
ޔޫރޯ 2020: (ގުރޫޕް ބީ) ބެލްޖިއަމް – ޑެންމާކް
މިހާރު ކުރިޔަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ކޮންމެ ޓީމެއްވެސް އެއް މެޗު ކުޅެ ނިމުމަށްފަހު ދެވަނަ މެޗުތަކާއި ކުރިމަތިލާން މިވަނީ ފަށާފައެވެ. އެގޮތުން މިރޭ ކުޅޭ ގުރޫޕް ބީގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މި ބައްދަލުކުރަނީ ބެލްޖިއަމް އާއި ޑެންމާކް އެވެ. ގްރޫޕް ބީގައި މިހާތަނަށް މި ދެ ޓީމު ކުޅުނު ފުރަތަމަ މެޗުގެ ނަތީޖާއަށް ބަލާއިރު ފުރަތަމަ މެޗުން ބެލްޖިއަމް ވަނީ ރަޝިއާއާއި ބައްދަލުކޮށް 0-3 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ޑެންމާކް ވަނީ ފިންލެންޑް އަތުން 0-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.
ބެލްޖިއަމް ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައިވާއިރު، މިރޭގެ މެޗުން މޮޅެއް ހޯދައިފިނަމަ އެޓީމު ދެވަނަ ބުރަށް ދަތުރު ކުރާނެއެވެ. އަދި މިރޭގެ މެޗުން ބެލްޖިއަމް ބަލިވެއްޖެ ނަމަ ދެވަނަ ބުރަށް ދިއުމަށް އެޓީމުން ޖެހޭނީ ގުރޫޕް ސްޓޭޖުގެ ތިންވަނަ މެޗުގައި ފިންލެންޑާއި ދެކޮޅަށް ކުޅޭ މެޗަށް އިންތިޒާރު ކުރާށެވެ. އެހެން ނަމަވެސް ޑެންމާކަށް މި މެޗުން މޮޅުވުން މަޖުބޫރެވެ. މި މެޗުން ޑެންމާކް މޮޅުވެއްޖެ ނަމަ ދެވަނަ ބުރަށް ދިއުމަށް އިތުރު އުއްމީދެއް ލިބިގެންދާނެ އެވެ.
ބެލްޖިއަމް އަދި ޑެންމާކްގެ ތާރީޚީ ބައްދަލުކުރުންތައް
ބެލްޖިއަމް އަދި ޑެނަމާކްް މީގެކުރިން 15 ފަހަރު ބައްދަލުކޮށްފައިވެއެވެ. އޭގެތެރެއިން ފަސް ފަހަރު ބެލްޖިއަމް މޮޅުވެފައިވާއިރު، ޑެންމާކް މޮޅުވެފައިވަނީ 7 ފަހަރުގައެވެ. ތިން ފަހަރު އެއްވަރުވެފައިވެއެވެ.
ދެ ޓީމު އެންމެ ފަހުން ކުޅުނު 5 މެޗުގެ ނަތީޖާތައް
އެންމެ ފަހުން ބެލްޖިއަމް ކުޅުނު ފަސް މެޗުގެ ތެރެއިން އެޓީމު ވަނީ ތިން މެޗުން މޮޅުވެފައެވެ. ދެމެޗުން ވީ އެއްވަރެވެ.
ޑެންމާކް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފައިވާއިރު އެއްމެޗުން ވަނީ އެއްވަރުވެފައެވެ. އަދި އެއްމެޗުން ވަނީ ބަލިވެފައެވެ.