މޯލްޑިވްސް ކަސްޓަމްސްގެ އޮފިސަރުންނަށް އަމާޒުކޮށްގެން ހިންގި ”އޯ.ޑީ.އެސް ޓްރެއިނިންގް ޕްރޮގްރާމް“ ނިމންމައި، ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
ކަސްޓަމްސް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި ސެޓްފިކެޓްތައް ބައްސަވައިދެއްވީ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކަޓިވް ޑރ. ޢަބްދުﷲ ނަޞީރެވެ. މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިސްވެރިން މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
25 އޮކްޓޯބަރ ގައި ކުރިއަށް ގެންދިޔަ އެއްދުވަހުގެ މިތަމްރީނު ޕްރޮގްރާމްގައި ދިވެހިރާއްޖޭގައި މޮންޓްރިއަލް ޕްރޮޓޮކޮލްގެ އުސޫލުތައް ޤާއިމް ކުރުމާއި ބެހޭގޮތުންނާއި އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް އެތެރެކުރުން ކޮންޓްރޯލް ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެއްވިއެވެ.
އަދި އޯޒޯންފަށަލައަށް ގެއްލުންދޭ މާއްދާތައް އެކި ބައިތަކަށް ބެހުމާއި އެފަދަ ތަކެތި އެތެރެކުރުން ކޮންޓްރޯލް ކުރުމުގައި އެންފޯސްމަންޓް އޮފިސަރުންގެ ޒިންމާގެ މައްޗަށްވެސް އަލިއަޅުވާލިއެވެ.
މިތަމްރީނު ޕްރޮގްރާމުގައި ހިންގި ޢަމަލީ ހަރަކާތަކުން ނިމިގެންދިޔަ މިޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ކޮންޓްރޯލް ކޮށްފައިވާ ނުވަތަ މަނާކޮށްފައިވާ އޯޒޯންފަށަލައަށް ގެއްލުންދޭ މާއްދާތައް އެތެރެކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކަށް ކަސްޓަމްސްގެ މުވައްޒަފުން އަހުލުވެރިކޮށް ތަމްރީން ކުރުމާއި އެފަދަ މާއްދާތަކަކީ ކޮބައިކަން ދެނެގަނެ އެއިން ކުރާ ވަގު ވިޔަފާރިގެ މޢާމަލާތްތައް ހުއްޓުވުމަކަށް ގެނައުމެވެ.
މިއީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި މިނިސްޓްރީ އޮފް އެންވަޔަރްމަންޓް އެންޑް އެނަރޖީ ގުޅިގެން ހިންގި ޕްރޮގްރާމެކެވެ.