ފަންހާމަހުގެ ރީތި ކުލަތައް

 

ފަންހާ މަހަކީ ފަރުފަރާއި ފަޅުފަޅުގައި، މުރަކައާއި ގާތަކުގެ ތެރޭގައި އުޅޭ، ބޮޑު ކޮތަރިބައެއް ހުންނަ މަހެކެވެ. ފަންހާ މަހެއް އާންމުކޮށް ބޮޑުވާނީ ފޫޓަކަށެވެ. އެހެނަސް ބައެއް މަސް 15 އިންޗިއަށްވެސް ބޮޑެތިވެއެވެ. ދިވެހިން ފަންހާމަހާއި ތަންކޮޅެއް ދުރުގައި އުޅުނަސް، ދުނިޔޭގެ ބައެއް ހިސާބުތަކުގައި މީގެ މަސްކައިވެސް ހަދައެވެ.

އިޝްތިހާރު Below Header ad

ފަންހާމަހަކީ ސްކޯޕިއަން ފިޝް (scorpion fish) އާއިލާގެ މަހެކެވެ. ގާވިހަމަސް ވެސް އެއީ މި ޢާއިލާގެ މަހެކެވެ. މީގެ ކޮތަރިބައިގައި ވަރަށް ވިހަގަދަ 18 ވަރަކަށް ކަށި ހުރެއެވެ. ހަަށިގަނޑުގައިވާ ވިހަ އުފައްދާ ނިޒާމައި ގުޅިފައިވާ މި ކަށިތަކުން ކައްޓެއް މީހެއްގެ ގަޔައް ހެރިއްޖެނަމަ، އެތަނެއް ވަރަށް އަވަހަށް ދުޅަވެއެވެ. އަދި އެކަމުން އަޅާވޭން ވެސް ވަރަށް ބޮޑުވާނެއެވެ. ބައެއް މީހުންނަށް ނޭވާލާން އުނދަގޫވެއެވެ. މަދުފަހަރެއްގައި ހިތުގެ ބައްޔެއް ޖެހުމަށް ވެސް މަގުފަހިވެދާނެއެވެ. މި މަހަކީ ގަސްތުގައި އިންސާނުންނަށް ހަމަލާދީ އުޅޭ އެއްޗެއް ނޫނެވެ. އެއަށް އުނދަގޫ ކޮށްފިނަމަ، ނުވަތަ އެހެން މަސްމަހުގެ އުނދަގުލާއި، އެނޫންވެސް ނުރައްކަލުން ސަލާމަތްވުމަށް ފަންހާމަސް އޭގެ ކޮތަރިބައި ފޮޅުވާލައެވެ.

1200px Red lionfish near Gilli Banta Island

މިއީ ވަރަށް ރީތި ތަފާތު ކުލަތަކެއްގައި ވެސް ހުންނަ މަހެކެވެ. ފަންހާމަހުގެ ސައިޒާއި އޭގެ ކުލަ އޭގެ ބާވަތްތަކުގެ މެދުގައި ތަފާތު ވެގެންވެއެވެ. އާންމުކޮށް ގިނަ މަހުގައި ހުންނަނީ ރަތް، މުށި، ނުވަތަ ރަތްމުށި، ކުލައިގެ ހަށިގަނޑެއްގައި ހުދު ކުލައިގެ ހުރަސްރޮނގުތަކެއް ދެމިފައެވެ. އަދި މިފަރުމާ އޭގެ ކޮތަރިބަޔަށްވެސް ލިބިގެންވެއެވެ. މިނޫނަސް ވަރަށް ގިނަ ކުލަކުލައިގައި ފަންހާމަސް ހުރެއެވެ. އެގޮތުން ރީނދޫ ކުލައިގެމަހާއި، ފެހިނޫ ކުލައިގެ މަހުގެ އިތުރުން އޮރެންޖު ކުލައާއި ދަނބު ކުލައިގެ މަސްވެސް ހުރެއެވެ. އަދި  ހަމައެހެންމެ އެއްވެސް ކުލައެއް ނެތި، އެތެރެ ފެންނަ ބިއްލޫރިފަދަ މަސްވެސް މީގެތެރޭގައި އުޅެއެވެ. މަދުން ނަމަވެސް ކަޅު ކުލައާއި އެކު ކައިރިފަށުގައި ރީނދޫ ފުސްކަމެއް ހުންނަ މަސްވެސް ފެނެއެވެ. މިއިން ކޮންމެ މަހެއްގެ ހަށިގަނޑުގައި ވެސް ހުދު ހުރަސް ރޮނގު ހުރުން އެއީ މިމަހުގެ ރީތިކަން ފާޅުވާ ޤުދުރަތީ ސިފައެވެ.

ފަންހާމަސްް އެއް މަސްދުވަސް ތެރޭ 30،000 ބިސް އަޅައެވެ. އަދި އެބިސް ފީވެ، އޭގެން މަސް ނިިކުތުމަށް މާގިނަ ދުވަސްތަކެއް ނުނަގައެވެ. ކުދި ފަންހާމަސް ފުރަތަމަ ހުންނަނީ އެއްވެސް ކުލައެއްނެތި ބިއްލޫރިހެން އެތެރެ ފެންނަ ގޮތަށެވެ. މި މަސްތައް ކުޑައިރުގެ ޙަޔާތް ހޭދަކުރަނީ އޮއެ މަޑު ހަމަހިމޭން ފެން ފޮދުފޮދުގައެވެ. މަހެއް ހާދުވަސްފަހުން ފަންހާމަސްތައް ބޭރުތެރެއަށް ނުކުމެ ފަރުފަރު މަތީ އުޅެން ފަށައެވެ.

spotfin lionfish

ބަލައިލަން ވަރަށް ހިތްގައިމު މިމަހަކީ ފަތުރުވެރިންގެ ނަޒަރު ވަރަށް ބޮޑަށް ހުއްޓޭ މަހެކެވެ. ގިނަބަޔަކު ފަންހާމަހުގެ ފޮޓޯ ނެގުން އެއީ އުފަލެއްކަމުގައި ދެކެއެވެ. ފަންހާމަހުގެ ފޮޓޯ ނެގުމަށް އެންމެ ރަނގަޅީ ރޭގަނޑު އަނދިރީގައެވެ. ރޭގަނޑު މިމަސް ހޯދާކަށް މާ އުނދަގުލެއް ވެސް ނުވާނެއެވެ. ފީނާމީހުން ގެންގުޅޭ އައްޔަށް މި މަސް އަންނާނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.