
ޑަބްލިއުއެޗްއޯގެ މިސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރު ކަމަށް ޑރ. ޖަމްޝީދުގެ ނަން ހުށަހަޅައިފި
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރުގެ މަގާމަށް ދިވެހިރާއްޖޭގެ ފަރާތުން، ސިއްހީ ދާއިރާގެ ތަޖުރިބާކާރު ޑރ. އަހުމަދު ޖަމްޝީދު މުހައްމަދުގެ ނަން ހުށަހަޅައިފިއެވެ.
މިކަން ހާމަކޮށް މިނިސްޓްރީ އޮފް ހެލްތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސައުތު އީސްޓް އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތުގައި ރާއްޖޭގެ ފަރާތުން ޑރ. ޖަމްޝީދުގެ ނަން ހުށަހެޅުމަކީ، މި ސަރަހައްދުގެ ސިއްހީ ދާއިރާގެ ލީޑާޝިޕުގައި ރާއްޖެއަށް ލިބުނު ފަޚުރުވެރި އަދި މުހިންމު ކާމިޔާބީއެއް ކަމަށެވެ.
ޑަބްލިއުއެޗްއޯގެ ސައުތު އީސްޓް އޭޝިއާ ސަރަހައްދުގެ އެންމެ އިސް މި މަގާމު ހުސްވީ، މަކަރާއި ހީލަތުގެ ތުހުމަތުތަކަކާ ގުޅިގެން އެ މަގާމުގައި ކުރިން ހުންނެވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ދަރިކަނބަލުން ސާއިމާ ވާޒިދު، މިދިޔަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
މިސަރަހައްދުގެ 10 ގައުމު ހިމެނޭ އެންމެ އިސް މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާއިރު، ހުސްވެފައިވާ އެ މަގާމަށް އަލުން ބޭފުޅަކު އިންތިޚާބު ކުރުމަށްޓަކައި ވޯޓުލުން ބޭއްވުމަށް ޑަބްލިއުއެޗްއޯއިން ނިންމާފައިވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހުއެވެ.
ރާއްޖޭގެ ފަރާތުން މި މަގާމަށް ނަން ހުށަހެޅުއްވި ޑރ. ޖަމްޝީދަކީ ބައިނަލްއަގުވާމީ ސިއްހީ ޑިޕްލޮމަސީއާއި ސިއްހީ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. މީގެއިތުރުން، ޑަބްލިއުއެޗްއޯގައި ހޭދަކުރެއްވި ފާއިތުވި 12 އަހަރު ދުވަހުގެ ތެރޭގައި އެ ޖަމިއްޔާގެ ފާހަގަކޮށްލެވޭ މުހިންމު އިސް މަގާމުތަކެއް އޭނާ ވަނީ ފުރުއްވާފައެވެ.
އެގޮތުން ޑރ. ޖަމްޝީދު ވަނީ ޑަބްލިއުއެޗްއޯގެ ފަރާތުން ނޯތު ކޮރެއާގައި ހުންނަވާ މަންދޫބުކަމާއި، ބަންގްލަދޭޝްގައި ހުންނަވާ ޑެޕިއުޓީ ރެޕްރެޒެންޓޭޓިވްކަމުގެ އިތުރުން އެ ޖަމިއްޔާގެ ސަރަހައްދީ އޮފީހުގެ އިސް އެޑްވައިޒަރުކަން ވެސް ކާމިޔާބުކަމާއެކު އަދާކުރައްވާފައެވެ.



