
ކޯވިޑް-19 އާ ގުޅިގެން އެމްއެމްއޭއިން އަޅާފައިވާ ފިޔަވަޅުތައް
ނޫސް ބަޔާން
ކޯވިޑް-19 އާ ގުޅިގެން އެމްއެމްއޭއިން އަޅާފައިވާ ފިޔަވަޅުތައް
މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔެއާއި ރާއްޖޭގެ އިގްތިސާދަށް ދަނީ ވަރަށް ބޮޑު އަސަރުތަކެއް ކުރަމުންނެވެ. ރާއްޖޭގެ އިގްތިސާދުގެ ބޮޑު ބައެއް ސީދާގޮތުން އަދި ނުސީދާގޮތުން ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅިފައިވާއިރު، ކޯވިޑް-19 ބައްޔާއި ގުޅިގެން ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ ރައްޔިތުންވެސް މި ދަނޑިވަޅުގައި ދަތުރުފަތުރުކުރުން މަޑުޖައްސާލާފައިވުމާއި ދިވެހިރާއްޖޭގެ ބޯޑަރު ކުރިން ވަކި މުއްދަތަކަށް ބަންދުކޮށްފައި އޮތުމުގެ ސަބަބުން މި ސިނާއަތަށްވަނީ ނޭދެވޭ އެތައް އަސަރެއް ކޮށްފައެވެ. އަދި މިހާރު ރާއްޖޭގެ ބޯޑަރު ހުޅުވާލެވިފައިވީނަމަވެސް، މި ބަލިމަޑުކަމުން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއާއި ދުނިޔޭގެ އެހެނިހެން ގައުމުތަކުން އަޅަމުން އަންނަ އިތުރު ފިޔަވަޅުތަކުގެ ސަބަބުންނާއި މި ބަލި ކޮންޓްރޯލްކުރެވޭނެ މިންވަރާއި މުއްދަތެއް މިހާތަނަށް ޔަޤީންވެފައި ނެތުމުން، މި އަހަރުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑުތަނުން ދަށްވެ، މި ސިނާއަތުން އަހަރުގެ ތެރޭގައި ލިބޭނެ ބޭރު ފައިސާގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެގެންދާނެކަމަށް ބެލެވެއެވެ.
ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތައް ދެނަގަނެ، މި ގެއްލުންތައް ކުޑަކުރުމަށްޓަކައި އެމްއެމްއޭއިން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، މާލީ ނިޒާމަށް ކުރިމަތި ވެދާނެ ލޮޅުންތައް ކުޑަކުރުމަށްއެޅޭ ފިޔަވަޅުތަކުގެ އިތުރުން ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް އައިސްދާނެ ޕްރެޝަރ ކުޑަކުރުމަށްވެސް ދަނީ އެތައް މަސައްކަތްތަކެއް ކުރެވެމުންނެވެ.
ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލޭ މިންވަރު ނުވަތަ އިންފްލޭޝަން، ގައުމީ އުފެއްދުންތެރިކަމާއި އެކަށޭނަ މިންވަރެއްގައި ހިފެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުވެފައި އޮންނަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ އެވެ. މިގޮތުން، ބާޒާރުގެ އަގުތައް އެއް މިންވަރެއްގައި ހިފެހެއްޓުމަށްޓަކައި ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް އައިސްދާނެ ބަދަލުތައް ކުޑަކޮށް ދިވެހި ރުފިޔާގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމަށް އެމްއެމްއޭގެ މަނިޓަރީ ސިޔާސަތުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. އޭގެތެރޭގައި، އެކްސްޗޭންޖް ރޭޓަށް ކުރާ ޕްރެޝަރ ކުޑަކުރުމަށްޓަކައި ބޭންކިންގ ނިޒާމުގެ ތެރޭގައި އިތުރަށް ދައުރުވާ ދިވެހި ރުފިޔާގެ އަދަދު މަނިޓަރީ ވަސީލަތްތައް މެދުވެރިކޮށް މެނޭޖްކުރުމާއި، ފޮރިން އެކްސްޗޭން އިންޓަވެންޝަން ސިޔާސަތުގެ ދަށުން ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ރާއްޖޭގެ ބާޒާރަށް ބޭރު ފައިސާ ފޯރުކޮށްދިނުން ހިމެނެއެވެ.
އަދި މިދުވަސްވަރު ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ޕްރެޝަރ ކުޑަކުރުމަށްޓަކައި ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް ބާޒާރަށް ފޯރުކޮށްދޭ ޑޮލަރުގެ މިންވަރުވަނީ ކޯވިޑް-19 އަށް ޚާއްސަކޮށްގެން އޭޕްރިލް، މެއި، ޖޫން އަދި ޖުލައި މަހުގެ ތެރޭގައި އިތުރުކޮށްފައެވެ. ހަމައެއާއެކު، ސެޕްޓެމްބަރ މަހުން ފެށިގެން އިތުރު ތިން މަސް ދުވަހަށް ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން އިތުރު ކުރުމަށް ރޭވިފައިވާއިރު، މި އަދަދު ހާއްސަކުރެވޭނީ ޒަރޫރީ ބޭނުންތައް ކަމުގައިވާ ކާބޯތަކެތި އަދި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރުމަށެވެ. އޭގެ އިތުރުން، ވިޔަފާރި ބޭންކުތަކަށް ދިމާވެފައިވާ ބޭރު ފައިސާ އަދި ދިވެހި ރުފިޔާގެ ލިކުއިޑިޓީގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ވިޔަފާރި ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ދިވެހި ރުފިޔާ އަދި ބޭރު ފައިސާގެ މިނިމަމް ރިޒާރވް ރިކުއަޔަމަންޓް (އެމްއާރްއާރް) ކުރިން ހުރި 10% ން 7.5% އަށް އޭޕްރިލް މަހުގެ ތެރޭގައި ދަށްކުރެވިފައިވާއިރު، ޖުލައި މަހުގެ ތެރޭގައި ބޭރު ފައިސާގެ އެމްއާރްއާރް 7.5% ން 5% އަށް ވަނީ އިތުރަށް ދަށްކުރެވިފައެވެ.
ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ބޭރު ފައިސާގެ ބާޒާރަށް ޑޮލަރު ވިއްކުމުގައި އެމްއެމްއޭއިން ޚަރަދުކުރަން ހުންނާނީ ރާއްޖޭގެ ރަސްމީ ރިޒާރވްއެވެ. ނަމަވެސް، ރާއްޖޭގެ ރަސްމީ ރިޒާރވަށް އިތުރުވާ ބޭރު ފައިސާގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުން ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބޭ ބޭރު ފައިސާކަމުން، ފަތުރުވެރިކަން މަޑުޖެހިފައިވާ މި ދަނޑިވަޅުގައި މީގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާރވްއަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި އެމްއެމްއޭއިން ދަނީ ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، އެމްއެމްއޭ އާއި ރިޒާރވް ބޭންކް އޮފް އިންޑިއާ އާ ދެމެދު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާއިރު، މި ސްވޮޕްގެ މުއްދަތު މިހާރުވަނީ އިތުރުކުރެވިފައެވެ. އަދި، އެމްއެމްއޭ އާއި ސަރުކާރާއި ގުޅިގެން ވަނީ އައިއެމްއެފް އަދި ބޭރުގެ އެހެނިހެން މާލީ އިދާރާތަކުން ތަފާތު އެކި މާލީ އެހީތެރިކަން ހޯދާފައެވެ. މީގެ އިތުރުން، އިންޑިއާ ސަރުކާރުން ރާއްޖެއަށް 250 މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސިންގ ދިނުމަށް މިހާރުވަނީ ހަމަޖެހިފައެވެ. މިފަދަ އެހީތަކާއި އަދި މީގެ އިތުރުން ސަރުކާރާއި އެމްއެމްއޭއާއި ގުޅިގެން ބޭރު ފައިސާގެ އެހީ ހޯދުމަށް ކެނޑިނޭޅިކުރެވެމުންދާ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ ޑޮލަރު ލިބުމުގެ ދަތިތަކަށް ހައްލެއް ހޯދުމަށް މަގުފަހިވެގެންދާނެއެވެ.



