސްޓް ހަންގަނޑުގައި އުގުޅުމުން ހަންގަނޑު އޮމާންވެ ރީތިވެދެއެވެ.
. މީގެ އިތުރުން ބަނޑު ހިކުމުންވެސް ފޭރު ބޭނުން ކުރުމުން ރަނގަޅުވެދެއެވެ. އެގޮތުން ފޭރު އޮށަކީ މީގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.
ހަކުރުބައްޔާއި ، ސްކާވީ ބައްޔަށާއި ދަތުގެ ބަލިތަކަށާއި ދަރިމައި ނުވުން އަދި ހަށިގަނޑުގެ ސަރުބީތައް ވިރުވުމަށްވެސް ފޭރަކީ ނުހަނު ބޭނުންތެރި މޭވާއެކެވެ.