ގުރްއާން ކިޔެވުމުގެ އަދަބުތަކުގެ ތެރެއިން ވުޟޫ މަތީގައި ހުރެގެން ގުރްއާން ކިޔެވުން
ކޮންމެ ވަގުތަކު ގުރްއާން ކިޔަވަން ފެށިނަމަވެސް، ގުރްއާން ކިޔަވަން ފެށުމުގެ ކުރިން ވުޟޫކޮށް، ސިވާކު ކުރުމަކީ އެދެވިގެންވާ ކަމެކެވެ. އެހެނީ، އެކަމަކީ ﷲ ގެ ފޮތް މަތިވެރި ކުރުމުގެ ގޮތުން ކުރެވޭ ކަމެކެވެ. އަދި އެފަދަ މީހުންނާއި މަލާއިކަތް ބޭކަލުން ގާތްވެ ވަޑައިގަންނަވާނެތީވެއެވެ.
މުޞްޙަފްގައި އަތް ނުލާ ކިޔަވާނަމަ ވުޟޫ ނުކުރިޔަސްވެސް ރަގަޅެވެ.
ޙައިޟުގެ ދުވަސްވަރު ގުރްއާން ކިޔެވުމާ ބެހޭ ގޮތުން ޢިލްމުވެރިންގެ މެދުގައި ޚިލާފުތަކެއްހުރި މައްސަލައެކެވެ. އެގޮތުން:
ޖުމްހޫރު ޢީލްމުވެރިން (ގިނަޢިލްމުވެރިން) ދެކެވަޑައިގަންނަވަނީ ހައިޟުވެރިޔާ ހައިޟުގެ ދުވަސްވަރު ޤުރުއާން ކިޔެވުމަކީ ޙަރާމްކަމެއްކަމުގައެވެ. ހަމަ އެކަނި އިސްތިޘްނާ ވެގެންވަނީ އޭނާ ދުޢާކުރުމުގައި ބޭނުންކުރާ ބައެއް އާޔަތްތަކެވެ. މިސާލަކަށް ( رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي اْلآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ) ސޫރަތުލް ބަޤަރާ 201 .
އިމާމް މާލިކް رحمه اللهގެ މަޒްހަބުގައާއި އަދި އިމާމް އަޙްމަދު رحمه الله ގެ ރިވާޔަތެއްގައި ޙައިޟުވެރިން ޤުރުއާން ކިޔެވުމަކީ ހުއްދަކަމެއްކަމުގައި ވިދާޅުވެއެވެ. އަދި މިއީ ޝައިޚުލްއިސްލާމް އިބްން ތައިމިއްޔާ رحمه الله އަދި އިމާމް ޝައުކާނީ رحمه الله ވެސް ބުރަވެ ވަޑައިގަންނަވާ ގޮތެވެ. އެބޭފުޅުންވިދާޅުވަނީ: ސާފު ޞަރީޙަ ލަފްޒެއް ކީރިތިޤުރްއާނުންވެސް އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތުންވެސް ވާރިދުވެގެން އައިސްފައި ނުވާކަމަށެވެ. ށ- ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ދުވަސްވަރުގައި ހައިޟުގެ ޙާލަތު ގައި ތިބޭ އަންހެން ބޭކަނބަލުންނަށް ޤުރްއާންކިޔެވުމަށް އެކަލޭގެފާނު މަނާނުކުރައްވައެވެ.
މައްސަލާގައި ބޮޑަށް ބުރަވެވެނީ އަންހެނުންނަށް ހައިޟުގެ ދުވަސްވަރުގައި ޤުރުއާން ކިޔެވިދާނެކަމަށެވެ. ނަމަވެސް ޝުބުހާއިން (ޝައްކުތަކުން) ދުރުވުމަށްޓަކައި ޟަރޫރީ ޙާލަތްތަކުގައި މެނުވީ ނުކިޔެވުމަކީ އެންމެ މޮޅު އިތުރު ގޮތްކަމުގައި ފެނެއެވެ. މިސާލަކަށް ހިތުން ދަސްކުރާމީހެއް ހަދާނުން ނެތިދާނެކަމަށްޓަކައި އަދި ކިޔަވާ ކުއްޖަކު އޭނަގެ ތަޢުލީމަށްޓަކައެވެ. ނަމަވެސް މުޞްޙަފު (ޚަތިމް) ގައި ބީހުމެއްނެތިއެވެ. والله أعلم
ޙައިޟުވެރިޔާ ޙައިޟުގެ ދުވަސްވަރުގައި ޒިކުރުކުރުމަކީ ހުއްދަކަމެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމް ޙައްޖުތެރޭގައި ޢާއިޝާ ރަޟިޔަﷲ ޢަންހާ ޙައިޟުގެ ޙާލަތުގައި އިންނަވާ ހިނދު ޙަދީޘް ކުރެއްވިއެވެ: ” اِفْعَلِي مَا يَفْعَلُهُ الحَاج غَيْرَ أَنْ لَا تَطَوفي فِي الْبَيْتِ حَتَّى تَطَهِّرِي” މާނައީ: ކަމަނާ ޙައްޖުވެރިންކުރާ ކަންތައްތަކުގެތެރެއިން ޠަވާފު ނޫން އެހެން ކަންތައް ކުރައްވާށެއެވެ.“ އެބަހީ މިނާގައި ރޭކުރުމާ ހިލައުކުމާއި ތަލްބިޔާ ކިޔުމާއި ތަޙްލީލް، ތަމްޙީދު އަދި ތަކްބީރު ފަދަ ކަންތައްތަކެވެ.
މަޝްދަރު: ޑރ އިޔާޟް ޢަބުދުއްލަތީފް