
ޔޫރޯ 2020: (ގުރޫޕް އީ) ޕޮލެންޑް – ސްލޮވާކިއާ
ޔޫރޯ 2020 މުބާރާތް މިހާރު ފެށިގެން ކުރިޔަށްދާއިރު މިރޭ ގުރޫޕް އީގެ މެޗުތަކުގެ ކުޅުން ފަށާނެއެވެ. އެގޮތުން މިރޭ ކުޅޭ ގުރޫޕް އީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޕޮލެންޑް އާއި ސްލޮވާކިއާއެވެ.
މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރަޝިއާގެ ކްރެސްޓޮވްސްކީ ސްޓޭޑިއަމްގައެވެ. މިއީ 67800 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއެކެވެ. މިރޭގެ މި މެޗު ބެލުމަށް 34000 ސަޕޯޓަރުން ދަނޑަށް ވެއްދުމަށް ޔޫއެފާއިން ވަނީ ނިންމާފައެވެ.
ސްލޮވާކިއާ އަދި ޕޮލެންޑްގެ ތާރީޚީ ބައްދަލުކުރުންތައް
ސްލޮވާކިއާ އަދި ޕޮލެންޑް މިހާތަނަށް އަށްފަހަރު ވަނީ ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން ޕޮލެންޑް ތިން ފަހަރު މޮޅުވެފައިވާއިރު، ސްލޮވާކިއާ މޮޅުވެފައިވަނީ ހަތަރުފަހަރުއެވެ. އެއް މެޗު ވަނީ އެއްވަރުވެފައެވެ.
ދެޓީމު އެންމެ ފަހުން ކުޅެފައިވާ 5 މެޗުގެ ނަތީޖާތަށް
ޕޮލެންޑް އެންމެ ފަހުން ކުޅުނު ފަސްމެޗުގެ ތެރެއިން މޮޅުވެފައިވަނީ އެއްމެ މެޗަކުންނެވެ. ތިން މެޗުން އެއްވަރުވެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ.
ސްލޮވާކިއާ އެންމެ ފަހުން ކުޅުނު ފަސްމެޗުގެ ތެރެއިން މޮޅުވެފައިވަނީ އެއްމެ މެޗަކުންނެވެ. އަނެއް ހަތަރު މެޗު ވަނީ އެއްވަރުވެފައެވެ.
ޕޮލެންޑް އަދި ސްލޮވާކިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 9 ޖަހާއިރުގައެވެ.