ދުނިޔޭގެ ނިސްބަތުން މޮޅު ކުރެހުންތެރިން ރާއްޖޭގައި އެބަތިބި: މިނިސްޓަރ ޔުމްނާ
ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ގިނަ އަދަދެއްގެ މޮޅު ކުރެހުންތެރިންތަކެއް ތިބި ޤައުމެެއް ކަމަށްފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ކުރެހުމުގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ޚިތާބުގައި މިނިސްޓަރ ވިދާޅުވީ ކުރެހުމާއި، އެއާއި ގުޅުންހުރި ދާއިރާތައް ތަރައްޤީ ކުރުމަށް އަދުގެ ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
އެގޮތުން ނޭޝަނަލް އާޓް ގެލެރީ ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުން ކަމަށާއި ދިވެހި ކުރެހުންތެރީންނަށް އެކިއެކި އެކްސްޗޭންޖް ޕްރޮގްރާމްތައް މެދުވެރިކޮށް ރާއްޖެއިން ބޭރުން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކުރުމަށް ދަނީ މަސައްކަތް ކުރެވެމުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ފަންނުވެރިކަން ކުރިއެރުވުމަށް މަރުކަޒުތަކެއް ޤާއިމް ކުރުމުގެ މަސައްކަތް ރޭވިފައިވާއިރު، އެ މަރުކަޒުތައް މެދުވެރިކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ހުނަރުވެރި ކުރެހުންތެރިން ބިނާކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ.
”މިއީ މި ދުވަސް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ 2 ވަނަ އަހަރު ކަމުގައި ވާއިރު، މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް19ގެ ޢާލަމީ ވަބާއާއިއެކު ކުރެހުންތެރީންނަށް ވަނީ އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އެހެންނަމަވެސް، ބަލައިލި ކޮންމެ ދިމާލަކުންމެ ފެންނަނީ ކުރެހުންތެރިން އިތުރު ހިތްވަރަކާއިއެކު މަސައްކަތް ފަށައިގަންނަ ތަނެވެ. މި ޢާލަމީ ވަބާގެ ބިރުވެރިކަމުގެ ތެރޭގައި ކުރެހުންތެރީންގެ ހިތްގައިމު ކުރެހުންތައް ވެގެންދިޔައީ ހިތްތަކަށް ހަމަޖެހުން ގެނެސްދިން ފަރުވާއަކަށެވެ.“ މިނިސްޓަރގެ ޚިތާބުގައި ވިދާޅުވެފައި ވެއެވެ.
ދުނިޔޭގެ ކުރެހުމުގެ ދުވަހުގެ ގޮތުގައި އޭޕްރިލް މަހުގެ 15 ވަނަ ދުވަސް ކަނޑައެޅުނީ 2019 ވަނަ އަހަރު ބޭއްވުނު ޔުނެސްކޯގެ އާންމު ޖަލްސާގައެވެ.
މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ މުޖުތަމަޢުއާއި ކުރެހުމާއި ހުރި ގުޅުން ފާހަގަކޮށް، ކުރެހުން މެދުވެރިކޮށް ފާޅުކުރެވޭ ޚިޔާލުތަކުގެ ސިންދަފާތުކަން ބަލައިގަނެ، ދެމެހެއްޓެނިވި ތަރައްޤީގައި ކުރެހުންތެރިން އަދާކުރާ މުހިންމު ރޯލު ފާހަގަ ކުރުމެވެ. އަދި މި ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ބޮޑުވަމުން އަންނަ ކުދީންގެ ތަފާތުތައް ދެނެގަނެ، އެކުދިންގެ ޝުޢޫރުތައް ފާޅުކުރުމަށް ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި ކުރެހުން ބޭނުން ކުރުމަށް ސްކޫލް ދައުރުން ފެށިގެން އެ ކުދީންނަށް އެހީވުމުގެ މުހިއްމުކަން ފާހަގަކުރުމެވެ.