ކޮޕަ އެމެރިކާ: އާޖެންޓީނާ އާއި ޗިލީގެ ކުރިމަތިލުން އެއްވަރު ވެއްޖެ
ދެކުނު އެމެރިކާ ސަރަހައްދުގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް، ކޮޕާ އެމެރިކާގެ ގްރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗުގައި އާޖެންޓީނާ އާއި ޗިލީ އެއްވަރުވެއްޖެއެވެ.
ބްރެޒިލްގައި ފެށިގެން ކުރިއަށްދާ މި މުބާރާތުގައި ރޭ ކުޅުނު މެޗުން އާޖެންޓީނާ އާއި ޗިލީ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ އާޖެންޓީނާއިންނެވެ. މެޗުގެ 33 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީއެވެ.
އާޖެންޓީނާއިން ލީޑުގައި އޮވެ މެޗުގެ ފުރަތަ ހާފު ނިންމާލިއިރު، މެޗުގައި ޗިލީން ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ އޭރިއާ ތެރެއިން ޗިލީގެ އާޓޫރޯ ވިޑާލަށް އާޖެންޓީނާގެ ކުޅުނަތެރިއަކު ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ. ވިޑާލް ފޮނުވާލި ޕެނަލްޓީ އާޖެންޓީނާގެ ގޯލްކީޕަރު އެމީލިއާނޯ މާޓިނޭޒް މަތަކުރި ނަމަވެސް، ޗިލީގެ އެޑުއާޑޯ ވާގަސް ވަނީ ރިބައުންސް ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
މި މުބާރާތުގައި ދެން ކުޅެން ޖެހޭ މެޗުގައި އަޖެންޓީނާ ނިކުންނާނީ ޕެރަގުއޭއާއި ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަ ޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގައެވެ. އަދި ޗިލީ ނިކުންނާނީ ބޮލީވިއާއާއި ދެކޮޅަށެވެ. މި މެޗު ކުޅޭނީ މިމަހުގެ 19 ވަނަ ދުވަހުގައެވެ.