ކޮވިޑު ކޮންޓްރޯލު ނުވުމުގެ ޒިންމާ ނަގަންވީ ރައްޔިތުން ހެއްޔެވެ؟

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ ޢަދަދު މިވަނީ އިންތިހާއަށް މައްޗަށް ގޮސް, ނުރައްކަލުގެ ރަނގަބީލު އަޅަން ފަށާފައެވެ. މުޅި ރާއްޖޭގެ އެތައްރަށަކަށް މިބަލިމަޑުކަން މިވަނީ ފެތުރިފައެވެ. އެތައް ރަށެއް މިވަނީ މޮނިޓަރިންގެ ޙާލަތުގައެވެ. ރައްޔިތުން މިތިބީ ހާސްކަމެއްގެ ތެރޭގައެވެ.

ކޮވިޑާއި ގުޅިގެން އަންނަނީ އެކި ފަހަރުމަތިން އެކި ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން ލޮކްޑައުން ކުރުމާއި، ކަރަންޓީނުގެ އުސޫލާއި، މާސްކް އެޅުން މަޖުބޫރު ކުރުންފަދަ އެތައް ފިޔަވަޅެއް އެކި ފަހަރުމަތިން ވަނީ އަޅާފައެވެ. ވަކި ގަޑިތަކެއްގައި މާލެ އަދި ހުޅުމާލޭގައި ބޭރަށް ނުކުތުމާއި އާއްމު އުޅަނދުތައް ދުއްވުން މަނާކުރިތަންވެސް ފެނިގެން ދިޔައެވެ. އެތައް ބަޔަކު ޤަވާޢިދުތަކާއި ޚިލާފު ވެގެން އެތައް ރުފިޔާއެއް ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް ވަނީ ނަގާފައެވެ. އަދި އެކި ޙާލަތްތަކާއި ގުޅިގެން އެކި ލުުއިތައްވެސް ވަނީ ދީފައެވެ. މިގޮތުން ލޮކްޑައުން އުވާލުމާއި ސުކޫލުތައް އަލުން ހުޅުވާލައި ސުކޫލަށް ކުދިން ގެންގޮސްގެން ކިޔަވަދިނުން ފަދަ ލުއިތައް ވަނީ ގެނެސްފައެވެ.

އިޝްތިހާރު Below Header ad

އެކި މިންގަނޑުގެ އެކި ފިޔަވަޅުތައް އެޅިނަމަވެސް، އަޅަމުންދާ ފިޔަވަޅުތައް އަޅަމުންދާ އުސޫލުތަކާއި، އެކަމުގެ އިންސާފުވެރިކަމާއި މެދު ރައްޔިތުން އަންނަނީ ސުވާލުތައް އުފައްދާ ފާޑު ކިޔަމުންނެވެ. މިފަދަ ފާޑު ކިޔުންތަކުގެ ފަހަތުގައި އެތައް ސަބަބެއް އެބަހުއްޓެވެ. މިގޮތުން ބަލާއިރު، ވަކި ހިސާބަކުން ފެނުނީ ޚާއްސަ ހުއްދައެއްގެ ދަށުން ވަކި ބަޔަކަށް، ކަރަންޓީނަކާއި ނުލާ ރަށްރަށަށް ގޮސް އުޅެވޭނެ އުސޫލެއް އުފަންވީ ތަނެވެ. އެއުސޫލުގެ ދަށުން މަޖިލިސް މެމްބަރުންނާއި ސިޔާސީ އެކި ފަރާތްތައް، ސިޔާސީ ދަތުރުތައްވެސް ރަށްރަށަށް ވަނީ ކޮށްފައެވެ. މިހުއްދައިގެ ދަށުން ރަށްތަކަށް ދިޔަ މީހުން ވަނީ އެރަށްތަކުގެ މީހުނާއި ބައްދަލުވެ، ރަށުގެ އެކި ތަންތަނަށްވެސް ގޮސްފައެވެ. ނަތީޖާއަކަށްވީ ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް އިތުުރުވުމެވެ. މިއުސޫލު ދޯހަޅިކަމުގައި ބުނެ އެތައް ބަޔަކު ވަނީ ފާޑު ކިޔާފައެވެ.

ޢާއްމުން ކަންބޮޑުވުން ފާޅުކޮށް، ޖޯކު ޖަހާ ފާޑުކީ އިތުރު އެހެން ކަންތައްތަކެއްވެސް ފާހަގަކޮށްލެވެއެވެ. މިގޮތުން ވަކި ގަޑިތަކެއްގައި ދުއްވާ އެއްޗެހި ދުއްވުން މަނާ ކުރުމާއި، ބޭރަށް ނުކުތުން މަނާކުރާ ކާފިއުތައް ފާހަގަކޮށްލެވެއެވެ. މިފަދަ އުސޫލުތައް ބޮޑަށް ސިފަވެގެން ގޮސްފައިވަނީ، ރައްޔިތުން ޖޫރިމަނާކޮށް، ދައުލަތައް ފައިސާ ހޯދަން ، މާ ހަރުދަނާ ފިޔަވަޅެއް އަޅާކަމުގައި ދައްކަން ކުރާ ކަންތައްތަކެއްގެ ގޮތުގައި ކަމަށްވެސް ޢާއްމު ފަރާތްތަކުން އައީ ބުނުންނެވެ. އެހެނީ އެންމެ ކާރޯބާރު ބޮޑު ވަގުތު ތަކުގައި، ބޭރުގައި އުޅޭނެ ގޮތަކަށް އުޅެން އޮންނަނީ ދޫވެފައެވެ. ދެން ވަކި ވަގުތަކުން ފެށިގެން ދުއްވާ އެއްޗެހީގައި ނޫޅެވެއެވެ. ދެން އަނެއްކާ ނިދަންވާ ވަގުތު ކައިރިވުމާއި އެކު ހިނގާފައިވެސް ބޭރުގައި އުޅުން މަނަލެވެ. މި ޤަވާޢިދުތަކާއި ޚިލާފުވެއްޖެ ނަމަ ބޮޑު ޢަދަދުން ޖޫރިމަނާ ކުރެއެވެ. ދެން މިއުސޫލުން މިކަން ކޮއްގެން އޮތީ ކޮން ފައިދާއެއްތޯއާއި، އެކަމުން ކޮވިޑު ކޮންޓްރޯލުވާނެ އޮތީ ބުއްދީގެ، އަދި ސިއްޙީ ގޮތުން ބެލިޔަސް ކޮން ހަމައެއްތޯ އެތައް ބަޔަކު ސުވާލު އުފައްދާ ނުރުހުން ފާޅު ކުރިއެވެ.

އުސޫލުތައް މިބީދައިން ހުރެފައި، ކުޅިވަރު ކުޅުމާއި ޕާކުތައްފަދަ ތަންތަނުގައި މިނިވަންކަމާއި އެކު މީސްތަކުންނަށް ޖަމާވެވިފައި، މިސްކިތް ބަންދުވުން، ނުވަތަ މިސްކިތުގައި ޖަމާޢަތް ހަދާއިރު، ގައި ދުރުކޮށް ސަފު ހަދަން ޖެހުންވެސް ވެގެން ދިޔައީ، ރައްޔިތުންގެ އެތައް ބަޔަކު ރުޅި އައި ކަމަކަށެވެ. ޚާއްސަކޮށް ދީނަށް ލޯބިކުރާ މީހުންގެ ނުރުހުމާއި ފާޑު ކިޔުންތައް އެޗްޕީއޭއަށް އަމާޒު ވިއެވެ. ޝެއިޚުންގެ މެދުގައިވެސް ބައިބައިވެ، އެތައް ޝެއިޚުންނެއް އެކަމާ ނުުރުހުން ފާޅުކުރިއެވެ. އަދި އެފަދައިން ނަމާދުގެ ސަފު ހެދުން ހުއްދަ ނުވާނެ ކަމަށާއި އެއަމުރަށް ތަބާވާން ނުޖެހޭނެކަމަށްވެސް ޑރ. އިޔާޒުއާއި ބައެއް އެހެން ޝެއިޚުންވެސް ވިދާޅުވައި ވެއެވެ.

ކޮވިޑާއި ގުޅިގެން ބޭރު ޤައުމުތަކުގެ އެހީތައް އެކި ޤައުމުތަކުން ވަނީ ލިބިފައެވެ. އެތައް ފައިސާއެއް ލިބިފައި ވާއިރު، އެ ފައިސާތަކަށް ވެގެން ދާގޮތް ސާފުނުވާކަމަށް ރައްޔިތުން ދަނީ މީސްމީޑިއާގަިވެސް ހުއްޓުމެއް ނެތި އަޑު އުފުލަމުންނެވެ. ވެންޓިލޭޓަރުތައް ގެނައުމުގެ ތެރެއިން ބޮޑު ޚިޔާނާތެއް ފެންމަތިވެ ހެލްތް މިނިސްޓަރު މަޤާމުން ވަކި ކުރެވުނެވެ.

އެންމެ ފަހުން މިހާރު މިދަނީ ކޮވިޑުގެ ކަންތައް ކޮޅުންލައި، އަތުފަތު ނުޖެހޭ ހިސާބަށެވެ. ހިލޭ ލިބުނު ވެކްސިންތައް ޖެހުމުގެ އުސޫލުގެ ސަބަބުން ދެވަނަ ޑޯޒަށް ބޭނުންވާ ވަރަށް ވެކްސިން ވަނީ ނެތިފައެވެ. ވެކްސިންދޭ މަރުކަޒުތައް ކައިރި ތޮއް ޖެހިފައި އޮންނަ އިރު، ގައިޑް ލައިންތަކާއި އެއްގޮތަށް އެކަން ކޮށް، ކިޔު ތަކުގައި ގައިދުރު ކުރުމުގެ އިންތިޒާމު ކުރެވޭ ގޮތް ނުވެ، އެކަންކަން ވަނީ ބޮއްސުން ލާފައެވެ. ދެ ޑޯޒު ހަމަކުރުމުން ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭނެކަމުގައި ބުނެ، ވެކްސިމް ޕްރޮމޯޓް ކުރިއެވެ. އެންމެ ފަހުން ދެވަނަ ޑޯޒާއި ޖެހުނު އިރު މިވަނީ އެތައް ރަށްތަކެއް ބަންދުކުރަން ޖެހިފައެވެ. ހަމަވާ ވަރަށް ވެކްސިންވެސް ނެތި، ވެކްސިން ގަންނަން ޖެހިފައެވެ. ކަރަންޓީނު ނުވެ ޢާއިލާއާއި ބައްދަލުކޮށްލާ، ޢދު އިފާ ކޮށްލުމަށް އެތައް ބަޔަކު ދެކެމުން އައި ހުވަފެން ބިލާހަކަށް ހަދާލާފައެވެ.

މިހާރު ރައްޔިތުން އެންމެ ރުޅިއަރައި ދައްކާ އެއްވާހަކައަކީ، ރާއްޖޭގައި ކޮވިޑު އެޗްޕީއޭގެ ބަސް އަހާ ވާހަކައެވެ. އެޗްޕީއޭއިން ކަނޑަ އަޅާ ވަގުތު ތަކުގައި ކޮވިޑު އުޅެނީ މީހުނަށް ޖެހޭ ހިސާބު ތަކުގައާއި މަގުތައް މަތީޔޯލައެވެ. ސަރުކާރުގެ ބޭނުންތަކާއި ސިޔާސީ ބޭނުންތަކާއި އިންތިޚާބު ތަކާއި ޖެހުމުން، ބަސް އަހައިގެން ކޮވިޑު ދުުރުގައި އުޅެޔޯލައެވެ. ކޮވިޑަށް ފައްސި މީހުން، އިންތިޚާބުގައި ވޯޓުލާން ގެންދިޔަޔަސް ކޮވިޑު ބަސް އަހައިގެން އުޅުނީ އެހެން މީހުނާއި ވައިވެސް ނޭޅިޔޯލައެވެ. ވޯޓުލާން ކަރަންޓީނު ނުވެ ރަށްތަކަށް ދިޔަ މީހުމް، ބައެއް ރަށް ރަށުގައި، ގެއަށްގޮސް ގޭގެ މީހުނާއި ރަށުގެ މީހުނާއިއެކު އުޅެފައިވާ ކަމަށް ބައެއް ރަށްތަކުމް މަޢުލޫމާތު ލިބިފައި ވެއެވެ. އެހެން ނަމަވެސް ވޯޓުލާ ދުވަސްކަމުން ކޮވިޑު އުޅުނީ ފިލައިގެންނޯލައެވެ. އޭގެ ފަހުން ކޮވިޑުތައް ނުކުމެ، އެތައް ބަޔަކު ފައްސިވެ ރާއްޖެ އޮބި ނޯންނަ ހިސާބަށް ދިއުމުން، އެތައް ރަށެއް ބަންދުކޮށް ހަރުކަށި ފިޔަވަޅުތަކެއް އަނއްކާވެސް އެބަ އަޅައެވެ. އެހެން ފަހަރު ތަކެކޭވެސް އެއްފަދައިން، ދިވެހި ރައްޔިތުން، ހަރުކަށި ފިޔަވަޅުތަކުގެ އެތެރޭގައި ބަންދުގައި ބައިތިއްބާފައި، ރާއްޖެ ފަތުރުވެރީންނަށް ވަރަށް ރައްކާތެރިކޮށް ހުޅުވިފައި އޮތް ވާހަކަ ބުނެފިއެވެ. ފަރުދީ ޒިންމާގެ ނިވައިފަތްގަނޑުގައި ތިބެފައި، ރައްޔިތުންގެ ބޮލަށް ކޮވިޑު ފެތުރުމުގެ ޒިންމާ ޖަހައިފިޔޯލައެވެ. ބުނެފައިވަނީ ކޮވިޑު މިވަރަށް ފެތުރެނީ، ރައްޔިތުން ކޮވިޑު ދެކެ ބިރު ނުގަނެގެން އުޅޭތީ ކަމަށެވެ. ކަންކަން މި ދެންނެވި ގޮތަށް ހިމގަމުން ދާއިރު، އަދިވެސް ގޯސްވީ ރައްޔިތުންނާއި ކޮވިޑުތޯ ރައްޔިތުން އެބަ ސުވާލު ކުރެއެވެ. އެޗްޕީއޭއާއި ކަމާ ބެހޭ ފަރާތްތައް އިޚްލާސްތެރިވެ ޒިންމާދާރުވާކަށް ނުވޭތޯ އެތައް ބަޔަކު ދަނީސުވާލު ކުރަމުންނެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.