ޢިރާޤުން ޕައިޕްލައިން މެދުވެރިކޮށް ތުރުކީއަށް ތެޔޮ އެކްސްޕޯޓްކުރަން ފަށައިފި

ޢިރާޤުގެ ތެޔޮ ވަޒީރު ވިދާޅުވި ގޮތުގައި ކިރްކޫކް-ޖޭހާން ޕައިޕްލައިން މަރާމާތުކޮށް އިތުރަށް ތަރައްޤީކުރުމުން ދުވާލަކު 500,000 ފީފާ ތެޔޮ ފޮނުވުމުގެ ޤާބިލުކަން އެ ޕައިޕްލައިނަށް ލިބޭނެ އެވެ.

ހޮރްމުޒް ކަނޑުއޮޅި ނޫން އެހެން މަގެއް ހޯދުމުގެ މަސައްކަތުގެ ދަށުން ޢިރާގުން މިހާރު ވަނީ ކިރްކޫކް-ޖޭހާން ޕައިޕްލައިން މެދުވެރިކޮށް ތުރުކީއަށް ސާފުނުކުރާ ތެޔޮ ފޮނުވަން ފަށާފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޢިރާގުގެ ތެޔޮ ވަޒީރު ބާސިމް ޚުޟައިރު ދައުލަތުގެ ނިއުސް އެޖެންސީއަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ 960 ކިލޯމީޓަރުގެ ދިގު މި ޕައިޕްލައިން މެދުވެރިކޮށް ދުވާލަކު 120,000 ފީފާ ތެޔޮ ތުރުކީގެ މެޑިޓަރޭނިއަން ބަނދަރަށް ފޮނުވުމަށް ޢިރާގުން ރާވާފައިވާ ކަމަށެވެ.

އަދި ދިހަ އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ބަންދުކޮށްފައި އޮތް މި ޕައިޕްލައިން މަރާމާތުކޮށް އޮޕަރޭޝަނަލް ޓެސްޓުތައް ކާމިޔާބުކަމާއެކު ނިމުމުން ދުވާލަކު 500,000 ފީފާ ތެޔޮ ފޮނުވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހޮރްމުޒް ކަނޑުއޮޅީގައި އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާ އެއް ޤައުމަކީ ޢިރާގެވެ. އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރާ ހަނގުރާމައިގެ ކުރިން ޢިރާގުގެ އެކްސްޕޯޓް ކުރާ ތެލުގެ ބޮޑުބައި ބޭރުކުރަނީ މި ކަނޑުއޮޅިންނެވެ. އަދި ޢިރާގުގެ ބަޖެޓުގެ 90 އިންސައްތަ ހިއްސާކުރަނީ ތެޔޮ ވިއްކައިގެން ލިބޭ އާމްދަނީ އެވެ.

ކިރްކޫކުން ޖޭހާނަށް ތެޔޮ ފޮނުވަން ފެށުމަކީ ހޮރްމުޒް ކަނޑުއޮޅިއަށް ބަރޯސާވާ މިންވަަރު ކުޑަކުރުމަށް ޢިރާގުން އަޅާ ފުރަތަމަ ފިޔަވަޅެވެ. ބަޣުދާދުގެ އަމާޒަކީ ދެކުނު ޢިރާގުގެ ތެޔޮ އުފައްދާ މަރުކަޒު ކަމަށްވާ ބަސްރާ ސޫރިޔާގެ ބަނިޔާސް ބަނދަރާއި ތުރުކީގެ ޖޭހާން ބަނދަރު މެދުވެރިކޮށް މެޑިޓަރޭނިއަން ކަނޑާ ގުޅާލުމެވެ.

ޢިރާގުގައި ހުންނަވާ އެމެރިކާގެ ސަފީރު ޓޮމް ބަރަކް ވަނީ ކިރްކޫކް-ޖޭހާން ޕައިޕްލައިން އަލުން ހުޅުވުމަށް މަރުޙަބާ ވިދާޅުވެފަ އެވެ.

ދެ އަހަރު ދުވަހުގެ ދެބަސްވުމަކަށްފަހު 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ކުރުދިސްތާން ސަރަޙައްދުން ތުރުކީއަށް ތެޔޮ އެކްސްޕޯޓް ކުރަން ވަނީ ފަށާފަ އެވެ.

އެ އެއްބަސްވުމުގެ ދަށުން ކުރުދިސްތާން ސަރުކާރާއި އެ ސަރަޙައްދުގައި މަސައްކަތްކުރާ ބޭރުގެ ކުންފުނިތަކުން ދުވާލަކު 180,000 އާއި 190,000 އާ ދެމެދުގެ އަދަދަކަށް ތުރުކީއަށް ތެޔޮ ފޮނުވަން ވަނީ އެއްބަސްވެފަ އެވެ.

ނަމަވެސް އަންގާރަ ދުވަހު އިޢުލާންކުރި މި ނިންމުމާއެކު ޢިރާގުގެ މަރުކަޒީ ސަރުކާރުގެ ބެލުމުގެ ދަށުން ސީދާ ޖޭހާނަށް ތެޔޮ ފޮނުވުމުގެ މަގު ފަހިވެގެންދާނެ އެވެ.

ތުރުކީން އަންނަނީ ބަސްރާއާއި ޖޭހާން ސީދާ ގުޅާލުމަށް ބާރުއަޅަމުންނެވެ. ކިރްކޫކް ޕައިޕްލައިނަކީ ދުވާލަކު 1.5 މިލިއަން ފީފާ ތެޔޮ ފޮނުވުމުގެ ޤާބިލުކަން ހުރި ތަނެކެވެ.

ހަކަތައާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި ހޮރްމުޒް ކަނޑުއޮޅި ނޫން އެހެން މަގުތައް ހޯދުމަށް ކުރިއަށް އޮތް އަހަރުތަކުގައި އެތައް ބިލިއަން ޑޮލަރެއްގެ އިންފްރާސްޓްރަކްޗަރ ބިނާކުރެވޭނެ އެވެ.

މިގޮތުން ޔޫއޭއީއިން އަންނަނީ މިފަދަ ޕައިޕްލައިންތައް އެޅުމުގައި އިސްދައުރެއް އަދާކުރަމުންނެވެ.

ނަމަވެސް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ޕައިޕްލައިންނަށް ދެވޭ ހަމަލާތަކުން ދޭހަވަނީ މިފަދަ ބަދަލު މަގުތަކަކީވެސް ނުރައްކާތަކުން ސަލާމަތްވެފައިވާ ތަންތަން ނޫން ކަމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.