ޚަބަރު ފީތާ

މެއި މަހު މީރާއިން 783.88 މިލިއަން ރުފިޔާ ބަލައިގެންފި

ފައިލް ފޮޓޯ

މޭ 2021 ގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 783.88 މިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން ހާމަކޮށްފި އެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 283.6% އިތުރު އަދަދެކެވެ. އަދި، މޭ 2021 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 16.7% އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މޭ 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މޭ 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ކޮވިޑް-19 އާ ގުޅިގެން މޭ 2020 ގައި މާލެ ފުރަބަންދުކޮށް، އެއަރޕޯޓް ބޯޑަރު ބަންދުކުރުމުގެ ސަބަބުން، ޓޫރިޒަމް ދާއިރާ އަދި އެހެން ދާއިރާތަކަށް ލިބުނު ހީނަރުކަމުގެ ސަބަބުން މޭ 2020 ގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުމެވެ.

މިގޮތުން، މޭ 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މޭ 2021 ގައި އިންކަމް ޓެކްސް، ޖީ.އެސް.ޓީ، ގްރީން ޓެކްސް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، އެއަރޕޯޓް ސަރވިސް ޗާޖް، އަދި ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން، ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން، ވަކި މުއްދަތަކަށް ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރުމަށް ނިންމައިފައިވާތީ، މޭ މަހުގެ ތެރޭގައި އައިސްފައިވާ ސުންގަޑިތަކެއް ފަސްކުރެވެވިފައިވާކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މޭ 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 63.3% ނުވަތަ 496.19 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކްސްއިންނެވެ. އެއީ %6.7 ނުވަތަ 52.68 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 33.44 މިލިއަން ރުފިޔާ (4.3%)، އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 32.74 މިލިއަން ރުފިޔާ (4.2%)، ވަރކް ޕަރމިޓް ފީގެ ގޮތުގައި 29.32 މިލިއަން ރުފިޔާ (3.7%) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 139.51 މިލިއަން ރުފިޔާ (17.8%) ހިމެނެއެވެ.

މޭ 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 32.79 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "މެއި މަހު މީރާއިން 783.88 މިލިއަން ރުފިޔާ ބަލައިގެންފި"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.