
އައްޑު ސިޓީން ހައްޔަރުކުރި ހަރުކަށި ފިކުރުގެ މީހުންގެ ބަންދަށް މުއްދަތު ޖަހައިފި
އައްޑު ސިޓީން ހައްޔަރުކުރި ހަރުކަށި ފިކުރުގެ މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީގައި ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދަށް 15 ދުވަސް އަދި ހަތަރު މީހެއްގެ ބަންދަށް ހަތް ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ.
ޓެރަރިޒަމާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި އައްޑޫ ސިޓީން ހަތް މީހަކު ހައްޔަރު ކޮށްފައިވާ އިރު، އެ މީހުން ހައްޔަރުކުރި ވަކި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އައްޑޫގައި ސަލާމަތީ ބާރުތަކުން މި އޮޕަރޭޝަނެއް ހިންގާފައި މިވަނީ މި މެއި މަހުގެ ހަވަނަ ދުވަހުގެރޭ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު އެވެ. އަދި އެ ހަމަލާއަށް ފަހު، ރާއްޖޭގެ ސެކިއުރިޓީ ވަރުގަދަކޮށް، މާލެ އާއި އަތޮޅު ތެރޭގައި ހަތިޔާރާއިއެކު ސިފައިން ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.