ކޮވިޑް ޖެހިގެން ދިއްދޫން މީހަކު ނިޔާވެއްޖެ، މިއަދުގެ ދެވަނަ މަރު
ކޮވިޑް-19 ޖެހިގެން ހއ.ދިއްދޫން މީހަކު ނިޔާވެއްޖެއެވެ. މިއީ ކޮވިޑްގައި މިއަދު މިޔާވި ދެވަަނަ މީހާއެވެ.
އެޗްޕީއޭ އިން ވިދާޅުވީ ދިއްދޫގައި ހުންނަ ހއ.އަތޮޅު ހޮސްޕިޓަލަށް މިއަދު ހެނދުނު ގެންދިޔަ 83 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފައިވާ ކަމަށެވެ. އޭނާ ނިޔާވިކަމަށް ނިންމާފައި ވަނީ ހެނދުނު 08:45 ގައެވެ.
ކޮވިޑްގައި މިއަދު ނިޔާވި ދެމީހުންނާއި އެކު ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ހަތް މީހަކު ނިޔާވިކަމަށް ރެކޯޑްތަކުން ދައްކައެވެ.
ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި ޖުމްލަ މީހުންގެ އަދަދު މިހާރު ވަނީ 94 އަށް އަރާފައެވެ.
މިއަދުގެ ދެވަނަ މަރާއެކު ރާއްޖެއިން ކޮވިޑުގައި ދުނިޔެ ދޫކުރި މީހުންގެ އަދަދު 94 އަށް އަރާފައިވާއިރު އިއްޔެ އެކަނިވެސް ފަސް މީހަކު ވަނީ ނިޔާވެފައެވެ.
ރާއްޖޭގައި ކޮވިޑުގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން ގޮސް މި ބަލިގައި މަރުވާ މީހުންގެ އަދަދުވެސް މިވަނީ ބިރުގަންނަވަރަށް މައްޗަށް ގޮސްފައެވެ. ފާއިތުވި މުޅި މަސްދުވަހަށް ބަލާއިރު މި ބަލީގައި21 މީހަކު ވަނީ ނިޔާވެފައެވެ.
ރާއްޖެއިން ކޮންމެ ދުވަހަކު ޕޮޒިޓިވް ވާ އަދަދު އުޅެނީ 1200 އިން މަތީގައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 15 ހާހުން މަތީގައެވެ. އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަ އަދަދުވެސް ވަނީ އިތުރުވެފައެވެ.