އެސެޓް ރިކަވަރީ ކޮމިޝަން އުފައްދާފައިވަނީ ރަނގަޅު ނިޔަތެއް އޮވެގެން ނޫން: ޕީޕީއެމް
މިސަރުކާރު ވެރިކަމަށް އައިސް އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަން އުފައްދާފައިވަނީ ރަނގަޅު ނިޔަތެއް އޭގައި އޮވެގެން ކަމަށް އެއް އިރަކުވެސް ޤަބޫލެއް ނުކުރެވޭ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފި އެވެ.
އެ ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެއީ އެ ކޮމިޝަންގެ ރައީސްއަކަށް އިންނެވި ބޭފުޅަކީ ކޮރަޕްޝަންގެ އެތައް ތުހުމަތެއް ކުރެވި އަދި އެފަދަ ކަންކަމުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.
އެ ކޮމިޝަން އުފައްދައިގެން 2 އަހަރާއި ބައި ވެގެން ދިޔަ އިރުވެސް އެދެވޭ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވުމުން ދޭހަވަނީ އެ ކޮމިޝަނާއި ޙަވާލު ކުރެވުނު ކަމަށް ބުނާ މަސްއޫލިއްޔަތުތަކަކީ ހަމައެކަނި ކަރުދާހެއްގައި ލިޔެވިފައިވާ މަސްއޫލިއްޔަތު ތަކެއް ކަމަށް ވެސް ޕީޕީއެމް ގެ ބަޔާނުގައި ބުނެފައި ވެއެވެ.
ޕީޕީއެމް އިން ބުނީ އޭގެ ބަދަލުގައި އެކޮމިޝަނުން ކުރަމުން ގެންދިޔައީ ސިޔާސީ މަސައްކަތްތަކެއް ކަމަށާއި އެސެޓް ރިކަވަރީ ކޮމިޝަނުގެ މަސައްކަތަށް 2 އަހަރާއި ބައި ވެގެން ދިޔަ އިރު އެކޮމިޝަނަށް ތައްޔާރު ކުރެވިފައިވާ ހަމައެކަނި ލިސްޓުގައި ވާ ނަންތަކާ މެދުވެސް ސުވާލު އުފެދޭ ކަމަށެވެ.
”ބަޔަކު ބުނި ބަހަކަށް ނުވަތަ ފޯނެއްގައި ލިޔެފަ ހުރި ވާހަކަތަކެއްގެ މައްޗަށް ބުރަވެ ކުށެއް ނެތް މައުސޫމް އެތައް ރައްޔިތެއްގެ ނަން ހިމަނާ ލިސްޓެއް ތައްޔާރުކޮށް، އެފަރާތްތަކާއި ސުވާލު ކުރުމެއް ނެތި، އެ ލިސްޓު މަޖިލީހާއި ޙިއްސާ ކުރުމުންވެސް އެލިސްޓު ތައްޔާރު ކުރި މަޤްޞަދު ވަރަށް ބޮޑަ ހާމަވެގެންދޭ. އަދި އެއީ ޒިންމާދާރު މަސައްކަތެއް ކުރާ ޕްރޮފެޝަނަލް ބަޔަކު ކުރާނެ ކަމެއްވެސް ނޫން.“ ޕީޕީއެމް ގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ހަމައެއާއެކު އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓުގައި 280 ފަރާތަށް ވުރެ ގިނަ ފަރާތެއްގެ ނަންތައް ހިމެނިފައިވާއިރު، އެމްއެމްޕީއާރްސީގެ ޚިޔާނާތް ހިންގުމުގެ އެންމެ އަޑީގައި ތިބި ފަރާތްތަކުގެ ނަންތައް އެ ލިސްޓުގައި ނެތްކަންވެސް އެ ކޯލިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރުންވެސް، މި ޚިޔާނާތުގައި ބައިވެރިވި ފަރާތްތައް އިނގިރޭސި ވިލާތުގައި ބައިތިއްބައިގެން، އެމީހުންނަކީ ސިޔާސީ ގޮތުން ސަރުކާރާއި ވާދަވެރި ފަރާތްތަކުގެ އަބުރު ކަތިލުމަށް ބޭނުންކުރާ ހަތިޔާރަކަށް ހަދާފައިވުމުންވެސް މި މައްސަލަ ތަޙުޤީޤުކޮށް އެ ފައިސާ އަނބުރާ ހޯދުމުގެ ނިޔަތެއް ސަރުކާރުގެ ނެތްކަން ހާމަވެގެން ދާ ކަމަށް ވެސް ޕްރޮގްރެސިވް ކޯލިޝަންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.