ޝައްވާލު މަހުގެ 6 ރޯދަ ހިފުމުގެ މާތްކަން
ރަމަޟާންމަސް ނިމުނުނަމަވެސް އެ މައްސަރުގައި ކުރެވި ދިޔަ މާތް އަޅުކަންތަކުގެ މަތީ މަތީގައި ދެމިހުރުމަކީ ކޮންމެ މުސްލިމެއްގެ ކިބައިން ނުހަނު ބޮޑަށް އެދެވިގެންވާ ކަމެކެވެ.
އޭނާގެ ނަފްސު ޠާހިރުކޮށް، އޭނާގެ އާޚިރަތް ބާއްޖަވެރިކޮށް، އޭނާ ހައްދަވާ ގެންގުޅުއްވާ އިލާހުގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި ރޯދައަކީ ހިތްތަކުގައި ޖަހާ ދަބަރު ފިލުވާލާ ހިއްތައް ސާފުކޮށްލާ މާތް މުހިއްމު އަޅުކަމެކެވެ. ހިތްތަކުގެ އެންމެހާ ބަލިތަކުން ޝިފާ ލިއްބައިދޭ ބޭހެކެވެ. އެހެންކަމުން ރަމަޟާން މަސް ލެއްވިގެންވަނީ ހިތްތަކަށް ލިބޭ ޠަހާރަތެއް ކަމުގައެވެ.
މިގޮތުން ރަމަޟާން މަސް ނިމުމަށްފަހު ޝައްވާލު މަހުން 6 ރޯދަ ހިފުމަކީ ހެޔޮޢަމަލުގެ ތިލަފަތް ބަރުކޮށްލަން ލިބިގެންދާ އަގުހުރި ރަނުގެ ފުރުޞަތެކެވެ. ޝައްވާލު މަހުގެ 6 ދުވަހުގެ ރޯދަހިފުމަށް ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އުއްމަތަށް އިރުޝާދު ދެއްވާފައެވެ. އޭގެ މާތްކަން ބަޔާން ކުރައްވާފައެވެ. މި ހަ ރޯދަ ހިފުމަށް ބާރުއަޅުއްވާފައިވެއެވެ.
ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘުކުރެއްވިއެވެ. «مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتاًّمِنْ شَوَّال كَانَ كَصِيَامِ الدَّهْرِ» “رواه مسلم وغيره”މިބަސްފުޅުގެ މާނައީ “ރަމަޟާން މަހުގެ ރޯދައަށް ފަހު ޝައްވާލު މަހުން ހަ ރޯދަ ހިފައިފީ މީހާ މުޅި އަހަރުގެ ރޯދަ ހިފި ފަދަ އެވެ.”الإمام النووي رحمه الله ވިދާޅުވިއެވެ.
ޢިލްމުވެރިން ވިދާޅުވިއެވެ. މުޅި އަހަރުގެ ރޯދަ ހިފި ކަމުގައި ވަނީ، އެއީ ހަމަކަށަވަރުން ހެޔޮކަމެއް ވަނީ އޭގެ 10 ގުނަ ފަދައިންނެވެ. ފަހެ ރަމަޟާން މަހަކީ 10 މަސް ފަދައެވެ. 6 ދުވަހަކީ ދެމަސް ފަދައެވެ.”
އޭގެ މާނައަކީ؛ ކޮންމެ ހެޔޮކަމެއް އެއީ އޭގެ 10 ގުނަ ފަދައިން ސަވާބާއި ދަރުމަ ލިބޭނެ ކަމެކެވެ. އެގޮތުން މުޅި ރަމަޟާންމަހުގެ ރޯދަ ހިފުމުން އޭގެ 10 ގުނަ ސަވާބާއި ދަރުމަ ލިބިގެން ދެއެވެ. އެއީ 10 މަސް ދުވަހެވެ. 6 ރޯދަ ހިފުމުން އެއީ 60 ރޯދަ ހިފި ފަދައެވެ. އެއީ ދެމަސް ދުވަހެވެ.
އެހެން ކަމުން މުޅި އަހަރުގެ ރޯދަ ހިފުމާއި އެއްފަދަ ކަމަށް ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެވަނީ އިރުޝާދު ދެއްވާފައެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި މަތިވެރި ބޮޑު ދަރުމައިން އަމިއްލަ ނަފްސާއި ގާތްތިމާގެ މީހުންނާއި އެކުވެރިން މަޙްރޫމު ނުކުރައްވާށެވެ. އަމިއްލައަށް މި 6 ރޯދަ ހިއްޕަވާށެވެ. އަދި އެހެން މީހުންނަށް ވެސް މީގެ މާތްކަމާއި މަތިވެރިކަން ބަޔާންކޮށްދެއްވާށެވެ.
ހަނދުމަ ކުރައްވާށެވެ. ހެޔޮ ކަމަކަށް މަގުދައްކައިފި މީހާއަށް އެ ހެޔޮކަމެއް ކުރާ މީހާއަށް ލިބޭ މިންވަރަށް ސަވާބާއި ދަރުމަ ލިބޭނެއެވެ. އެއީ އެ ޢަމަލުކުރާ މީހާގެ ސަވާބާއި ދަރުމައިން އެއްވެސް މިންވަރެއް އުނި ނުވާ ޙާލުގައެވެ. މިއީ ނަބަވީ ދޫފުޅުން އަޅުގަނޑުމެންނަށް ދެއްވާފައިވާ އުފާވެރި ޚަބަރެކެވެ.
އެހެންކަމުން ތިމާއަށް ވީ މިންވަރަކުން، ބޭނުން ކުރެވުނު ކޮންމެ ވަޞީލަތެއް ބޭނުންކޮށްގެން، މި ހެޔޮކަމަށް މީސްތަކުންނަށް މަގު ދައްކަވާށެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަށް ހެޔޮކަންތައް ކުރުމުގެ ތައުފީޤް ދެއްވާށި! އާމީން