ދުނިޔޭގައި މިވަގުތު ވެރިކަމުގައި ހުންނެވި ދެވަނައަށް އެންމެ ދުވަސްވީ ވެރިޔަކީ ފަލަސްތީނުގެ ރައީސް

ފަލަސްތީނުގެ ރައީސްގެ އުމުރުފުޅުން 91 އަހަރު ފުރިއްޖެ، ދުނިޔޭގައި މިވަގުތު ވެރިކަމުގައި ހުންނެވި ދެވަނައަށް އެންމެ ދުވަސްވީ ވެރިޔާގެ ލަގަބު އެމަނިކުފާނަށް ލިބިއްޖެ އެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ އުމުރުފުޅުން 91 އަހަރު މިދިޔަ އާދީއްތަ ދުވަހު ފުރުމާއެކު އެމަނިކުފާނު ވެވަޑައިގެންފައިވަނީ ދުނިޔޭގައި މިވަގުތު ދައުލަތެއްގެ އިސްވެރިއެއްގެ މަގާމުގައި ހުންނެވި ދެވަނައަށް އެންމެ ދޮށީ ބޭފުޅަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

15 ނޮވެމްބަރު 1935 ގައި ފަލަސްތީނުގެ ސަފަދުގައި އުފަންވެވަޑައިގެންނެވި އައްބާސްއަށްވުރެ އުމުރުގެ ގޮތުން ދޮށީ ދުނިޔޭގައި މިވަގުތު ވެރިކަމުގައި ހުންނެވި ހަމައެކަނި ބޭފުޅަކީ ކެމަރޫންގެ ރައީސް ޕޯލް ބިޔާ (93 އަހަރު) އެވެ. ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް (90 އަހަރު) އަކީވެސް ދުނިޔޭގައި މިވަގުތު ހުންނެވި އެންމެ ދުވަސްވީ ޒައީމުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

1948 ވަނަ އަހަރުގެ ”ނަކްބާ“ ނުވަތަ ބޮޑު ކާރިސާގެ ދުވަސްވަރު އައްބާސް އާއި އެމަނިކުފާނުގެ އާއިލާއަށް މަޖުބޫރުވީ ސަފަދު ދޫކޮށް ސީރިއާއަށް ހިޖުރަކޮށް ރެފިއުޖީންގެ ގޮތުގައި ދިރިއުޅޭށެވެ.

އެމަނިކުފާނުގެ ރަސްމީ ވަނަވަރުގައިވާ ގޮތުން 1958 ވަނަ އަހަރު ދިމިޝްގު ޔުނިވަރސިޓީން ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރެއްވުމަށްފަހު 1982 ވަނަ އަހަރު މޮސްކޯއިން ތާރީޚުގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރެއްވި އެވެ.

1950 ގެ އަހަރުތަކުގައި ފަލަސްތީނުގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަން ފެއްޓެވި އައްބާސްއަކީ ޔާސިރު އަރަފާތާއި އެހެން ލީޑަރުންނާއެކު ފަތަޙަ ޖަމާޢަތް އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. މީގެއިތުރުން، 1993 ވަނަ އަހަރު ފަލަސްތީނު މިނިވަންކުރުމަށް މަސައްކަތްކުރާ ޖަމާއަތް (ޕީއެލްއޯ) އާއި އިސްރާއީލާ ދެމެދު ވެވުނު އޮސްލޯ އެއްބަސްވުމުގެ މަޝްވަރާތަކުގައި އައްބާސް މުހިންމު ދައުރެއް އަދާކުރެއްވި އެވެ.

އެމަނިކުފާނު 2003 ވަނަ އަހަރު ފަލަސްތީނުގެ ބޮޑުވަޒީރުކަން ކުރެއްވި އެވެ. އަދި 2004 ވަނަ އަހަރު ޔާސިރު އަރަފާތު އަވަހާރަވުމާ ގުޅިގެން ޕީއެލްއޯގެ ޗެއާމަންގެ މަގާމާ ހަވާލުވެވަޑައިގަތެވެ.

ވެރިކަމުގައި ގާތްގަނޑަކަށް 22 އަހަރު
ޖެނުއަރީ 2005 ގައި ބޭއްވުނު އިންތިޚާބުގައި ވޯޓުގެ 62 އިންސައްތަ ކާމިޔާބުކުރައްވައި އައްބާސް ފަލަސްތީނު އޮތޯރިޓީގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތެވެ. އޭގެ ފަހުން ރިޔާސީ އިންތިޚާބެއް ބޭއްވިފައި ނުވާއިރު އެމަނިކުފާނު އަދިވެސް ހުންނެވީ އެ މަގާމުގައެވެ.

ފަލަސްތީނުގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު، 11 ސެޕްޓެމްބަރު 2027 އަށް އައްބާސް މިދިޔަ މަހު ވަނީ ފަސްކުރައްވާފަ އެވެ. ފަލަސްތީނުގެ ލީޑަޝިޕުން ބުނާ ގޮތުގައި މި ނިންމުން ނިންމީ ސިޔާސީ އަދި ލޮޖިސްޓިކް ދަތިތަކުގެ ސަބަބުންނެވެ. އޭގެ ތެރޭގައި ޣައްޒާ އާއި ހުޅަނގު އައްސޭރި އަދި އިރުމަތީ ގުދުސްގެ މިހާރުގެ ހާލަތު ހިމެނެ އެވެ.

ދުނިޔޭގެ އެންމެ ދުވަސްވީ ލީޑަރުން:

  • ޕޯލް ބިޔާ (93) – ކެމަރޫން
  • މަހްމޫދު އައްބާސް (91) – ފަލަސްތީނު
  • ސަލްމާން ބިން އަބްދުލްއަޒީޒް ރަސްގެފާނު (90) – ސައުދީ އަރަބިއްޔާ
  • ޖީން-ލޫސިއަން ސާވީ ޑި ޓޯވޭ (87) – ޓޯގޯ
  • ޕީޓާ މުތާރިކާ (86) – މަލާވީ
  • ޝައިޚް މިޝްޢަލް އަލް-އަޙްމަދު އަލް-ޞަބާޙް (86) – ކުވެއިތު
  • ސާޖިއޯ މަޓަރެއްލާ (85) – އިޓަލީ
  • އަލަސާން އުއަޓާރާ (84) – އައިވަރީ ކޯސްޓް
  • ތިއޮޑޯރޯ އޯބިއަންގް އެންގުއެމާ އެމްބަސޯގޯ (84) – އިކުއެޓޯރިއަލް ގިނީ
  • އެމަރސަން އެމްނަންގަގުވާ (84) – ޒިމްބާބުވޭ

ރައީސް އައްބާސްގެ 91 ވަނަ އުފަންދުވަސް މި ބައްދަލުކުރީ ފަލަސްތީނުގެ ރައްޔިތުން ސިޔާސީ ގޮތުންނާއި އިންސާނީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލަމުންދާ ދަނޑިވަޅެއްގަ އެވެ.

ހަމައެއާއެކު އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމަށް ފަލަސްތީނުގެ ލީޑަޝިޕުން ދަނީ ބައިނަލްއަޤްވާމީ އެހީތެރިކަމަށް އެދެމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.