ސިއްހީ މާހިރުންގެ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކޮށް، ފަރުދީ ޒިންމާ އަދާ ކުރުމަށް ނައިބު ރައީސް އިލްތިމާސް ކުރައްވައިފި
ސިއްހީ މާހިރުންގެ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކޮށް، ފަރުދީ ޒިންމާ އަދާ ކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް އިލްތިމާސް ކުރައްވައިފި އެވެ.
އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑް 19 ޖެހޭ މީހުންގެ އަދަދުތައް އިންތިހާއަށް އިތުރުވަމުން ދާ މި ދަނޑިވަޅުގައި އެންމެހާ ރައްޔިތުން ބަލިން ރައްކާތެރި ވުމަށް ސަމާލުކަން ދިނުމަށް ވެސް އިލްތިމާސް ކުރައްވާފަ އެވެ.
“ އެންމެންގެ ރައްކަލަކަށްޓަކައި ސިއްހީ މާހިރުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކޮށް ފަރުދީ ޒިންމާ އަދާކުރަމާ“ ނައިބު ރައީސްގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
ކޮވިޑު 19 ޖެހޭ މީހުންގެ އަދަދުތައް އިންތިހާއަށް މައްޗަށްދާ މި ދަނޑިވަޅުގައި އެންމެހާ ރައްޔިތުން ބަލިން ރައްކާތެރިވުމަށް ސަމާލުކަންދިނުމަށް އިލްތިމާސް ކުރަން. އެންމެންގެ ރައްކަލަށްޓަކައި ސިއްހީ މާހިރުންގެ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކޮށް، ފަރުދީ ޒިންމާ އަދާ ކުރަމާ!
#StaySafe— Faisal Naseem (@FaisalNasym) May 4, 2021
ނައިބު ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ މި ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑު ކޭސްތައް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އެގޮތުން ފާއިތުވެގެން ދިޔަ ހަފްތާގައި ރާއްޖޭގައި ރިކޯޑް އަދަދަކަށް ބަލިފެތުރުނު ހަފްތާއެއްގެ ގޮތުގައެވެ. މިދިޔަ ދެ ދުވަހު ޕޮޒިޓިވް ރޭޓް ހުރީ 500 އިން މަތީގައެވެ.
އަދަދުތައް މަތިވާން ފެށުމުން ދީފައިވާ ލުއިތައް މިހާރުވަނީ އިތުރަށް ހަރުކަށި ކޮށްފައެވެ. އެގޮތުން ދަންވަރު 12 އިން ފަތިހު 04 އަކަށް ވެހިކަލް ދުއްވުން މަނާ ކުރުމާއި ސަރުކާރު އޮފީސްތަކާއި ސްކޫލުތައް ކުރިޔަށް އޮތް ދިހަދުވަހަށް ވަނީ ބަންދުކޮށްފައެވެ.
މީގެ އިތުރުން 2 ޑޯޒް ވެކްސިން ފުރިހަމަ ކުރުމަށް ފަހު ކަރަންޓީނާ ނުލާ ރަށްރަށަށް ދިޔުމަށް ހުއްދަދިނުންވެސް ވަނީ ވަގުތީގޮތުން ހުއްޓާލާފަ އެވެ.