
ހަނގުރާމަވެރިންނަށް އެހީތެރިވުމުގެގޮތުން ޔަމަނުގެ އަންހެނުން ކާބޯތަކެތި ހަދަން ފަށައިފި
ހަނގުރާމަ ގަދަވަމުންދާ މި ދަނޑިވަޅުގައި، ކުރީ ސަފުގައި ތިބި މީހުންގެ ހިތްވަރު އާލާކުރުމަށްޓަކައި ޔަމަނުގެ އަންހެނުން ދަނީ ކާބޯތަކެތި ތައްޔާރުކޮށް ފޯރުކޮށްދެމުންނެވެ.
ފަތިހުގެ ވަޤުތުގައި، ބޮޑެތި ތަށިތަކާއި އަވަންތައް ތައްޔާރުކޮށް، ނަސީމް އަލް-އުދައިނީ އާއި އޭނާގެ އެކުވެރިން ދަނީ ކަދުރު އެޅި ފޮނިކާތަކެއްޗާއި ބިސްކޯދު ތައްޔާރުކުރުމަށް ފުށްގަނޑު މޮޑެމުންނެވެ.
މި ތަކެތި ހަނގުރާމައިގެ ކުރީ ސަފަށް ފޮނުވަނީ ”އަންހެނުން ތިބީ ތިޔަބައިމީހުންނާ އެކުގައި“ ކަން އަންގައިދީ، އެ މަސައްކަތްކުރި އަންހެނުންގެ ފަރާތުން އެއްބައިވަންތަކަމުގެ މެސެޖަކާ އެކުގަ އެވެ.
ވޭތުވެދިޔަ އަހަރުތަކުގައި، ހަނގުރާމަ ގަދަވާ ދަނޑިވަޅުތަކުގައި ސަރުކާރުގެ ސިފައިންނަށް އެހީތެރިވުމަށް ޔަމަނުގެ އަންހެނުން ބަދިގެތަކުގައި މިފަދަ ހަރަކާތްތައް ހިންގަ އެވެ.
”މި މަސައްކަތް އަޅުގަނޑުމެން ފެށީ 2015 ވަނަ އަހަރު. ނަމަވެސް ހަނގުރާމަ މަޑުޖެހުމުން ހަތަރު އަހަރަށް ވުރެ ގިނަ ދުވަހަށް މިކަން މެދުކެނޑުނު. ތާއިޒް ޕްރޮވިންސްގައި ހަމަނުޖެހުންތައް އަލުން އިތުރުވުމާ ގުޅިގެން މިއަދު އަޅުގަނޑުމެން މިވަނީ މި މަސައްކަތް އަލުން އާލާކޮށްފައި،“ – މަސައްކަތްކުރާ އަންހެނެއް
ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ހޫޘީން ވަނީ ހުދައިދާ އާއި ތާއިޒް ޕްރޮވިންސްގެ ސަރުކާރުގެ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. މި ހަމަލާތަކުގައި ހުދައިދާގެ ބާކީ ހުރި ސަރަހައްދުތަކާއި، މޮކާ ސިޓީގެ އިތުރުން ބާބުލް މަންދަބު ކަނޑުއޮޅި އާއި މައްޔޫން ރަށް ވަނީ އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.



