މާލެ ސަރަހައްދުގެ ޖިމްތައް ފަތިހު 5 ން ހަވީރު 6 އަށް ހުޅުވަން ހުއްދަ ދީފި
މާލެ ސަރަހައްދުގެ ޖިމްތައް ފަތިހު 5ން ހަވީރު 6 އަށް ހުޅުވަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހުއްދަ ދީފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޖިމްތައް ހުޅުވަން ހުއްދަ ދޭނީ، ޖިމްގެ ސަރވިސް ޕްލޭނެއް ތައްޔާރުކޮށް ހުށަހެޅުމުން، އެޗްޕީއޭއިން މޮނިޓަރ ކުރުމަށްފަހު ކަމަށެވެ.
އެޕޮއިންޓްމަންޓް އުސޫލުން ޖިމްތަކުގެ ޚިދުމަތް ދިނުމަށް ހުއްދަ ދީފައި ވާއިރު، ގުރޫޕް ކަސްރަތު ކްލާސްތަކަށް އަދި ހުއްދަދީފައެއް ނުދެއެވެ. އަދި އެކަނި ކުރާ ކަސްރަތު ކުރުމަށް ފަތިހު 4:00 އިން ހެނދުނު 8:00 އަށް ވަނީ ހުއްދަ ދީފަ އެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު މަދުވަމުންދާ މި ދަނޑިވަޅުގައި މިހާރު އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތައް ދީފައި ވާއިރު، އޭގެ ތެރެއިން އެއް ކަމަކީ ޖިމްތައް ހުޅުވަން ހުއްދަ ދިނުމެވެ.
ކޮވިޑު ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި ޖިމްތަކާއި ކަސްރަތު ކުލާސްތަކާއި ސިނަމާތަކާއި ސެލޫންތައް ބަންދުކުރަން އަންގާފައިވަނީ މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު އެވެ.