ޑްރައިވިން ލައިސަންސް ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފި
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދިނުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ، ކޮވިޑް-19ގެ ހާލަތު މާލެ ސަރަހައްދުގައި އިތުރަށް ގޯސްވަމުން އަންނާތީވެ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ޑްރައިވިން ލައިސަންސަށް އަލަށް އެދޭ ފަރާތްތަކަށް ވަގުތީ ގޮތުން ޚިދުމަތް ދިނުން ހުއްޓާލާފައިވާ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މި ޚިދުމަތް މެދު ކަނޑާލީ ކިހާ މުއްދަތަކަށް ކަމެއް ހާމައެއް ނުކުރެއެވެ. ނަމަވެސް އަލަށް ލައިސަންސް ނަގަން ބޭނުންވާ މީހުންނަށް އެ ހިދުމަތް ހުއްޓާލި ނަމަވެސް މުއްދަތު ހަމަވެފައިވާ ލައިސަންސް ކާޑު އާ ކޮށްދިނުމުގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓީން ދެމުންދާ އެހެނިހެން ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.