ގާރލްގައިޑަށް މިއަހަރު ޑޮނޭޝަންގެ ގޮތުގައި ލައްކަ އަކަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ
ގާރލްގައިޑް އެސޯސިއޭޝަންގެ މިއަހަރު ޑޮނޭޝަންގެ ގޮތުގައި ލައްކަ އަކަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެެވެ.
އެ އެސޯސިއޭޝަނުން ބުނީ ކޮވިޑުގެ ހާލަތާއި ގުޅިގެން މިއަހަރުގެ ހަރަކާތް ވަރޗުއަލްކޮށް ބޭއްވި ނަމަވެސް ގުރައިދޫ މަރުކަޒުގައި ތިބި މީހުންނަށް އީދު ހަދިޔާ ފޮނުވި ކަމަށެވެ. އަދި އެ މަރުކަޒަށް ބޭނުންވާ ތަކެތީގެ އެހީތެރިކަންވެސް ފޯރުކޮށްދިން ކަމަށެވެ.
ގާލްގައިޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިސްނަގައިގެން ކުރިއަށްގެންދާ އެނުއަލް އީދު ޕްރޮޖެކްޓުގެ މިއަހަރުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވަނީ ބައިވެރިވަޑައިގަންނަވާފަ އެވެ.
މި ހަރަކާތުގައި ވާހަކަ ދައްކަވަމުން އެ އެސޯސިއޭޝަނުގެ ޗީފް ގައިޑް މެޑަމް ފަޒުނާ ވިދާޅުވީ މިއީ ވަރަށް މުހިންމު އަދި ވަރަށް ބޭނުންތެރި ހަރަކާތެއް ކަމަށެވެ. އަދި ކޮވިޑުގެ މި ހާލަތުން އަރައިގަނެގެން މި ހަރަކާތުގެ ތެރެއިން އެންމެ ފުރަތަމަ ކުރައްވާ ދަތުރުގައި އެކަމަނާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ގާލްގައިޑް އެސޯސިއޭޝަނުން އިސްނަގައިގެން ކޮންމެ އަހަރަކުވެސް އީދު ފާހަގަކުރުމުގެ ކުރިއަށް ގެންދާ މި ހަރަކާތް ކޮވިޑުގެ ހާލަތާ ގުޅިގެން މިދިޔަ އަހަރާއި މިއަހަރުވެސް ކުރިއަށް ގެންދިޔައީ ވާރޗުއަލްކޮށެވެ.
ގާލްގައިޑު އެސޯސިއޭޝަނުން މި ހަރަކާތް ކުރިއަށްގެންދަނީ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބެނުންވާ މީހުންގެ މަރުކަޒުގައެވެ.
ފަންނާނުންނާއެކު ކުރިއަށްގެންދިޔަ މި ހަރަކާތުގައި މެޑަމް ފަޒުނާގެ އިތުރުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީވެސް ވަނި ބައިވެރިވެވަޑައިގެންފައެވެ.
2019 ވަނަ އަހަރު ކުރިއަށްގެންދިޔަ މި ހަރަކާތުގައި ވެސް މެޑަމް ފަޒުނާ ވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ.
2000 ވަނަ އަހަރުން ފެށިގެން ގާލްގައިޑު އެސޯސިއޭޝަނުން ކުރިއަށްގެންދާ މި ހަރަކާތް ކޮންމެ އަހަރަކު ފިތުރު އީދު ދުވަހާ ގުޅިގެން ހިންގަމުންދެއެވެ. މި ހަރަކާތުގެ ތެރެއިން ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ.