ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުން ބަޔާން މިއުނިކް އާއި އެތްލެޓިކޯ މެޑްރިޑް ވެސް މޮޅުވެ،
ބަޔާން ރޭ މޮޅުވީ ނެދަލޭންޑްސްގެ ޕީއެސްވީ އާއި ބައްދަލުކޮށް 1-4 ގެ ނަތީޖާއަކުންނެވެ.
ބަޔާންގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔައިރު އެޓީމުގެ ފުރަތަމަ ގޯލް ޖަހާ މެޗުގެ ލީޑުނެގީ މެޗުގެ 13 ވަނަ މިނެޓްގައި ތޯމަސް މުލާ ކާމިޔާބުކޮށްދިން ލަބޑުންނެވެ. އަދި މެޗުގެ 21 ވަނަ މިނެޓްގައި، ޔޯޝުއާ ކިމިޗް ވަނީ ބަޔާންގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ.
ނަމަވެސް ފުރަތަމަ ހާފް ނިމުމުގެކުރިން، ޕީއެސްވީން ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު އެޓީމަށް ކުޑަކޮށްދީފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލޫސިއާނޯ ނާސިންހް އެވެ.
ބަޔާން ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ރޮބަޓް ލެވެންޑޯސްކީ ވަނީ، ބަޔާންގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދީ ލީޑު އިތުރަށް ލީޑު ފުޅާކޮށްފައެވެ.
ބަޔާންގެ ފަހު ގޯލް މެޗުގެ 84 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އާރެޔަން ރޮބެންއެވެ.
އެތްލެޓިކޯ މެޑްރިޑް މިރޭ މޮޅުވީ ރަށުން ބޭރުގައި ރޮސްޓޯވް އާއި ބައްދަލުކޮށް 0-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ވާދަވެރިކުޅުމެއް ފެނިގެން ދިޔައިރު އެތްލެޓިކޯގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ ޔަނިކް ފެރެއިރާ ކަރަސްކޯއެވެ. ކަރަސްކޯ މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 62 ވަނަ މިނެޓުގައި ފެނާންޑޯ ޓޯރޭސް ގެ އެހީތެރިކަމާއެކުގައެވެ.
ރޭގެ ނަތީޖާތަކަކާއެކީ ގްރޫޕް ޑީގެ އެއްވަނައިގައި 9 ޕޮއިންޓާއެކީ އޮތީ އެތްލެޓިކޯއެވެ. ބަޔާން އޮތީ ހަ ޕޮއިންޓާއެކީ ގްރޫޕްގެ ދެވަނައިގައެވެ. ގްރޫޕްގެ ތިންވަނައިގައި އެއް ޕޮއިންޓާއެކީ ޕީއެސްވީ އޮތްއިރު، ގްރޫޕްގެ ފުލުގައި އޮތް އެފްސީ ރޮސްޓޯވްއަށް ވެސް ލިބިފައިވަނީ، އެންމެ ޕޮއިންޓެކެވެ.
މިހާތަނަށް ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް އެތްލެޓިކޯ މޮޅުވެފައިވާއިރު ދެވަނަ ބުރަށް ދިޔުމަށް އެޓީމަށް ދެން ބޭނުންވަނީ އެންމެ މޮޅެކެވެ.