
ސައުދީގެ ”ކެޕިޓަލް ޑާބީ“ ކިންގް ފަހުދު ސްޕޯޓްސް ސިޓީ ސްޓޭޑިއަމަށް ބަދަލުކޮށްފި
ސައުދީ ޕްރޯ ލީގުގެ ”ކެޕިޓަލް ޑާބީ“ ކިންގް ފަހުދު ސްޕޯޓްސް ސިޓީ ސްޓޭޑިއަމަށް ބަދަލުކޮށްފި އެވެ.
އައްރިޔާޟިއްޔާ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަންނަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އަލް-ނަޞްރާއި އަލް-ޙިލާލް ބައްދަލުކުރާ ސަޢުދީ ޕްރޯ ލީގުގެ ފޯރިގަދަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަލް-އައްވަލް ޕާކުގެ ބަދަލުގައި ކިންގް ފަހުދު ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގަ އެވެ.
.ޔާޟްގެ އެންމެ ބޮޑު މި ސްޓޭޑިއަމް މިހާރު އަންނަނީ 2027 ވަނަ އަހަރުގެ އޭ.އެފް.ސީ އޭޝިއަން ކަޕަށް ތައްޔާރުވުމުގެ ގޮތުން މަރާމާތުކުރަމުންނެވެ.
އައްރިޔާޟިއްޔާއިން ބުނާ ގޮތުގައި، ލީގުގެ 17 ވަނަ ހަފުތާގައި ކުޅުމަށް ތާވަލުކުރެވިފައިވާ މި ޑާބީ މެޗު ކިންގް ފަހުދު ސްޓޭޑިއަމަށް ބަދަލުކުރުމަށް ސަޢުދީ ޕްރޯ ލީގުން ދަނީ ތައްޔާރުވަމުންނެވެ. މި ބަދަލުގެ މައިގަނޑު މަޤްސަދަކީ، އަންނަ އަހަރުގެ ޖެނުއަރީ 7 އިން ފެބްރުއަރީ 5 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕުގެ ފައިނަލް މެޗާއެކު ޖުމްލަ ހަތަރު މެޗެއް އެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާތީ، ދަނޑުގެ ތައްޔާރީތައް ޓެސްޓުކުރުމެވެ.
މި މެޗު މެދުވެރިކޮށް ދަނޑުގެ ވިނަގަނޑާއި، އަލިކުރުމުގެ ނިޒާމާއި، ސްކޯބޯޑުތަކުގެ އިތުރުން ސަޕޯޓަރުން ވަދެ ނިކުތުމުގެ އިންތިޒާމުތައް ހުރިގޮތް ބަލައި، ދަނޑުގެ އޮޕަރޭޝަނަލް ފެންވަރު ވަޒަންކުރުމަށް މިނިސްޓްރީ އޮފް ސްޕޯޓްސްއިން ވަނީ ލީގަށް އިރުޝާދު ދީފަ އެވެ.
މި މެޗަކީ އަލް-ނަޞްރުގެ ހޯމް މެޗަކަށް ވާތީ، އެ ކްލަބަށް ލިބެންޖެހޭ އެންމެހައި އިމްތިޔާޒުތައް ޙިމާޔަތްކުރެވޭނެ ގޮތެއްގެ މަތިން، މެޗު ބަދަލުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ލީގުން އެ ކްލަބާ މަޝްވަރާކުރާނެ ކަމަށް ބެލެވެ އެވެ.



