މުދައްރިސުންނަށް ބޮޑުކުރި މުސާރަ، ބޭއިންސާފާއި ދޯކާ!

ހިލޭ ޑިގްރީގައި ފޮރުވިފައިވާ ކޮރަޕްޝަނެއް އޮތްތޯ ބަލަން ޖެހޭ !

އައު އޮނިގަނޑާއި އެކު ތަޢުލީމީ ދާއިރާގެ މުސާރައަށް ބަދަލު ގެނައުން:

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި، އައު އޮނިގަނޑާއިއެކު ތަޢުލީމީ ދާއިރާގެ އެކި ފަރާތްތަކުގެ މުސާރަ ބޮޑުކުރިއެވެ. އޭގެ ތެރޭގައި، ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނާއި، ސްކޫލު ޓީޗަރުންނާއި، އެޑިޔުކޭޝަނަލް ޕްރޮފެޝަނަލްސް އިން ހިމެނެއެވެ. މީގެ އިތުރުން މުސާރަ ބޮޑުވާ ފަރާތްތަކުގެ ތެރޭގައި އެޑިޔުކޭޝަން މިނިސްޓްރީގެ ބަޖެޓުގައި ހިމަނައިގެން މުސާރަދޭ ޕްރީސްކޫލުތަކުގެ ޓީޗަރުންވެސް ހިމެނެއެވެ. މިއީ ތަޢުލީމީ ދާއިރާއަށް ލިބިގެން ދިޔަ ކުރިއެރުމެއްކަމުގައި ގިނަބަޔަކު ދެކެއެވެ. ނަމަވެސް ކަމުގެ ދެކޮޅު ބަލާއިރު، ބޮޑުވެގެން ދިޔަ މުސާރައާއި އެކު މުދައްރިސުންނަށް ވަނީ އިތުރު ތަކުލީފުތަކާއި ކުރިމަތިލާން ޖެހިފައި ކަމުގެ ޝަކުވާތައް މުދައްރިސުން ދަނީ ކުރަމުންނެވެ. އަދި މިކަމުގައި އޮތީ ބޭއިންސާފާއި ދޯކާ ކަމުގައި ބުނެ، ޓީޗަރުން ޝަކުވާތައް ކުރަމުން އެބަދެއެވެ. ކަން މިހެން އޮތް އިރު މިކަމުގައި މުދައްރިސުންގެ ޝަކުވާއާއި، އެޝަކުވާތަކާއި ގުޅޭ ޙަޤީޤަތްތައް ބަލައިލަމާތޯއެވެ.

މައްސަލަ އަކީ ކޮބާ؟

ސެޓްފިކެޓް ލެވެލްގެ މުސާރައާއި ޙައްޤުތައް ލިބުމުގައި ބޭއިންސާފު:

މުދައްރިސުންގެ ފަރާތުން އަޅުގަނޑުމެނަށް ލިބުނު ޝަކުވާތަކަށް ބަލައިލާއިރު، ފާހަގަވީ އެންމެ ބޮޑު އެއް މައްސަލައަކީ، ޑިގްރީއަށްވުރެ މަތީ ފާސް އޮތް ނަމަވެސް، ޑިގްރީ ހަދާފައި ނުވާތީ، އެފާހާއި އެއްވަރުގެ މުސާރަ އާއި ރޭންކުގެ ކުރިއެރުން، ނުދޭ މައްސަލައެވެ. މިގޮތުން ލެވެލް 7 ގެ ބެޗެލަރސް ޑިގްރީ ހަދާފައި ނުވާނަމަ، ލެވެލް 8 ގެ ޕޯސްޓް ގްރޭޖުއޭޓް ޑިޕްލޮމާ ހަދާފައިވާ ފަރާތެއް، މާސްޓަރސް ޙާސިލްކުރި ނަމަވެސް، އެފަރާތަކަށް މާރސްޓަރސް އޮތުމުން ލިބެން ޖެހޭ މުސާރަ ނުލިބޭ މައްސަލައެވެ. ނުވަތަ ޕޯސްޓު ގްރޭޖުއޭޓު އެއީ މަތީ ފާހެއް ކަމުގައި، ޑިގްރީ ނެތުމުގެ ސަބަބުން ނުބެލުމެވެ. ޢަމަލު ކުރެވޭނެ އުޞޫލަކީ މިއީ ކަމުގައި މިނިސްޓްރީގެ ނައިބުން ސުކޫލުތަކަށް ވަޑައިގެން މަޢުލޫމާތު ދެއްވައެވެ. އުސޫލެއްގެ ގޮތުން ބަލާނަމަ މިއީ ދެކޮޅު ނުޖެހޭ އަދި ބޭއިންސާފުވެރި ގޮތެއް ކަމުގައި މުދައްރިސުން ވަނީ ފާހަގަކޮށްފައެވެ. މިކަމުގެ އިތުރު ތަފްސީލަކަށް އަދި ބަލައިލާނަމެވެ.

އިޝްތިހާރު Below Header ad

ޑިގްރީ ނެތި އެއަށްވުރެ މަތީ ސެޓްފިކެޓާއި އެކު ބޮޑު މުސާރައިގައި ތިބި ފަރާތްތަކުން ވަޒީފާ އަދާ ކުރާ ތަން ބަދަލުވުމުން މުސާރަ ކުޑަވުން:

މިހާރު ޑިގްރީ ނެތި ޕޯސްޓް ގްރޭޖުއޭޓް ހަދާފައިވާ ފަރާތްތަކަށް ބޮޑުވެފައިވާ މުސާރަ، އެފަރާތްތަކުން އެހެން ސްކޫލަކަށް ވަޒީފާ ބަދަލުކޮށްފި ނަމަ، ނުވަތަ ވަޒީފާއިން ވަކިވެ އަލުން ވަޒީފާއަށް ވަދެއްޖެނަމަ، ކުރިން ބޮޑުކޮށް ލިބެމުން އައި މުސާރަ ކުޑަ މުސާރައަކަށް ބަދަލުވެ، ރޭންކް ދަށްވެގެންދާ ދިއުންވެސް ފާހަގަކޮށްލެވެއެވެ. މިގޮތުން އޭރުން އެފަރާތްތަކަށް، ޕޯސްޓް ގްރޭޖުއޭޓް ނުވަތަ މާސްޓަރސް އޮތް ނަމަވެސް ލިބޭނީ ލެވެލް 5 ގެ ޑިޕްލޮމާއަށް ލިބެން ޖެހޭ މުސާރައާއި އިނާޔަތްތަކެވެ. ޑިގްރީ ހަދާފައި ނުވާތީ، މާސްޓަރސް އޮތް ނަމަވެސް މާސްޓަރސްގެ މުސާރަ އަލުން ނުލިބޭނެއެވެ. އަދި ޕޯސްޓް ގްރޭޖުއޭޓް އޮތް ނަމަވެސް، ކުރިއެރުމެއް ނުލިބޭނެއެވެ. އެއީ ކުރިން ވަޒީފާ އަދާކުރި މަދަރުސާއިން، ނުވަތަ ކުރީގައި ވަޒީފާގައި ހުރިއިރު ޕޯސްޓް ގްރޭޖުއޭޓް ނުވަތަ މާސްޓަރސްގެ މުސާރަ ލިބެމުން އައި ފަރާތެއް ކަމުގައި ވީނަމަވެސްމެއެވެ. އެއީ ޑިގްރީ ނެތި ޑިގްރީއަށްވުރެ މަތީ ފާސް އޮތަސް ރޭންކް މަތިނުވާތީއެވެ. މީގެ އިތުރުން، އެފަދަ ފަރާތްތަކަށް އަލުން ޕޯސްޓް ގްރޭޖުއޭޓް ނުވަތަ މާސްޓާޒްގެ މުސާރަ ލިބޭނީ ލެވެލް 7 ގެ ޑިގްރީ ހެދުމަށްފަހު އިތުރު 4 އަހަރު ފާއިތުވުމުންނެވެ.

ހޮނިހިރު ދުވަހު މަސައްކަތް ކުރުމުން ލިބެމުން އައި އިތުރު ގަޑި ނުލިބި ރަސްމީ ދުވަހަކަށްވުމުގެ ބުރަ:

މުސާރަ ބޮޑުކުރުމާއި އެކު މުދައްރިސުންނަށް ބުރަ ބޮޑުކޮށް، ހޮނިހިރު ދުވަހު ޢާއިލާއާއި އެކު ހޭދަކޮށްލަން ލިބިފައި އޮންނަ ލުޔަށްވެސް ވަނީ ބުރޫ އަރާފައެވެ. ކުރީން ހޮނިހިރު ދުވަހު މަސައްކަތް ކޮށްފިނަމަ، އިތުރު ގަޑީގެ ގޮތުގައި އެމަސައްކަތުގެ ވަގުތު ހިމެނުނު ނަމަވެސް، މިހާރު އިތުރު ވަގުތު ކަމުގައި ބެލެވެނީ، ހޮނިހިރު ދުވަހު ރަސްމީ ގަޑީގެ އުސޫލުން 8 ގަޑިއިރު ހަމަކުރުމުން އޭގެ އިތުރަށް ހޭދަކުރާ ވަގުތެވެ. އަދި ހޮނިހިރު ދުވަހު ހާޒިރީ އެލަވަންސްވެސް ހިނގަނީ ރަސްމީ އެހެން ދުވަސްތަކާއި އެއް އުޞޫލަކުންނެވެ. މީގެ އިތުރުން، މުދައްރިސުންނަށް ލިބޭ ޗުއްޓީއާއި އެކު އެދުވަސްތަކުގައިވެސް ހާޒިރީ އެލަވެންސް އުނިކުރާ ގޮތަށް އޮތުމުން، މުސާރައިން ބޮޑު ބައެއް ގެއްލިގެންދެއެވެ.

ޓާމު ޗުއްޓީ (ސެމިސްޓަރ ބްރޭކް) ތަކާއި އިތުރު ގަޑީގައި މުދައްރިސުންނަށް އަޅުމަސައްކަތު އުޞޫލު:

ޓާމު ޗުއްޓީ ނުވަތަ ސެމިސްޓަރ ބްރޭކްގެ ގޮތުގައި އޮންނަ ދުވަސްތަކުގައިވެސް، ސްކޫލުތަކުގައި ބައެއް ދަރިވަރުންނަށް ގަޑިތައް ނަގައިދޭ ގޮތަށް ތާވަލުކޮށްފައި އޮވެއެވެ. މިގަޑިތައް ނަގައިދޭން އޮންނަނީ ބައެއް މުދައްރިސުންނަށެވެ. މިގޮތުގެ މަތީން ދުވާލަކު 1 ގަޑިއިރާއި 30 މިނެޓުގެ އުސޫލުން ކޮންމެ ދުވަހަކަށް ގަޑި ތާވަލްކުރެވިފައި އޮވެއެވެ. މުސާރައިގެ އުސޫލު އޮންނަ ގޮތުން ހާޒިރީ އެލަވަންސް ލިބެނީ 3 ގަޑިއިރު މަސައްކަތް ކުރުމުންނެވެ. އެހެންކަމުން މިގަޑިތައް ނަގައިދޭ މުދައްރިސުންނަށް މިދުވަސްތަކުގައި ހާޒިރީ އެލަވެންސެއް ނުލިބެއެވެ. ނަމަވެސް މިގަޑިތައް ނަގައިދޭ މުދައްރިސުންނަށް އުސޫލު ހިނގަނީ ރަސްމީ ދުވަހެއްގެ އުސޫލުންނެވެ. އެހެންކަމުން އިތުރު ގަޑީގެ ގޮތުގައިވެސް މި ގަޑިތަކެއް ނުހިމެނެއެވެ. ވީމާ އިތުރުގަޑީގައި މަސައްކަތް ކުރީތީ ލިބޭ ފައިސާ ވެސް، މިގަޑިތައް ނަގައިދެއްވާ ދޭސީ މުދައްރިސުންނަކަށް ނުލިބެއެވެ. ރޯދަމަހާއި ސެމިސްޓަރ ބްރޭކް ދިމާވި ދުވަސްތަކުގައިވެސް ސްކޫލުތަކުގައި ކަންހިނގާފައިވަނީ މިއުސޫލުން ކަމުގައި މުދައްރިސުންގެ ޝަކުވާ އަޅުގަނޑުމެނަށް ލިބުނެވެ.

މިކަމުގައި އޮތް އަނެއް ބޭއިންސާފަކީ، އޮނިގަނޑުގެ ތެރޭގައި ބިދޭސީ ޓީޗަރުން ނުހިމެނޭތީ، އެފަރާތްތަކުން މިގަޑިތައް ނަގައިދިނުމުން އިތުރު ގަޑީގެ ފައިސާވެސް ލިބިފައި އެފަރާތްތަކަށް އޮނިގަނޑުގެ ދަށުން ދޭސީ މުދައްރިސުންނަށް ވެސް ލިބޭ މިންވަރުގެ މުސާރަ ވެސް ލިބޭކަމެވެ. އެހެންކަމުން ޓާމުޗުއްޓީގައި ގަޑި ނަގައިދޭން ނުކުންނަ ދޭސީ މުދައްރިސުން މަސައްކަތް ކުރަން މިޖެހެނީ އަޅުމަސައްކަތު އުސޫލުންނެވެ. އެއްވެސް އިނާޔަތެއް ނެތިއެވެ. ނުވީތާކަށް، އެ ގަޑިތައް ނަގައިދޭން ނުޖެހޭ މުދައްރިސުންނަށް އެދުވަސްތަކަކީ ފުރިހަމަ ޗުއްޓީ ދުވަސްތަކެކެވެ.

އިތުރު ގަޑީގެ އިނާޔަތް ދެވޭ ގޮތަށް ބަލާއިރު، ޓޭބަލެއްގައި އިތުރު ގަޑީގެ ގޮތުގައި ހިމަނައިގެން ނަގައިދޭ ގަޑިތަކަކީ މުދައްރިސުންނަށް އޯޓީގެ ގޮތުގައި ލިޔެވޭ ގަޑިތަކެއް ނޫނެވެ. ނުވަތަ އިތުރު ގަޑީގެ ގޮތުގައި ލިބޭ އެންމެ ގިނަ ވަގުތަށްވުރެ، މުދައްރިސުން ލައްވާ އިތުރު ގަޑީގެ ގޮތުގައި ނަގުވާ ގަޑިތަކާއި، އިތުރު ޙަރަކާތްތަކުގައި ހޭދަކުރަން ޖެހޭ ވަގުތުތައް ގިނައެވެ. މިގޮތުން އިތުރުވާ އެއްވެސް ވަގުތަކީ މުދައްރިސުންނަށް އިތުރު ގަޑީގެ ޢިނާޔަތް ލިބޭ ވަގުތެއް ނޫނެވެ. އަދި މި އުސޫލުން އިތުރު ގަޑިތަކާއި ޙަރަކާތްތަކަށް މުދައްރިސަކު ހާޒިރު ނުވެއްޖެ ނަމަ އެޕްރައިޒަލް ފޯރމު ފުރާއިރު މާކްސް ކަނޑައެވެ. އެހެންކަމުން އަޅުވެތިކަމުގެ އިންތިހާއަށް މުދައްރިސުން އެދަނީ އަވަދި ވަމުންނެވެ.

ހާޒިރީ އެލަވަންސްގައި ބޭއިންސާފުވެރި ފަރަޤުކުރުން:

މިއީ ހަމައެކަނި މުދައްރިސުންނާއި މެދު ޢަމަލުކުރެވޭ އުޞޫލަކަށް ނުވެދާނެއެވެ. ނަމަވެސް މިއީ ފާހަގަ ވެފައިވާ މައްސަލައަކަށް ވީތީ ހިމަނާލަމެވެ. މުދައްރިސެއް ނަމަވެސް، އަދި އެހެންދާއިރާއެއްގެ މުވައްޒަފެއް ނަމަވެސް ވަޒީފާއަށް ހާޒިރުވުމަކީ އެއްކަމެކެވެ. ހާޒިރުވާން ޖެހޭ ވަގުތާއި ފުރިހަމަ ކުރަން ޖެހޭ ވަގުތުގެ ގޮތުން އެއްހަމައެއްގައި ތިބޭ މުވައްޒަފުންނަކީ، ހާޒިރީގެ ގޮތުން ބަލާ ނަމަ ވެސް އެއްހަމައެއްގައި ތިބެން ޖެހޭނެ ބައެކެވެ. ވަޒީފާއަށް ސަލާމް ބުނާނަމަވެސް އޮންނަނީ ކޮންމެ ރޭންކެއްގެ މުދައްރިސެއް ނަމަވެސް އެއް އުސޫލެކެވެ. ނަމަވެސް ހާޒިރީ އެލަވަންސް ދިނުމުގައި މުދައްރިސުންގެ ރޭންކް ތަފާތުވުމުގެ ސަބަބުން އެލަވަންސް ލިބޭ މިންވަރު ތަފާތުވެގެން އެބަދެއެވެ. މިގޮތުން ރޭންކް 1 ގެ މުދައްރިސުންނަށް ލިބެނީ 75 ރުފިޔާއެވެ. އަދި ރޭންކް 2 ނަމަ 146 ރުފިޔާ ލިބޭއިރު ރޭންކް 3 ގައި ލިބެނީ 157 ރުފިޔާއެވެ. ނަމަވެސް މި ހުރިހާ ރޭންކެއްގައިވެސް މިއެލެވެން މި ލިބެނީ ހާޒިރުވެ، ހާޒިރުވި ކަމުގައި ބެލެވޭ ވަގުތު ހަމަކުރުމަށެވެ. މަސައްކަތުގެ ގޮތުން 1 ކަމެކެވެ. މިއީ ވަޒީފާއާއި ޒިންމާގެ ގޮތުން ކަނޑައަޅާ ޢިނާޔަތެއް ނޫނެވެ. ޒިންމާއާއި ޚިދުމަތާއި މަސްއޫލިއްޔަތުގެ މައްޗަށް ބަލައި ކަނޑަ އަޅަނީ ސަރވިސް އެލަވަންސެވެ. ރަމަޟާން މަހު އެންމެންވެސް ހިފަނީ ރޯދަކަމުގައިވާތީ، ރޯދަ އެލަވަންސް އެންމެނަށް އެއް ހަމައަކުން ދޭނަމަ، އެއް ހަމަ އަކުން ހާޒިރީ ގުނާ ބައެއްގެ ހާޒިރީ އިނާޔަތް ތަފާތުވުމަކީ ކިހާ ބޮޑު ބޭއިންސާފެއްތޯއެވެ. މިއީ ބަދަލުކުރާން ޖެހޭ އުސޫލެކެވެ.

އޮނިގަނޑު ބަދަލުވުމުން އެކި މުދައްރިސުންނާއި މެދު ޢަމަލު ކުރެވުނީ އެކި އުސޫލުން

އާ އޮނިގަނޑު އެކުލަވާލައި ތަންފީޒުވާން ފެށިއިރު، ލެވެލް 7 ގެ ޑިގްރީ ނެތި، ލެވެލް 8 ގެ ޕޯސްޓް ގްރޭޖުއޭޓް ޑިޕްލޮމާ ފުރިހަމަކޮށްފައިވާ މުދައްރިސުން ސުކޫލުތަކުގައި އެބަތިއްބެވެ. އަދި މި ސަނަދު އޮތުމުގެ ސަބަބުން މާސްޓަރސް ކޯހުގައި ކިޔަވަމުން އައި މުދައްރިސުން އެބަ ތިއްބެވެ. އަދި އޮނިގަނޑަށް ޢަމަލު ކުރަން ފެށިއިރު، މާސްޓަރސް ނިމި، މުސާރައިގެ ކުރިއެރުމަށް އެދި ބައެއް ބެޗްތަކުގައި މާސްޓަރސް ހެދި މުދައްރިސުން ވަނީ ހުށަހަޅާފައެވެ. މިގޮތުން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް މުދައްރިސުންގެ މުސާރައިގެ ކުރިއެރުން ހަމަޖެހުނެވެ. އަދި އަނެއްބައި މުދައްރިސުންގެ މުސާރައިގެ ކުރިއެރުމުގެ އިދާރީ ކަންކަން އޭރު ވަނީ ހަމަ ޖެހި ނުނިމިއެވެ.

މިދެންނެވުނު ފަރާތްތަކާއި މެދު ޢަމަލުކުރެވިގެން ދިޔަ ގޮތަށް ބަލައިލާއިރު، އޮނިގަނޑަށް ޢަމަލު ކުރަން ފެށުމުގެ ކުރިން މުސާރަ ބޮޑުވި ފަރާތްތަކަށް ހަމަޖެހުނީ އޮނިގަނޑުގެ ދަށުންވެސް ބޮޑު މުސާރައެވެ. މާސްޓަރސް އޮތުމުން ލިބެން ޖެހޭ ޢިނާޔަތްތަކާއި ޙައްޤުތަކެވެ. ނަމަވެސް، މުސާރައިގެ ކުރިއެރުމަށް ހުށަހަޅާފައި އޮތް ނަމަވެސް، އިދާރީ ގޮތުން އިންތިޒާމު ހަމަޖެހުން ލަސްވީ މުދައްރިސުންނަށް އޮނިގަނޑުގެ ދަށުން މާސްޓަރސްގެ މުސާރައާއި ޢިނާޔަތްތައް ހަމައެއް ނުޖެހުނެވެ. މިވީ ކީއްހެއްޔެވެ؟ އެއް ހަމައެއްގައި ތިބި، އެކީ އެއްބެޗެއްގައި ކިޔަވައި، ކުރިއެރުމަށް އެދިވެސް އެކުއެކީގައި ހުށަހަޅާފައިވާ ފަރާތްތަކަށް ވެސް، އެކި ފަރާތާއި މެދު ޢަމަލު ކޮށްފައި އެވަނީ އެކި އުސޫލުންނެވެ. އޮނިގަނޑު ބުނާ ގޮތުން ނަމަ އެއިން އެއްވެސް ބަޔަކަށް މި ޢިނާޔަތާއި ކުރިއެރުން ލިބުމެއް ނެތެވެ. ނަމަވެސް ހަމަ ޖެހުނު ފަރާތްތަކަށް އެ ހަމަ ޖެހުނީ ސަރުކާރުގެ ހެޔޮފުޅުކަމުން ކަމުގައި ވަނީ އަންގާފައެވެ. އޮނިގަނޑު ބަދަލުވީއިރު، ޑިގްރީ ނެތި ޕޯސްޓް ގްރޭޖުއޭޓު އޮތް ފަރާތްތަކަށްވެސް ރޭންކް މަތީ މުސާރަ ދެމުން އަންނަނީ ހެޔޮފުޅުކަމުން ކޮށްދޭ ކަމެއްގެ ގޮތުގައެވެ. ދެރަކޮށް ނުލާންވެގެން ރޭންކް ދަށް ނުކުރީ ކަމުގައި ވަނީ އަންގާފައެވެ.

އިތުރު ތަފްސީލުކޮށްލުމެއް

ޕޯސްޓް ގްރޭޖުއޭޓް ސެޓްފިކެޓް:

ކުރީން ތަފްސީލަށް ބަލައިލާނެ ކަމުގައި ދެންނެވުނު މައްސަލައަށް ބަލައިލާނަމެވެ. އެމް.އެން.ކިޔު.އެފްގެ މިންގަނޑުތަކަށް ބަލައިލާއިރު، ޕޯސްޓް ގްރޭޖުއޭޓް އަކީ ލެވެލް 8 ގެ ސެޓްފިކެޓެކެވެ. އަދި ސަރުކާރުން މިހާރު ހިލޭ ޑިގްރީގެ ކޯސްތަކުގެ ގޮތުގައި ހަމަ ޖައްސާފައިވާ ކޯސްތަކުގެ ސެޓްފިކެޓަކީ ލެވެލް 7 ގެ ސެޓްފިކެޓެކެވެ. އެހެން ކަމުން ޕޯސްޓް ގްރޭޖުއޭޓަކީ ދަރަޖައިގެ ގޮތުން މަތީ ފާހެކެވެ. ލެވެލް 8 ގައި ހިމެނެނީ ގްރޭޖުއޭޓް ސެޓިފިކްޓް / ޕޯސްޓް ގްރޭޖުއޭޓް ސެޓްފިކެޓް އާއި ގްރޭޖުއޭޓް ޑިޕްލޮމާ / ޕޯސްޓް ގްރޭޖުއޭޓް ޑިޕްލޮމާއެވެ. ގްރޭޖުއޭޓް ސެޓްފިކެޓް / ޕޯސްޓް ގްރޭޖުއޭޓް ސެޓްފިކެޓަކީ 60 ކްރެޑިޓާއި އެކު 20 ހަފްތާގެ ފުލްޓައިމް ކޯހުގެ ސެޓްފިކެޓެކެވެ. އަދި ގްރޭޖުއޭޓް ޑިޕްލޮމާ / ޕޯސްޓް ގްރޭޖުއޭޓް ޑިޕްލޮމާ ސެޓްފިކެޓަކީ 120 ކްރެޑިޓާއި އެކު 1 އަހަރު (30 ހަފްތާ) ގެ ފުލްޓައިމް ކޯހުގެ ސެޓްފިކެޓެކެވެ.

މި ހުރިހާ ސެޓްފިކެޓް ތަކުގެ ކޯހަށް ވަނަމަށްވެސް އޮންނަ ޖެނެރަލް ކްރައިޓީރިއާ އަކީ ބެޗެލަރސް ޑިގްރީ އޮތުމެވެ. އެއީ ލެވެލް 7 ގެ ސެޓްފިކެޓް އޮތުމެވެ. އަލްޓަނޭޓިވް މިންގަނޑަކީ އުމުރުން 25 އަހަރު ފުރިފައިވުމާއި، ގުޅުން ހުރި ދާއިރާއަކުން ލެވެލް 5 ގެ ސެޓްފިކެޓް އޮތުމާއި އެކު ގުޅުން ހުރި ދާއިރާއަކުން 6 އަހަރު ދުވަހުގެ ތަޖުރިބާ (މީގެ ތެރެއިން 3 އަހަރު ދުވަހުގެ ތަޖުރިބާއަކީ ލެވެލް 5ގެ ސަނަދު ޙާސިލް ކުރުމަށްފަހު ހާސިލްކޮށްފައިވާ ތަޖުރިބާއަށް ވުން) ހުރުމާއި، އަދި އިންސްޓިޓިއުޓުން ކުރާ އިންޓަވިއު ނުވަތަ ދޭ އިމްތިޙާނުން ފާސްވުމެވެ. ނުވަތަ އުމުރުން 25 އަހަރު ފުރިފައިވުމާއި، ގުޅުން ހުރި ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު، ގުޅުން ހުރި ދާއިރާއަކުން 4 އަހަރުގެ ތަޖުރިބާ (މީގެން 2 އަހަރު ދުވަހުގެ ތަޖުރިބާއަކީ ލެވެލް 6 ގެ ސަނަދު ހާސިލް ކުރުމަށް ފަހު ހާސިލްކޮށްފައިވާ ތަޖުރިބާ ކަމުގައި ވުން) ހުރުމާއި އަދި އިންސްޓިޓިއުޓުން ކުރާ އިންޓަވިއު ނުވަތަ ދޭ އިމްތިޙާނުން ފާސްވުމެވެ.

ޕޯސްޓް ގްރޭޖުއޭޓް ހާސިލްކޮށްފައިވާ، ނަމަވެސް ލެވެލް 7ގެ ޑިގްރީ ހާސިލްކޮށްފައިނުވާ މުދައްރިސުންނަކީ، މިދެންނެވުނު އަލްޓަނޭޓިވް މިންގަނޑުން ކްރައިޓީރިއާއަށް ފެތޭތީ، 1 އަހަރު ދުވަހުގެ ޕޯސްޓް ގްރޭޖުއޭޓް ޑިޕްލޮމާ ފުރިހަމަ ކޮށްފައިވާ ފަރާތްތަކެވެ. މާނައަކީ އެފަރާތްތަކުން އެކޯސް ފުރިހަމަ ކޮށްފައިވަނީ ތަޢުލީމީ ދާއިރާގެ ލެވެލް 5 ގެ ޑިޕްލޮމާ ހާސިލް ކުރިފަހުން 3 އަހަރު ދުވަހުގެ ތަޖުރިބާ ހުރުމާއި އެކު ދާއިރާގައި ޖުމްލަ 6 އަހަރުގެ ތަޖުރިބާ ހުރެގެންނެވެ. އަގުގެ ގޮތުން ބަލާނަމަ ވިލާކޮލެޖް ފަދަ ތަންތަނުން މިކޯސް ފުރިހަމަ ކުރި މުދައްރިސުން، މަދުވެގެން 36،278 ރުފިޔާ ވާނީ ޚަރަދުކޮށްފައެވެ.

ޕޯސްޓް ގްރޭޖުއޭޓަކީ ‘ޝޯޓްކަޓެއް’ތަ؟

ޕޯސްޓް ގްރޭޖުއޭޓް ސެޓްފިކެޓަކީ ކުރުމުއްދަތުގެ ކޯހަކުން ބޮޑު މުސާރައާއި މަޤާމުގެ ކުރިއެރުން ލިބޭ ޝޯޓްކަޓެއް ކަމުގައާއި، ޑިގްރީއަށް ވެފައިވާ ބޭއިންސާފެއް ކަމުގައި ބުނެ ބައެއް ޓީޗަރުން ޝަކުވާކޮށްފައިވެއެވެ. މިފަދަ ހައިޖާނީ ފިތުނަވެރި ކަމާއި ބަހުގެ ޙަމަލާތައް، ޑިގްރީ ހާސިލްކޮށްފައިވާ ނަމަވެސް ޕޯސްޓް ގްރޭޖުއޭޓް ހާސިލް ނުކުރާ ބައެއް މުދައްރިސުންގެ ފަރާތުން، ޑިގްރީ ނެތި ޕޯސްޓް ގްރޭޖުއޭޓް ހާސިލްކޮށްފައިވާ ފަރާތްތަކަށް އަމާޒުވަމުން ދާކަމުގައި ބައެއް މުދައްރިސުން ފާހަގަކޮށްފައި ވެއެވެ. އަދި ސުކޫލުތަކުގެ ބައެއް އިސް ފަރާތްތަކުންވެސް މިބީދައިން ވިދާޅުވާ ކަމުގައި ވެއެވެ. މީގެ އިތުރުން އައު އޮނިގަނޑުގައި ޑިގްރީއާއި ނުލައި ޕޯސްޓް ގްރޭޖުއޭޓް ހާސިލް ކުރުމުން ކުރިއެރުން ނުލިބޭ ގޮތް ހަދާފައި ވަނީ، މިފަދައިން ކުރެވޭ ޝަކުވާތަކުގެ ސަބަބުން ކަމުގައިވެސް، އެޑިއުކޭޝަންގެ ބައެއް މަޢުލޫމާތު ސެޝަންތަކުގައި ބުނެފައިވެއެވެ.

ނަމަވެސް ޕޯސްޓް ގްރޭޖުއޭޓުގެ އެންޓްރީ ކްރައިޓީރިއާ އާއި، ކޯހުގެ މޮޑިއުލްތަކަށް ބަލައިލާއިރު، މިއީ އެއްވެސް ދެކޮޅު ޖެހުމެއް ނެތް ޝަކުވާތަކެއްކަން ސާފުވެއެވެ. އެހެނީ، ލެވެލް 5 ގެ ޑިޕްލޮމާ އޮވެފައި، އަދި ކިޔަވައިދިނުމުގެ ދާއިރާއިން 6 އަހަރުގެ ތަޖުރިބާ ހުރި ފަރާތަކުން، އިތުރު ތަޖުރިބާއާއި އެކު ހިމެނޭ ޓީޗިން މޮޑިއުލްތަކެއް ކިޔަވައި، ކޯހެއް ފުރިހަމަ ކުރުމުން އެއީ ޝޯޓްކަޓެއް ކަމުގައި ނުބެލެވޭނެއެވެ. އެ ސަނަދު އެފަރާތްތަކުން އެ ހާސިލްކުރަނީ، ތަޢުލީމީ ފެންވަރު ހުރެމެ، ދާއިރާގައި އެތައް ދުވަހެއްގެ ތަޖުރިބާ ލިބި، އެތައް ވަގުތެއް ހޭދަކުރުމަށް ފަހުއެވެ. ސުކޫލު ނިންމާލާ ގޮތަށް، ނުވަތަ އޭ ލެވެލް ފާހެއް އޮތީތީ ޝޯޓްކަޓް އުސޫލުން އެސަނަދު ހާސިލެއް ނުކުރެވެއެވެ. އެހެންކަމުން މިސަބަބުތައް ހެއްކެއްގެ ގޮތުގައި ފުދެއެވެ.

ޕޯސްޓް ގްރޭޖުއޭޓާއި ބެޗަލަރސް ޑިގްރީގެ އަޅާ ކިޔާލުމެއް:

ލެވެލް 7 ގެ ޑިގްރީ ސެޓްފިކެޓް ލެވެލްގެ ކޯހަކަށް ވަނުމުގެ ކްރައިޓީރިއާއަށް އެމް.އެން.ކިޔު.އެފްގެ މިންގަނޑުން ބަލައިލާއިރު، މައިގަނޑު ޝަރުތުގެ ގޮތުގައި އޮންނަނީ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން ނިންމާފައި ވުން ނުވަތަ އެމް.އެން.ކިޔު.އެފެ ލެވެލް 4 ގެ ސަނަދެއް ޙާސިލު ކޮށްފައިވުން ނުވަތަ ކަނޑައެޅިފައިވާ ވަކި ޑިޕްލޮމާ ޕްރޮގްރާމަކަށް އެޕްރޫވް ކުރެވިފައިވާ ލެވެލް 4 ގެ ފައުނޑޭޝަން ސްޓަޑީ ޕްރޮގްރާމް ފުރިހަމަކޮށްފައި ވުމެވެ. އަލްޓަރނޭޓިވް މިންގަނޑެއްގެ ގޮތުގައި އޮންނަނީ، އުމުރުން 20 އަހަރު ފުރިފއިވުމާއި އެކު ލެވެލް 4 ގެ ސަނަދެއް (ދާއިރާއާ ނުގުޅޭ ނަމަވެސް) އޮތުމާއި އަދި އެމް.ކިޔު.އޭ އެޕްރޫވް ކޮށްފައިވާ ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމް ފުރިހަމަ ކޮށްފައިވުން ނުވަތަ އުމުރުން 20 އަހަރު ފުރިފައިވުމާއި އެކު، ސެކަންޑްރީ ސްކޫލު ނިންމާފައި ވުމާއި، ގުޅުން ހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ހުރުމާއި އަދި އެމް.ކިޔު.އޭ އެޕްރޫވް ކޮށްފައިވާ ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމް ފުރިހަމަ ކޮށްފައިވުމެވެ. އޮނިގަނޑަށް އައި ބަދަލުގެ ފަހުން، މިހާރު ޕޯސްޓް ގްރޭޖުއޭޓު ހެދުމަށް ކޮލެޖު ތަކުގައި ކޯހަށް ވަނުމުގެ މިންގަނޑުގައި އޮންނަނީ ލެވެލް 7 ގެ ޑިގްރީ އޮތުމެވެ. އަދި މިހާރު މިކޯސް ހެދުމަށް ބައެއް ކޮލެޖު ތަކުގައި ބައި ލައްކަ އަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރަން ޖެހޭނެއެވެ.

އެހެން ކަމުން ޕޯސްޓް ގްރޭޖުއޭޓާއި ޚިލާފަށް، ބެޗަލަރސް ޑިގްރީ ހަދާ ފަރާތްތަކީ ކިޔަވައިދިނުމުގެ ދާއިރާގައި ތަޖުރިބާ ހުރި ބަޔަކަށް ކޮންމެހެން ވާކަށް ނުޖެހެއެވެ. 6 އަހަރު ދުވަހުގެ ދާއިރާގެ ތަޖުރިބާއާއި އެކު ޕޯސްޓް ގްރޭޖުއޭޓް ފުރިހަމަ ކޮށްފައިވާ ފަރާތްތަކާއި މި ޑިގްރީގެ އެންޓްރީ ކްރައިޓީރިއާ އަޅާ ކިޔާލެވޭ ވަރަށް ވުރެވެސް ހަޤީޤަތުގައި ފަރަޤު ބޮޑެވެ. މީގެ އިތުރުން، ޕޯސްޓް ގްރޭޖުއޭޓްގެ އެސައިންމަންޓްތަކާއި އިމްތިޙާނުތަކާއި ޕްރެޒެންޓޭޝަންތައް، ޑިގްރީގައި އޮންނަ މިންވަރަށްވުރެ އެތައް ގުނައެއް ބޮޑު ކަމުގައި މިކޯސްތަކުގައި ކިޔަވާފައިވާ މުދައްރިސުން މަޢުލޫމާތު ދެއްވައެވެ.

މީގެ އިތުރުން، މުދައްރިސުންގެ މުސާރައިގެ އައު އޮނިގަނޑު އައުމުގެ ކުރީން، ޕޯސްޓް ގްރޭޖުއޭޓް ފުރިހަމަކޮށްފައިވާ ގިނަ ފަރާތްތަކަކީ، ލެވެލް 5 ގެ 2 އަހަރު ދުވަހުގެ ޑިޕްލޮމާ އާއި އެކު، އަދި ޖުމްލަ 6 އަހަރުގެ ދާއިރާގެ ތަޖުރިބާއާއި އެކު ސަނަދު ޙާސިލްކޮށްފައިވާ ފަރާތްތަކެވެ. 2 އަހަރުގެ ޑިޕލޮމާ އަކީ 16 މޮޑިއުލްގެ މައްޗަށް ހިމެނޭ ޑިޕްލޮމާއެކެވެ. މިހާރުގެ ލެވެލް 5 ގެ ޑިޕްލޮމާ އަކީ 1 އަހަރު ދުވަހުގެ، 8 މޮޑިއުލްގެ ޑިޕލޮމާއެކެވެ. 16 މޮޑިއުލްއާއި އެކު މިހާރު އޮންނަނީ 2 އަހަރު ދުވަހުގެ އެޑްވާންސް ޑިޕްލޮމާ ނުވަތަ އެސޯޝިއޭޓް ޑިގްރީކަން ފާހަގަކޮށްލަން ޖެހެއެވެ.

ލެވެލް 7 ގެ ޑިގްރީ އެކަނި ނިންމާ ފަރާތްތަކުން ފުރިހަމަ ކުރާނީ ޖުމްލަ 2 ޕްރެކްޓިކަމް (ޓީޕީ) އެވެ. ނަމަވެސް ލެވެލް 5 ގެ ޑިޕްލޮމާއާއި އެކު ޕޯސްޓް ގްރޭޖުއޭޓް ހަދާފައިވާ ފަރާތްތަކުން ޖުމްލަ 3 ޕްރެކްޓިކަމް (ޓީޕީ) ފުރިހަމަ ކުރާނެއެވެ. އަދި ކުރިން ޕޯސްޓް ގްރޭޖުއޭޓް ފުރިހަމަ ކުރި ފަރާތްތަކުން އެކޯހަށް ވަދެފައިވަނީ، ލެވެލް 5 ގެ (ޑިޕްލޮމާ 1 އަހަރަށް ކުޑަ ނުކުރާއިރު)، ޓީޕީ ހިމެނޭ 2 އަހަރު ދުވަހުގެ ޑިޕްލޮމާ ހާސިލް ކޮށްފައި ވުމާއެކު އިތުރު 3 އަހަރުގެ ދާއިރާގެ ތަޖުރިބާއާއި، އަދި މީގެ އިތުރު 3 އަހަރުގެ ތަޖުރިބާ ހިމެނޭހެން ޖުމްލަ 6 އަހަރުގެ ތަޖުރިބާ ހުރެގެންނެވެ. އެހެންކަމުން، ޑިގްރީ ހާސިލްކޮށްފައިވާ ފަރާތަކަށް ވުރެ، ލެވެލް 5 ގެ 2 އަހަރު ދުވަހުގެ ޑިޕްލޮމާއާއި އެކު، ޑިގްރީ ނެތި ޕޯސްޓް ގްރޭޖުއޭޓް ޑިޕްލޮމާ ހަދާފައިވާ ފަރާތްތަކުގެ، ހާސިލްވެފައިވާ މިންވަރާއި، ތަޖުރިބާގެ މިންވަރު އެތައް ގޮތަކުން މިވަނީ މަތީގައެވެ.

އަގުގެ ގޮތުން ބަލާއިރު، މިހާރު ޑިގްރީއަކީ ސަރުކާރުން ސްޕޮންސަރ ކޮށްގެން ހިލޭ ހެދޭ ޑިގްރީއެކެވެ. ބައެއް ކޮލެޖުތަކުގައި، ކޯހުގެ އަގު ބޮޑުވުމުގެ ސަބަބުން ސަރުކާރުގެ ސްޕޮންސަރގެ އިތުރުން ފީއެއް ދައްކަން ޖެހެއެވެ. ކުރިން ދެންނެވުނު ފަދައިން މިހާރު ޕޯސްޓް ގްރޭޖުއޭޓް ކޯސް ހެދުމަށް ބައެއް ކޮލެޖު ތަކުން ބައިލައްކަ ރުފިޔާ އަށްވުރެ ބޮޑު ފީއެއް ނަގާއިރު، ކުރީގައި ޕޯސްޓް ގްރޭޖުއޭޓް ހެދި ފަރާތްތަކުންވެސް ވަނީ ބައިލައްކައާއި ގާތް ކުރާ އަދަދަކަށް ކޯހަށް ޚަރަދުކޯށްފައެވެ.

ދެކޯހުގެ ފަރަޤާއި ފެންވަރު އަޅާކިޔާލުމުގައި މިހާވަރުން ފުދޭކަމުގައި ދެކެމެވެ. ޚުލާސާކޮށް ބުނާނަމަ، ޢިލްމާއި ތަޖުރިބާގެ ގޮތުންވެސް، ލެވެލް 5 ގެ ޑިޕްލޮމާއާއި އެކު، ޕޯސްޓް ގްރޭޖުއޭޓް ފުރިހަމަ ކުރި ފަރާތްތަކުގެ ތަޖުރިބާއާއި ޢިލްމީގޮތުން ހާސިލްވެފައިވާ މިންވަރު އިތުރުވާނެ ކަމުގައި ދަންނަވަން ޖެހެއެވެ. މިހުރިހާ ކަމަކަށް ބަލާއިރު ޕޯސްޓް ގްރޭޖުއޭޓް ހާސިލްކޮށްފައިވާ ފަރާތްތަކަށް، ލެވެލް 7 ގެ ޑިގްރީ ނެތުމުން މުސާރައިގެ ކުރިއެރުން ނުލިބުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫނެވެ. އަދި މާސްޓަރސް އޮތް ނަމަވެސް ޑިގްރީ ނެތުމުގެ ސަބަބުން ކުރިއެރުން ނުލިބޭ ނަމަ މިއީ ވަރަށްވެސް ތާކުންތާކު ނުޖެހޭ އުސޫލެކެވެ. އަދި މިދެންނެވުނު ހުރިހާ ތަޖުރިބާއާއި އެކު، ޕޯސްޓް ގްރޭޖުއޭޓް ނުވަތަ މާސްޓަރސް، ސެޓްފިކެޓުގެ ގޮތުން ދަރަޖަ މަތިވިނަމަވެސް، ލެވެލް 7 ގެ ޑިގްރީ އެއް ނެތުމުން، ޑިގްރީއާއި އަޅާ ކިޔާއިރު، މިދެންނެވުނު ޑިގްރީ އަށްވުރެ މަތީ ދަރަޖައިގެ ފާސްތަކަކީ އެއްވެސް އަގެއް، ފަރަޤެއް ނެތް އެއްޗެއް ކަމުގައި އައު އޮނިގަނޑު ބުނާ ބުނުމަކީ ޤަބޫލުކުރެވޭނެ ހަމައެއް ނޫނެވެ.

ހުރިހާ މޮޅަކާއި ކުރިއެރުމެއް ލެވެލް 7 ގެ ޑިގްރީއާ ގުޅުމުގެ ސިއްރަކީ ކޮބައިބާ؟

ކިޔަވައިދިނުމުގެ ދާއިރާގެ ލެވެލް 7 ގެ ޑިގްރީއަށް ވުރެ މަތީ ފާހެއް އޮތް ނަމަވެސް މަޤާމުގެ ކުރިއެރުން ނުވަތަ ހަރުފަތް ބަދަލުވުމުގެ ސަބަބުން ލިބެން ޖެހޭ ކުރިއެރުން، ޑިގްރީ ނެތް ނަމަ ނުލިބެއެވެ. އަދި ޑިގްރީ ނެތީތީ، އެއަށްވުރެ މަތީ ފާހުގެ އަގެއްވެސް ނެތްކަމުގައި އޮނިގަނޑުން އެބަ މާނަ ކުރެވެއެވެ. މިކަމުގެ ތަފްސީލުތައް އިސްވެ ހިނގައްޖެއެވެ. މީގެ އިތުރުން، ލެވެލް 5 ގެ 1 ޕްރެކްޓިކަމް ހިމެނޭ 1 އަހަރު ދުވަހުގެ ޑިޕްލޮމާ ފުރިހަމަ ކޮށްފައިވާ ފަރާތެއް ނަމަވެސް، ޑިގްރީ ހާސިލްކުރުމުން، އިތުރު އަހަރުތަކެއް ކިޔަވައި ދިނުމުގައި ހޭދަ ނުކުރިނަމަވެސް، މަޤާމުގެ ކުރިއެރުން ލިބި ރޭންކް މަތިވެއެވެ. ރިޔާސީ އިންތިޚާބުގެ ވާޓާއި ކައިރިކޮށް މިކަން ވަނީ އިސްލާހެއްގެ ގޮތުގައި މިއުސޫލުން ކަނޑައަޅާފައެވެ. އަދި ޑިގްރީއަށް ފަހު ވިޔަސް، މާސްޓަރސް ހާސިލް ކުރި ނަމަވެސް، ރޭންކް މަތިވެ މުސާރައިގެ ކުރިއެރުން ލިބުމަށް އިތުރު 4 އަހަރު ދާއިރާގައި ހޭދަކުރާން ޖެހެއެވެ. އެއީ ކިތަންމެ ގިނަ ދުވަހުގެ ތަޖުރިބާ ހުރިނަމަވެސް މެއެވެ. އަދި އެ ސަނަދުތައް ޙާސިލްކުރުމަށްޓަކައި ނުވަތަ އެ ސަނަދު ތަކުގެ ކޯސްތަކުގައި ކިޔެވުމަށް ކިތަންމެ ގިނަ ތަޖުރިބާއެއް ހުރެގެން ފުރިހަމަ ކުރި ކޯސްތައް ކަމުގައި ވީނަމަވެސް މެއެވެ. މިއީ ފާޅުވެގެން ހުރި ބޭއިންސާފުވެރި އުސޫލެކެވެ.

މިފަދައިން ކަންކަން ހިނގުމުގެ ފަހަތުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް އެބަހުއްޓެވެ. ތުހުމަތު ކުރެވޭ ސަބަބުތަކެއް ހުރީތީއެވެ. އެންމެ މައިގަނޑު ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ، ލެވެލް 7ގެ ޑިގްރީއަކީ ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ތެރެއިން ހާސިލްކުރެވޭ ސަނަދަކަށް ވުމެވެ. މިކޯސްތައް މިހާރު ހިންގަނީ، ކޯސް ފީ އަށް ކޮލެޖު ތަކަށް ސަރުކާރުން ސްޕޮންސަރ ދީގެންނެވެ. ސަރުކާރުން ސްޕޮންސަރ ދިން ނަމަވެސް ބައެއް ކޮލެޖު ތަކުގައި ސްޕޮންސަރގެ އަގަށްވުރެ ކޯހުގެ އަގު ބޮޑުކޮށް ދަރިވަރުން އަތުން ކޮންމެވެސް މިންވަރެއްގެ ފީއެއް ނަގައެވެ. ސަރުކާރުން ޑިގްރީގެ ފީ ސްޕޮންސަރ ކުރުމަކީ ރަނގަޅު ކަމެކެވެ. ފައިދާ ހުރި ކަމެކެވެ. ނަވަމެސް މި ޑިގްރީ ނެތި ޑިގްރީއަށްވުރެ މަތީ ފާސް އޮންނަ ފަރާތްތަކަށްވެސް، ކުރިއެރުން ލިބުމަށްޓަކައި، އެ ޑިގްރީ ހާސިލް ކުރުމަށް މަޖުބޫރު ކުރާ އުސޫލު އޮތުމުން އުފެދޭ ސުވާލަކީ، ހިލޭ ޑިގްރީގައި ސަރުކާރުގެ ފަރާތްތަކަކާއި ކޮލެޖު ތަކާއި ދެމެދު، ނާޖާއިޒް ފައިދާ ތަކެއް ބަޔަކަށް ލިބިދޭ ކޮރަޕްޝަނެއް ހިނގަނީތޯ އުފެދޭ ސުވާލެވެ. މާ ފޯރިއެއް އަރުވާލައި، ހިލޭ ޑިގްރީ ޕްރޮމޯޓްކޮށް، އަދި އެ ޑިގްރީއާއި ނުލައި އެއްވެސް ކުރިއެރުމެއްވެސް، އެއަށްވުރެ ކިތަންމެ މަތީ ސަނަދެއް، އޮނިގަނޑު ބަދަލުވުމުގެ ކުރީން ހޯދާފައި އޮތަސް، ނުލިބުމަކީ ހައިރާންވާން ޖެހޭ ވަރުގެ ބޮޑަތި ސުވާލުތައް އުފެދޭ ކަމެކެވެ.

މުދައްރިސުންނާއި ގުޅޭ ކަންކަން ސަރުކާރު ތަކުގެ ސިޔާސީ ހަތިޔާރަކަށް !

މުދައްރިސުންގެ މުސާރައާއި، ތަޢުލީމީ ދާއިރާގެ ކަންކަން މިހާރު ވެފައި އޮންނަނީ ރާއްޖޭގެ ސަރުކާރުތަކުން ސިޔާސީ ފައިދާ ނެގުމަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ހިނގަމުން މިދާ ވެރިކަމުގެ ދައުރަށް ބަލައިލި ނަމަވެސް އެފަދަ އެތައް ކަމެކެވެ. އަދި ކުރީގެ ވެރިކަން ތަކުގައިވެސް އެބީދައިން ކަންކަން ވަނީ ހިނގާފައެވެ. މޫނު ނިވާ ކޮށްގެން ތިބޭ މުދައްރިސުންނަށް ޖެއްސުން ކުރުމާއި، ޢާއްމު ތަންތަނުގައި ނުވަތަ މީސްމީޑިއާ މަންސަ ތަކުގައި ސިޔާސީ ކަންކަމާއި މެދު ޚިޔާލު ފާޅު ކުރުންފަދަ، ދިވެހި ރައްޔިތަކަށް ވީތީ ލިބޭ އެތައް ޙައްޤަކުން މުދައްރިސުން ވަނީ މަޙުރޫމުކޮށްފައެވެ. އެފަރާތްތަކާއިމެދު ކަންކުރާ ބޭއިންސާފުވެރި ގޮތުގެ ވާހަކަވެސް ތަނެއްގައި ދައްކައިފި ނަމަ ފިޔަވަޅު އަޅާފާނެ ކަމުގެ އެތައް ބިރެއް ވަނީ ކުރިމަތި ކޮށްފައެވެ.

މިފަދަ ކަންކަން ކުރަނީ، މުދައްރިސުން ބަސްބުނަން ފަށައިފި ނަމަ ސަރުކާރަށް ކުރިމަތިވާނެ ސިޔާސީ ގޮންޖެހުންތަކާއި، ތަޢުލީމީ ނިޒާމު ފެއިލްކޮށްލަމުންދާ މިންވަރު ޢާއްމުންނަށް ހާމަވާލެއް ބޮޑުވާނެތީ ފިޔަވައި އިތުރު ކޮން ބޭނުމަކުހެއްޔެވެ؟ ކުދީންނަށް ނޭދެވޭ އަސަރު ކުރާނެތީ ކަމަށް ބުނެ މުދައްރިސުންނަށް މިފަދަ ފިއްތުންތައް ފިއްތާއިރު، ސިޔާސީ ޕާޓީތަކާއި ސިޔާސީ ޢާއްމު ޙަރަކާތްތަކާއި، އެފަރާތްތަކުގެ ބަސްމަގުގެ އަސަރު ކުދީންނަށް ކޮށް، މުޖުތަމަޢުގެ އިޖްތިމާޢީ ފޭރާން ވީދި، ހެދެމުންދާ ބާގަނޑުތައް މާގިނައެވެ. ނަމަވެސް މުދައްރިސުން ފާޑު ކިޔާނަމަ، އެވެރީންނަށް ވުރެ، އޮށްޓަރު ހުރެފައި، ގެންގުޅޭ ހަމަތަކާއި ބަސްމަގު ގައިމު ރީތިވާނެތާއެވެ.

ވެރިކަމަށް ކުރިމަތިލައި، އިންތިޚާބުގެ ދުވަސްވަރު މުދައްރިސުންނަށް އެކި ހުވަފެންތައް، މުދައްރިސުންގެ ޝަކުވާތަކާއި އަޅުވައި ދައްކާ އުޅެއެވެ. އަދި ވެރިކަމުގެ ދުވަސްވަރުގައި، ކޮށްދޭ ކަމެއް ކޮށްދިނުމުގައިވެސް މުދައްރިސުންނަށް އެތައް އޮޅުވާލުމަކާއި، ތަކުލީފަކާއި ބޭއިންސާފުވެރިކަން އިންތިހާއަށް ކުރިމަތި ކުރެއެވެ. މުދައްރިސުންގެ އެތައް ޙައްޤެއް ނިގުޅައި ގަނެއެވެ. އަޅުން ގެންގުޅޭ އުސޫލުން މުދައްރިސުން ގަނަތަޅުވައެވެ. މިގޮތަށް އެކި ދަތިކުރުންތައް ދަތިކޮށް، ބައެއް ކަންކަން މުޅީން ފިއްތައި ހާޖާނެއް ހަދާލުމަށްފަހު، ހަމަ އެކަމެއްގައި އަލުން ދުލެއްދީ، ސަރުކާރުގެ ހެޔޮފުޅުކަން ދައްކައި، ވޯޓު ކައިރުވުމުން އަނެއްކާވެސް މުދައްރިސުން ޅޮސް އުނދޯއްޔަށް އަރުވާން އުޅެއެވެ. ދާދި ފަހަކުން މޫނުބުރުގާގެ މައްސަލައިގައި މުދައްރިސުންނާއިމެދު ކަންކުރިގޮތް މިސާލަކަށް ފުދެއެވެ. އަދި މުސާރައިގައި ހުރި ހީލަތްތަކާއި ބޭއިންސާފުތައް އިސްވެ އެވަނީ ބަޔާންކޮށްފައެވެ. ސިޔާސީ ހަތިޔާރަކަށް މުދައްރިސުންނާއި ގުޅޭ ކަންކަން ހެދޭނީ މިހާވަރަކަށްތާއެވެ. ހިތާމައަކީ، މިފަދަ ކަންކަން މުދައްރިސުންނަށް ހާމަވެ ފެންނާން ހުރިއިރު، ވޯޓު ކަރުދާސްކޮޅަށް މުދައްރިސުންގެ ފަރާތުން ކުރާނެ އަސަރު މިފަދައިން ކަންކުރާ ވެރީންނަށް ނުވިސްނޭ ކަމެވެ.

ޚުލާސާކޮށް ބަލައިލުމެއް

ތަޢުލީމީ ދާއިރާގެ މުސާރައިގެ އައު އޮނިގަނޑެއް މިވަނީ އެކުލަވާލެވިފައެވެ. މިކަމުގެ ސަބަބުން މުދައްރިސުންނަށް ކުރާ ފައިދާތެކެއްވެސް އެބަހުއްޓެވެ. ނަމަވެސް މިކަމުގެ ތެރޭގައި ވަނީ އެތައް ބައިވަރު ބޭއިންސާފުވެރި ކަންތައްތަކެކެވެ. ސަނަދުގެ ގޮތުން މަތީ ސަނަދުތަކާއި، ސަރުކާރުން ހިލޭ ފޯރުކޮށްދެމުން އަންނަ ޑިގްރީ ލެވެލްގެ ދެމެދުގައި ޙައްޤުނޫން އެތައް ފަރަޤު ކުރުމަކާއި ބޭއިންސާފުވެރި، އެތައް މުދައްރިސުންނަކަށް އަނިޔާވެރި އެތައް ކަމެއް ފެންނާން އެބަހުއްޓެވެ.

މަޤާމުގެ ކުރިއެރުން ދިނުމުގެ އުސޫލުތަކުގައި ދެކޮޅު ނުޖެހޭ އެތައް ކަމެއް އެހުރީ ފެންނާށެވެ. މުސާރަ ބޮޑުކުރި ނަމުގައި މުދައްރިސުންނަށް މަސައްކަތާއި ހޭދަކުރަން ޖެހޭ ވަގުތު ގޮތުން އިތުރު އެތައް ތަކުލީފެއް އެވަނީ ޖައްސާފައެވެ. ކޮންމެވެސް ގޮތަކުން ބުރަ ބޮޑުކޮށް، ތަކުލީފު ބޮޑުކޮށްފައި މެނުވީ، އަދި އުސޫލުގެ ތެރެއިން އޮޅުވާލުންތަކެއް އޮޅުވާލާފައި މެނުވީ ލޯ ލާރިއެއްވެސް މުދައްރިސުންނަށް އިތުރުކޮށްފައި ނެތްކަން އެހުރީ ހާމަވާށެވެ. ސަރުކާރުގެ ހިލޭ ޑިގްރީ ލެވަލްގެ ޑިގްރީއަށް، މުދައްރިސުންގެ ހުރިހާ ކުރިއެރުމެއް ފޫޅު ކަނޑާފައި ވުމުންނާއި، އެޔާއި ގުޅޭ ކަންކަން ހިނގަމުންދާ ގޮތުން، ކޮރަޕްޝަންގެ ތަހުޤީޤެއް ކުރާން ޖެހޭ ހިސާބަށް ތުހުމަތު ކުރެވޭނެ ކަންކަން ހުރީ ފެންނާށެވެ. ސިޔާސީ ގޮތުން މުދައްރިސުންނަށް ކުރާ ޖެއްސުންތަކާއި، ސިޔާސީ ހަތިޔާރަކަށް މުދައްރިސުންނާއި، ތަޢުލީމީ ދާއިރާގެ ކަންކަން ހަދަމުން ގޮސް، އެކަމުގެ ނޭދެވޭ އަސަރުތައް ތަޢުލީމީ ދާއިރާއަށާއި މުޖުތަމަޢަށް ދަނީ ކުރަމުންނެވެ.

ނިންމާލުން

މިދިރާސާ ރިޕޯޓު އެކުލަވާލުމުގެ ތެރޭގައި، ކުރީން ބަޔާން ކުރެވުނު މުދައްރިސުންގެ ޝަކުވާތަކާއި، އައު އޮނިގަނޑުގައި ހުރި މައްސަލަތަކާއި މެދު 5 ސުވާލެއް އަޅުގަނޑުމެން ވާނީ އެޑިއުކޭޝަން މިނިސްޓްރީގެ ކަމާ ބެހޭ އިސް ވެރިއަކަށް ފޮނުވާފައެވެ. ނަމަވެސް މިފަދަ ކަންކަމުގައި ޢާއްމު އުސޫލުން ‘ކޮމްޕިއުޓަރ’ ޖަވާބޭ މިކިޔާ ބީދައިން، އަޅުގަނޑުމެނަށް ޖަވާބު ލިބުނީ، ބައިވަރު ސުވާލުތަކަކަށް ވެފައި، ޖަވާބު ދޭން ވަގުތު ބޭނުންވާ ކަމަށް ބުނެ ލިބުނު ޖަވާބެވެ. އަދި އޭގެ ފަހުން 4 ދުވަސް ފާއިތުވީ އިރުވެސް، އަދި މި ލިޔުން ޝާއިޢު ކުރުމާއި ހަމައަށްވެސް އަޅުގަނޑުމެނަށް ވަނީ ޖަވާބު ނުލިބިއެވެ. އަދި ފަހުން ވަނީ އެއްވެސް މެސެޖަކަށް ޖަވާބު ނުލިބިފައެވެ.

މުދައްރިސުންނަކީ ޤައުމުގެ މުޖުތަމަޢު ބިނާ ކުރުމުގެ އެންމެ މައި ތަނބެވެ. ތަޢުލީމީ ދާއިރާއަކީ އެންމެ ވަރުގަދަވެ، ހަރުދަނާވާން ޖެހޭ ނިޒާމެވެ. މިނިޒާމު ސިޔާސީ ގޮތުން ބޭނުންކުރާ ކުޅޭ އެއްޗަކަށް ހަދައިފިނަމަ ޤައުމުގެ ކުރިމަގު އެކީ ހަލާކުވެގެން ދިޔައީއެވެ. ދީނާއި ޤައުމުގެ ވިސްނުމާއި ފިކުރު ކުރިއަށް ނެރެ، ތަޢުލީމީ ނިޒާމު ސިޔާސީ ނާޖާއިޒް ވަކިތަކުން މިންޖުކޮށް، ކޮރަޕްޝަނާއި ފަސާދައިން މިންޖު ކުރެވިގެން ނޫނީ، ދިވެހި މުޖުތަމަޢު ސަލާމަތެއް ނުވާނެއެވެ. އެހެންކަމުން، ތަޢުލީމީ ދާއިރާގެ ކަންކަން ބިނާކޮށް، މުދައްރިސުންނަށް ދޭން ޖެހޭ ޙައްޤުތައް އިންސާފުވެރިކަމާއި، ޢަދުލުގެ ތެރެއިން ފޯރުކޮށް ދިނުމަކީ ކޮންމެހެން ލާޒިމުކަމެކެވެ. މިގޮތުން މުދައްރިސުންގެ މުސާރައިގެ އައު އޮނިގަނޑުގެ ދަށުން ފެނިފައިމިވާ މައްސަލަތަކާއި، އިތުރަށް އެކަމުގައި ހުރި މައްސަލަތައް ބަލައި، އޮށްޓަރުހުރި، ހަރުދަނާ އަވަސް ޙައްލެއް ހޯދައި ނުދެވިއްޖެނަމަ ކުރިމަގުގައި ލިބޭނެ ގެއްލުންތަކާއި އުފެދޭނެ ފަސާދަ މާ ބޮޑުވާނެއެވެ.

ނިމުނީ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 7 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ވަރަށް ރަނގަޅު ވާހަކަތަކެއް. ޓީޗަރުންނަށް އިންސާފު ލިބެންޖެހޭ. އުއްމީދަކީ މިކަންކަން އިސްލާހު ވާނެ ދުވަހެއް ފެނިގެންދިޔުން..
    ޝުކުރިއްޔާ އެޓޯލް ނިވްސް.

  2. ޓީޗިންގ ދާއިރާގައި 15 އަހަރު އުޅުމަށްފަހު އަޅުގަނޑު ޕޯސްޓް ގްރެޖްއޭޓް ޓީޗިންގހެދީ ޑިގްރީ ލެވެލްއަށް ބަލާފާސްއެއް ކަން ކަށަވަރު ކުރުމަށްފަހުގަައެވެ.ކޯސްނިމުމުންވެސް ރޭންކްބަދަލުވީ ޑިގްރީރޭންކަށެވެ. ޢޭގެފަހުން މާސްޓާ ހަދަންފެށިތަނާ
    ޢާއޮނިގަނޑު ތަންފީޒްކުރެވިގެން ދިޔައިރުވެސް އަޅުގަނޑު ބަދަލުވީ ޑިގްރީ ލެވެލްއަށެވެ. ދެންމާސްޓާ މިހާރު މިޖެހެނީ ހަމަ ކުރިންވެސް ހުރި ޑިގްރީ ލެވެލްގައި ތާއަބަދަށް ހުންނާށެވެ. މީއިންސާފެއް ކަމުގައި އަޅުގަނޑު ނުދެކެމެވެ. ޢެހެނީ މިހާރު މާސްޓާ މިވީ ބޭކާރު އެއްޗަކަށެވެ.މަޤާމުގެ ކުރިއެރުން މާސްޓާ އޮތް ނަމަވެސް ދެންލިބެންއޮތީ 3 އަހަރުގެ ޑިގްރީ ހެދުމުންނެވެ.

  3. މިއީ ވަރަށް ރަނގަޅު ރިޕޯޓެއް އެތައް ހަރަދެއް އެތައް ވަގުތެއް ހޭދަކޮށްގެން ހެދި ޕީޖީޑީޓީ ނިމި ސެޓްފިކެޓް ނުލިބެނީސް އޮނިގަނޑު ބަދަލުޥީ ކުރިއެރުމެއް ނުލިބުނު. މުޅިން ބޭކާރުވީ.

  4. އަސްލުވެސް މިރިޕޯޓުގަ އޮތީ ވަރަށް ބޮޑު ތެދެއް. ލެވެލް 9 ގެ މާސްޓަރޒް ހެދިއްޖެ. ލެވެލް 8 ގެ ސެޓްފިކެޓެއް އެބައޮތް. ލެވެލް 7 ގެ ސެޓްފިކެޓް ނެތުމުން މާސްޓަރޒްގެ ރޭންކަށް ބަދަލުވާން ބޭނުންނަމަ މި ޖެހެނީ އަލުން ލެވެލް 7 ހަދަން. މީ އަޅުގަނޑުމެންނަށް ޖެއްސި ވަރަށް ބޮޑު ތަކްލީފެއް. ކުއްލި ގޮތަކުންވެސް އެހެން ސުކޫލަކަށް ބަދަލުވާން ޖެހިއްޖެނަމަ އަޅުގަނޑަށް މިހާރު މިލިބޭ މުސާރަ ނުލިބޭނެ. ލިބޭނީ ޑިޕްލޮމާގެ މުސާރަ.

  5. ޓީޗަރުންނަށް ލޯލާރިއެއްވެސް ދޭންވާނީ އޮތިއްޔާ އޮތްހާ ލެވެލްއެއް ހެދީމަ. މަޖިލިސް މެންބަރުންނާއި ކައުންސިލަރުންތެރެއިން ވަކިބަޔަކު ނުކިޔަވާ ތިއްބަސް ބޮޑުމުސާރަ ހަމަ އޯކޭ. ތިލަފަތުގެ ދެކޮޅު މާބޮޑަށް ހަމަހަމަައީ

  6. މިއީ ވަރަށް ރަނގަޅު ރިޕޯޓެއް. ޑިޕްލޮމާ ޓީޗަރުންނާއި ޑިގްރީ ޓީޗަރުންގެ މުސާރައިގެ ތަފާތުގެ ވާހަކަ އާއި މުސާރައިގެ އާ އޮނިގަނޑުގައި ތަޖުރިބާގެ އަގު ވަޒަން ކުރެވިފައި ނެތް ވާހަކަ ހިމަނާ ލެވުނު ނަމަ މި ރިޕޯޓް އިތުރަށް ފުރިހަމަ ވީސް.

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.