ޝައިޚް އިލްޔާސް ޙުސައިނަށް ދީނީ ދަރުސްދިނުން މަނާކުރުމަކީ ޤައުމަށް ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު އަލްއުސްތާޛާ އަނާރާ ނަޢީމު ވިދާޅުވެއްޖެއެވެ.
މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޝައިޚް އިލްޔާސް ޙުސައިންއަށް ދީނީ ތަޤުރީރު ދެއްވުމަށް ދީފައިވާ ހުއްދަ ބާޠިލްކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އަނާރާ ވިދާޅުވީ ރާއްޖޭގެ ދީނީ ޢިލްމުވެރިންނަކީ ޤައުމު އެއްބައިވަންތަކޮށް ހަމަޖެހުން ޤާއިމްކުރުމަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ބައެއްކަމަށެވެ.
އަދި ދީނީ ޢިލްމުވެރިންނަށް ހައްޤުބަސް ބުނުމުގެ ފުރުޞަތު ސަރުކާރުން ދެއްވަންޖެހޭ ކަމަށާއި އެއްވެސް އިންޒާރެއް ދިނުމެއްނެތި ޝައިޚަ އިލްޔާސް ޙުސައިނަށް ދީފައިވާ ދީނީ ދަރުސްދިނުން މަނާކުރި ކަމަކީ ޤައުމަށް ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށްވެސް އަނާރާ ވަނީ ވިދާޅުވެފައެވެ.
އަނާރާ އިތުރަށް ވިދާޅުވެފައިވަނީ ޝައިޚް އިލްޔާސް އަކީ ދީނީގޮތުން ހޭލުންތެރިކަން ގެނައުމަށް އެންމެބުރަކޮށް މަސައްކަތްކުރައްވާ ބޭފުޅާ ކަމަށާއި ދިވެހިރައްޔިތުންގެ ދުނިޔޭގެ ހަޔާތާ އާޚިރަތުގެ ހަޔާތް ބާއްޖަވެރިކުރުމަށްޓަކައިވެސް މި ޤައުމުގައި ޚިދުމަތްކުރާ ރައްޔިތުންނަށް އެ ފުރުޞަތު ދޭންޖެހޭ ކަމަށެވެ.
ޝައިޚް އިލްޔާސް ދީނީ ތަޤުރީރު ދެއްވުމަށް ދީފައިވާ ހުއްދަ މިމަހުގެ 17ވަނަ ދުވަހު ބާޠިލުކޮށްފައިވާ އިރު، އެކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އެ ހުއްދަ ބާޠިލު ކުރީ ދިވެހިންގެ ދީނީ އެއްބައިވަންތަކަމާއި ބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ހުކުރު ކުރުމުގެ އުޞޫލާއި ޚިލާފަށް ޢަމަލުކުރުމުން ކަމަށެވެ.
1995 ވަނަ އަހަރުން ފެށިގެން ދީނީ ދަރުސް ދިނުމާއި ޚުޠުބާ ކިއުމުގެ ހުއްދަ ޝައިޚް އިލްޔާސްއަށް ލިބިފައިވާ އިރު، 2008 ވަނަ އަހަރު އެއްވެސް އެއްޗެއް ނުބަލައި ޚުޠުބާ ކިއުމުގެ ހުއްދަ އޭރުގެ ސަރުކާރުން އޭނާއަށް ވަނީ ދީފައެވެ. މި މައްސަލައިގައި ޝައިޚް އިލްޔާސް ވިދާޅުވީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ދީނީ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.