ކޮވިޑުގެ ފިޔަވަޅުތައް ތަންފީޒު ކުރަން ސިފައިން ހަރަކާތްތެރިވާން ފަށައިފި
މާލެ ސަރަހައްދުގައި ކޮވިޑު ކޭސްތައް އިތުރުވަމުން އަންނާތީ އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރަން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.
ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން މި އަންނަނީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މާލެއާއި އެހެން ސަރަހައްދުތަކުގައި ސެކިއުރިޓީ ވަރުގަދަ ކުރަމުން ވެސް އަންނަ ދަނޑިވަޅެއްގަ އެވެ.
ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެފައި ވާއިރު، ފާއިތުވެދިޔަ ދެތިން ދުވަހެއްގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި ޢަދަދު އުޅެނީ ހާހުން މަތީގަ އެވެ.
ކޮވިޑު ކޭސްތައް އިތުރުވަމުން އަންނާތީ މާލެ ސަރަހައްދުގައި މިހާރު ވަނީ ކާފިއު ހިންގާފަ އެވެ. އެގޮތުން ހަވީރު 4 އިން ފަތިހު 4 އަށް ކާފިއު ހިންގާފައި ވާއިރު، ކާބޯތަކެތި ވިއްކާ ތަންތާނގައި ތިބެގެން ކެއުން ބުއިން ވެސް ވަނީ މަނާ ކޮށްފައެވެ. އަދި މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުންވެސް ވަނީ މަނާކޮށްފައެވެ.
ފުލުހުން ބުނެފައި ވަނީ ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަަށް ހުޅުމާލޭގައި ކުރިއަށް ގެންދަން އުޅުނު ހަރަކާތެއް މިއަދުވެސް ހުއްޓުވާފައި ވާކަމަށެވެ.