
އަންނަ މަހުގެ 15 އާ ހަމައަށް މޯލްޑިވިއަންގެ ދަތުރުތައް ޑާކާއަށް ނުކުރާނެ!
އަންނަ މަހުގެ 15 އާ ހަމައަށް މޯލްޑިވިއަންގެ ދަތުރުތައް ޑާކާއަށް ނުކުރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ރާއްޖެއާއި ޑާކާ އާ ދެމެދު ކުރަމުން އައި ދަތުރުތައް ޖުލައި 15 ވަނަ ދުވަހާ ހަމައަށް މެދުކަނޑާލާފައި ބޭއްވުމަށް ނިންމީ ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް ބަންގްލަދޭޝް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ނެވެ. އަދި ރާއްޖޭގެ ޕަސެންޖަރ ފްލައިޓުތައް އެ ގައުމަށް ދިއުމާ ފުރުން މަނާކުރުމުގެ ސަބަބުން ނެވެ.
ބަންގްލަދޭޝްގައި ކޮވިޑް 19 ގެ ކޭސްތައް ގިނަވަމުން އަންނާތީ، މީގެ ކުރިންވެސް އެ ގައުމަށް ކުރާ ހުރިހާ އިންޓަރނޭޝަނަލް ފްލައިޓުތައް ވަނީ ހުއްޓާލާފަ އެވެ.
އެހެންވެ، ރާއްޖެއާ ޑާކާ އާ ދެމެދު ކުރާ ދަތުރުތައް މެދުކަނޑާލުމަށް އޭރު މޯލްޑިވިއަން އިން ނިންމީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ.
ނަމަވެސް މޯލްޑިވިއަން އިން ބުނީ ޑާކާ ދަތުރުތައް އަންނަ ޖުލައި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް މެދުކަނޑާލާފައި އޮތް އޮތުން ޖުލައި 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.