
ކާރެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި
ހުޅުމާލޭގައި އޮތް ކާރެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، މި ކާރުގައި ރޯވި ކަމުގެ މައުލޫމާތު ލިބުނީ، ރޭ މެންދަމު 02:17ހާއިރު އެވެ. އަދި ރޯވެފައިވަނީ ހުޅުމާލޭ ފޭސް ދޭއްގެ ވިނަރެސް ޓަވަރު 3 ގެ ބީ ބްލޮކް ކައިރީ އޮތް ކާރެއްގައި ކަމަށް ވެސް އެފަރާތުން ބުނެފައިވެ އެވެ.
މިހާދިސާގެ މައުލޫމާތު ލިބުމާއެކު ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވެ އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް، ރޯވި ކާރު ބޭނުން ނުކުރެވޭވަރަށް ވަނީ އަނދާފައެވެ. އަދި، އެ ކާރު ކައިރީ އޮތް އިތުރު ދެ ކާރަކަށްވެސް ގެއްލުންވެފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.
މިހާތަނަށް މި ކާރުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް ސާފުވެފައެއް ނުވެއެވެ. އަދި މިހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



