އެޗްޕީއޭގެ އެންގުންތަކަށް ތަބާވެ، ޢަމަލު ކުރުމަށް އެޗްއާރްސީއެމް އިން އިލްތިމާސް ކޮށްފި
އެޗްޕީއޭގެ އެންގުންތަކަށް ތަބާވެ، ޢަމަލު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސް ކޮށްފި އެވެ.
އެ ކޮމިޝަނުން ބުނީ މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19ގެ ޙާލަތު ރާއްޖޭގައި އަނެއްކާވެސް މިދަނީ ގޯސްވަމުން ކަމަށާއި މާލެއާއި އަތޮޅުތަކުގައި މި ބަލީގެ މީހުން އިތުރުވަމުން ދާކަމީ އެ މިޝަނުން ކަންބޮޑުވާކަމެއް ކަމަށެވެ.
“ އެހެންކަމުން މި ޙާލަތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގަވާފައިވާ އެންގުންތަކަށް ތަބާވެ އެ ގޮތަށް އަމަލުތައް ބެހެއްޓެވުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރަމެވެ.“ އެޗްއާރްސީއެމް އިން ބުންޏެވެ.
މީގެ އިތުރުން މި ބަލިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ކަމާބެހޭ އިދާރާތަކުން އަންގަވާފައިވާ ގޮތުގެ މަތިން ކުރިއަށް ގެންދެވުމަށްވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ރައްޔިތުންނަށް ލިބިދޭ ހައްޤުތައް ލިބިގަތުމުގައި މިހާރުގެ ހާލަތާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓެވުމަށް އިލްތިމާސް ކޮށްފައިވެއެވެ.
ކޮވިޑް-19 އާ ގުޅިގެން ހޮސްޕިޓަލްތަކުގެ އެނދުތައް ފުރެމުންދާ މި ދަނޑިވަޅުގައި މާބަނޑު މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުން އަދި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނާއި ކުއްލި ޙާލަތްތަކުގައި ހޮސްޕިޓަލުން ޚިދުމަތް ހޯދަންޖެހޭ ފަރާތްތަކަށް އެ ޚިދުމަތްތައް ފަހިކޮށްދެއްވޭނެ އިންތިޒާމް، ކަމާބެހޭ ފަރާތްތަކުން ހަމަޖެއްސެވުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމުގައި ވެސް އެޗްއާރްސީއެމް އިން ވަނީ ފާހަގަ ކުރައްވާފަ އެވެ.