ނިމިގެން ދިޔަ ފުޓްބޯޅަ ސީޒަނުގެ ސްޕެނިޝް ލީގުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު، އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އެންޓޮއިން ގްރިޒްމަންއަށް ލިބިއްޖެއެވެ.
ރޭ ވެލެންސިއާގައި ބޭއްވި ރަސްމިއްޔާތުގައި ގްރީޒްމަންއަށް މި އެޥޯޑް ލިބުނުއިރު މިއީ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފިޔަވައި އެހެން ކުޅުންތެރިއަށް، މި އެވޯޑު ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ލީގުގެ ތިންވަނައިގައި އޮވެ މިދިޔަ ސީޒަން އެތްލެޓިކޯ މެޑްރިޑް ނިންމާލިއިރު ގްރިޒްމަން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގުގައި ކުޅުނު 38 މެޗުގައި 22 ގޯލް ގްރިޒްމަން ކާމިޔާބުކޮށްފައިވެއެވެ.
މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގުގެ އެންމެ މޮޅު ކޯޗަކަށް އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ހޮވުނުއިރު، އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ އެޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު، ޑިއޭގޯ ގޮޑިންއެވެ. އަދި އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައިވަނީ އެތްލެޓިކޯ މެޑްރިޑްގެ ގޯލްކީޕަރު، އޮބްލަކްއެވެ.
އެންމެ މޮޅު މިޑްފިލްޑަރަކަށް ރެއާލް މެޑްރިޑްގެ ލޫކާ މޮޑްރިޗް ހޮވިނުއިރު އެންމެ މޮޅު ފޯވާޑަކަށް ހޮވުނީ ބާސެލޯނާގެ އިތުބާރު ފޯވާޑް ލިއޮނަލް މެސީއެވެ.
މީގެއިތުރުން ސްޕެނިޝް ލީގުގައި މިދިޔަ ސީޒަނުގައި ކުޅުނު އެންމެ މޮޅު ”ފޮރިން ޕްލެޔަރަކަށް“ ހޮވިފައިވަނީ ބާސެލޯނާއަށް ކުޅެމުން އަންނަ ލުއިސް ސުއަރޭޒްއެވެ.