ޔޫރޯ 2020: އަލަށް ކޮލިފައިވި ފިންލެެންޑް އަަތުން ޑެންމާކް ބަލިވެއްޖެ
ޔޫއެފާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި ގުރޫޕް ބީގައި މިރޭ ބައްދަލުކުރީ ޑެންމާކްއާއި މި މުބާރާތަށް މުޅިން އަލަށް ކޮލިފައިވި ފިންލެންޑެވެ.
ފިންލެންޑް އަދި ޑެންމާކް ބައްދަލުކުރި މި މެޗު 0-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ފިންލެންޑުންނެވެ.
ޑެންމާކްގެ ކޯޕެންހޭގަންގެ ޕާކެން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ފެށިގެން މޮޅަށް ކުޅެމުން ދިޔައީ ޑެންމާކުންނެވެ. އެގޮތުން ފިންލެންޑްގެ ގޯލަށް ނުރައްކާތެރި ދެހަމަލާއެއް ޑެންމާކުން ފޮނުވާލާފައިވެއެވެ. ނަމަވެސް އޭގެ ތެރެއިން އެއް ހަމަލާއެއް ފިންލެންޑުގެ ކީޕަރު މަތަކުރިއިރު އަނެއް ހަމަލާ ދިޔައީ ގޯލާއި އަމާޒު ނުވެއެވެ.
ފަހު ހާފުގެ 43 ވަނަ މިނެޓުގައި ޑެންމާކުގެ މިޑްފީލްޑަރ ކްރިސްޓިއަން އެރިކްސަން ހޭނެތި ދަނޑުމައްޗަށް ވެއްޓުމާއި ގުޅިގެން މެޗުގެ ކުޅުން މެދުކަނޑާލުމަށް ފަހު އަލުން ފެށީ ގާތްގަނދަކަށް އޭގެ 45 ވަރަކަށް މިނެޓުފަހުންނެވެ. މި ހާދިސާއާއި ގުޅިގެން ޔޫއެފާއިން މެޗު ކުޅުން ކުރިޔަށް ނުގެންދާގޮތައް ހަމަ ޖެއްސި ނަމަވެސް އެރިކްސަންގެ ހާލު ރަނގަޅުވެ ދެޓީމުގެ ކުޅުންތެރިންވެސް މެޗު ކުރިޔަށް ގެންދިއުމަށް އެއްބަސްވުމާއި އެކު އަލުން މެޗުގެ ކުޅުން ފެށީ 11:30 ކަންހާއިރުއެވެ.
ދެޓީމުވެސް އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، މި މެޗުގައި ފިންލެންޑުން ޖެހި ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ މެޗުގެ 60 ވަނަ މިނެޓުގައެވެ. މި ލަނޑު ފިންލެންޑަށް ކާމިޔާބު ކޮށްދިނީ ޖެއާ ޔުރޮނެންގެ އެހީތެރިކަމާއި އެކު ޖޮއެލް ޕޮޖަންޕެލޯއެވެ. މި ލަނޑާއި އެކު ޑެންމާކުން ނަތީޖާ އަނބުރާލަން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ނަތީޖާ އެއްވަރުކޮށްލަން މެޗުގެ 74 ވަނަ މިނެޓުގައި ޑެންމާކަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ނަމަވެސް ޑެންމާކުގެ ޕިއެރެ އެމިލޭ ހޮޖްބާގް ފޮނުވާލި ޕެނަލްޓީ ފިންލެންޑްގެ ގޯލް ކީޕަރު މަތަކުރިއެވެ. މިއީ މެޗުގެ ނަތީޖާ އެއްވަރުކޮށްލަން ޑެންމާކަށް މެޗުގައި ލިބުނު އެންމެ ރަނގުޅު ފުރުސަތެވެ. ނަމަވެސް މި ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށް ވީ ފިންލެންޑް އަތުން ޑެންމާކް ބަލިވެގެން ދިއުމެވެ.
ޑެންމާކް ގުރޫޕް ސްޓޭޖުގައި މިމަހުގެ 17 ވަނަ ދުވަހު ނިކުންނާނީ ބެލްޖިއަމްއާއި ދެކޮޅަށެވެ. އަދި ފިންލެންޑް މިމަހުގެ 16 ވަނަ ދުވަހު ނިކުންނާނީ ރަޝިއާއާދެކޮޅަށެވެ.