ޚަބަރު ފީތާ

ދޮން މީހުން

ދިވެހިރާއްޖެއަކީ އިންޑިޔާކަނޑުގައި އަތުރާލެވިފައިވާ ރަންމުތްތަކެއްގެ ގޮތުގައި ސިފަކުރެވެމުން އަންނަ ކުޑަކުޑަ ޖަޒީރާ ޤައުމެކެވެ. މިރާއްޖޭގެ ސާފު މޫދާއި، ހުދުވެލި ގޮނޑުދޮއްތަކާއި، ހަމަހިމޭން މާޙައުލަކީ ދިވެހިންނަށް ލިބިފައިވާ އިލާހީ ނިޢުމަތްތަކެވެ. އޯގާވެރި ރައްބެއްގެފަރާތުން ހިބަކޮށް ދެއްވާފައިވާ މަތިވެރި ރައުސުލް-މާލެކެވެ. މިނޫން އެހެން ރާއްޖެތަކުގެ މީހުން މިރާއްޖޭގެ ރީތިކަންދެކެލާ، ހިތްގައިމުކަން ހޯދާލުމަށް އަންނަ އައުމަކީ ދިވެހިރާއްޖެއަށް އާމްދަނީ ލިބުމަށް އޮތް ތަނަވަސްމަގެކެވެ. ދަތުރުކުރާ ފަތުރުވެރިންނަށް ޚާއްޞަކޮށްގެން ޚިދުމަތްދިނުން އެއީ މަންފާގެ ގޮތުން ފައިދާބޮޑު ވިޔަފާރިއެކެވެ.

1960ގައި ޔުނައިޓެޑް ނޭޝަންސް މިޝަން އޮން ޑިވަލޮޕްމަންޓް އިން ދިވެހިރާއްޖެއަށްކުރި ޒިޔާރަތުގައި ކަނޑައަޅާފައިވަނީ ދިވެހިރާއްޖެއަކީ ޓުއަރިޒަމަށް އެކަށޭނަ ނޫންތަނެއްގެ ގޮތުގައެވެ. އެހެނަސް އެކަން އެހެންގޮތަކަށް ބަދަލުވެ އޭގެ 12 އަހަރުފަހުން ފަރުތުވެރިންނަށް ޚާއްޞަކޮށްގެން މިރާއްޖޭގައި ހުޅުވުނު ފުރަތަމަ ރިޒޯޓަކީ 1972ގައި ހުޅުވުނު ކުރުނބާ އައިލެންޑް ރިޒޯޓެވެ. ރާއްޖެއަށް ފުރަތަމަ ޒިޔާރަތްކުރި، ފުރަތަމަ ފަތުރުވެރިިންގެ ޖަމާޢަތް ރާއްޖެ އައިސްފައިވަނީ 1972ގެ ފެބްރުއަރީ މަހުގެތެރޭގައި ކަންމަށް ތާރީޚުބުނެއެވެ. 280 އެނދާއެކު ދިވެހިރާއްޖޭގެ ޓޫރިޒަމް ފެށިގެން އައިއިރު އެންމެ ފުރަތަމަ ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް ހުރި ކުރުނބާ އައިލެންޑް ރިޒޯޓަށްފަހު ދެވަނައަށް ހުޅުވުނީ ބަނޑޮސް އައިލެންޑް ރިޒޯޓެވެ.

މީހުން ދިރިނޫޅޭ ފަޅުރަށްރަށުގައި ރިޒޯޓްތައް ހަދައިގެން ކާމިޔާބުކަމާއެކު ޓޫރިޒަމްގެ ވިޔަފާރި ކުރަމުން އައިއިރު ދިވެހި ދައުލަތުގެ މާލިއްޔަތު އައީ އިތުރުވެ ތަނަވަސް ވަމުންނެވެ. ރިޒޯޓް ހިންގާ ފަރާތްތަކުގެ ތަނަވަސްކަންވެސް އައީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތަށް އައީ އިތުރުވެ ގިނަވަމުންނެވެ. ދިވެހިވަންތަ އުފެއްދުންތަށް ރިޒޯޓް މާރުކޭޓުގައި އިތުރުވެ ފަރުދީ މަސައްކަތްތެރިންގެ މާލިއްޔަަތު އައީ މުއްސަނދިވަމުންނެވެ. ފަތުރުވެރިންނަށް ހުށައެޅޭ އެނދުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވެ ގިނަވަމުން އައިއިރު ދަތުރު ފަތުރުގެ ވިޔަފާރިކުރާފަރާތްތަަށް އެމީހުންގެ ވިޔަފާރި ފުޅާކުރަމުން ގެންދިޔައެވެ. ވަޒީފާގެ ބާޒާރަށް އިތުރުވާ ޖާގަތަަކުން ޢާއްމު ޢާއިލާތަކަށް ތަނަވަސްކަން އަންނަމުންދިޔައެވެ. ފަރުފަރުން ބޮލިހިލާމީހުންނަށް ރަށުގައިތިބެގެން އާމްދަނީ ހޯދެއެވެ. ފަންގިވިނުމާއި ރޯނުވެށުމަކީވެސް ޓޫރިޒަމްގެ ތެރިއިން އާމްދަނީލިބޭ ކަމެއްގެގޮތުގައި ހިމެނިގެންދިޔައެވެ. ފަރުމަސްވެރިކަމާއި ފީނުމަކީވެސް ރިޒޯޓުމާކެޓަށް ވައްދާލެވުނު ރަނގަޅު މަންފާއެއްލިބޭ ވިޔަފާރިއަކަށް އޮތީވެފައެވެ. ދިވެހިން ދިޔައީ ދިވެހިންގެ ގޮތުގައި ކުރިއަރާ ދުނިޔަވީ މުއްސަނދިކަން ހޯދަމުންނެވެ.

މިއަދު ދިވެހިރާއްޖޭގައި ސަތޭކައެތައް ރިސޯޓެއް ހިންގަމުން ދާއިރު، ވިސްނާލަންވީ ޓޫރިޒަމްގެ ޙަރަކާތް ފެށިގެން އައިއިރު ދިވެހިން ތިބި ހިސާބާއި މިއަދު ދިވެހިން މިތިބަ ހިސާބެވެ! ޓޫރިޒަމްގެ ވިޔަފާރި ކުރިއަރާއިފިތޯއެވެ؟ ދިވެހިންނަށް ކުރިއެރުމެއް އައިތޯއެވެ.؟ ނަތީޖާ ރަނގަޅުތޯއެވެ؟ އަޅުގަނޑާއެކު ކުރިޔަށް ވަޑައިގަންނަވާށެވެ! ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އަގުތަކެއް ހިފެހެއްޓިފައި ހުއްޓެވެ. އެގޮތުން ދިވެހިންގެ ސަޤާފަތާއި ދިރިއުޅުމުގެ ވައްޓަފާޅި ދައްކާލުމަށް ޓޫރިސްޓުން، މީހުން ދިރިއުޅޭ ރަށްރަށަށް އަރުވަން ޖެހިއްޖެނަމަ އެމީހުންނަށް ނިވާކަން ބޮޑެތި ހެދުން އަޅަން އެންގުމާއި، ކަނޑައެޅޭ ވަކި ވަގުތު ތަކެއްގައި ނޫނީ ރަށްރަށަށް ނޭރުވުމާއި، އެރަށްރަށުގައިވެސް އެމީހުންނަށް ގޮސްނޫޅެވޭ ހިސާބުތަކެއް ކަނޑައެޅިފައިވުން ހިމެނެއެވެ. ރަށަކަށް ގެސްޓުންގެ ބަޔަކު އަރައިފިނަމަ، “ދޮން މީހުން” އައީ…” އޭބުނެ ޅަދަރިން ގޭތެރެއަށް ވެއްދުންވެސް އެއީ ތަރުބަވީގޮތުން ދިވެހިން ކޮށްއުޅުނު ކަންކަމެވެ. އެބައިމީހުންގެ އެކިއެކި ޢަމަލުތަށް ދަރިންނަށް ތަމްޞީލުވާން ބޭނުންނުވިި ދިވެހި މައިންބަފައިންގެ ޢަމަލުހުރީ މިބުނި ބީދައިންނެވެ.

އެހެނަސް މިއަދު މިވަނީ މިދެންނެވި މަތިވެރި އަޚްލާގު އެއީ ތާރީޚުގެ ފަތްފުއްތައްކަމުގައި ވެފައެވެ. ދިވެހި މުވާޠިނުންނާއި ދުރުގައި އޮތް ޓޫރިޒަމާއި ދިވެހިން ގާތްވަމުން ގާތްވަމުން ގޮސް، މިއަދު ޓޫރިޒަމް މިވަނީ މީހުންދިރިއުޅޭ ރަށްރަށް، ކިޔެއްތޯ! މީހުން ދިރިއުޅޭ ގޭގެއަށްވެސް ވަދެފައެވެ. ދޮންމީހުން ގެނައި ފައިސާ ފޮއްޗާއި ހުދާއި ކަޅުގެ ނޫޓުތައް ދިވެހިން ގެންގުޅޭ ކުލަރީތި ފައިސާއަށްވުރެ ޗާލުވީއެވެ. ކޮންމެ ދިވެއްސެއްގެ ޖީބަށް ޑޮލަރުވައްދަން ބޭނުންވީއެވެ.

2009ވަނަ އަހަރު މީހުން ދިރިއުޅޭ ރަށްރަށުގައި “ގެސްޓް ހައުސް ވިޔަފާރި” ކުރުމުގެ ހުއްދަ ލިބުން ވެގެން ދިޔައީ، ދާއިމީ ގެއްލުނެއްދޭ ވަގުތީ އުފަލަކަށެވެ. އެދުވަހު މިކަން ބަލައިގަތް ގިނަބަޔަކު މިއަދު އެކަމުގެ ހިތާމަވެސް އެބަކުރެއެވެ. ދުލުގައި ލީ ފޮނިރަހަ ކަރާހަމައަށް ފޯރިއިރު އޭގައިލަނީ ހިތިރަހައެވެ. އަމިއްލަ ގެދޮރު ގެސްޓް ހޮޓާތަކަށް ބަދަލުކޮށްލީ ތަނަވަސްކަމުގެ ހުވަފެން ދެކެވޭތީ އެކަންޏެއްނޫނެވެ. އަވައްޓެރިޔާގެ ގެއިން އެލިބޭ ރަނގަޅު ނަތީޖާ ތަޖުރިބާވެސް ކުރެވުނީމައެވެ. އަތިރިއާވީފަރާތުން ލިބިފައިއޮތް ގޯތީގައި ހުރި މުސްކުޅި ގެ ރޫޅާލާ ބޭންކުން ލޯނެއްނަގައިގެން އަވަސްއަވަހަށް ތިންހަރަތު ބުރީގެ ހޮޓަލެއް އަޅާލީއެވެ. ރަށުތެރެއިން އެހެން މީހެއްގެ ގެއިން ބައެއް ކުއްޔަށްހިފައި އަނބިދަރިން އެތަނަށް ބަދަލުކޮށްލީ އެއްގޮތަކަށްވެސް އެމީހުންނަށް ދެރައެއް ދޭކަށްނޫނެވެ. އަދި ކިއެއް ފައިސާގެ ތަނަވަސްކަން ލިބުމުން ފުރަމާލެއަށް ބަދަލުކޮށް ރަނގަޅު ޠަޢުލީމާއި ދުޅަހެޔޮ ދިރިއުޅުމެއްވެސް ހޯދައި ދިނުމަށެވެ.

އެހެނަސް ލިބޭނެ ކަމުގައި ދެކެވުނުގެ ނަތީޖާ މާކަށް ފޮންޔެއް ނޫނެވެ. ތިމާމެންގެ އަމިއްލަވަންތަކަން މަޑުމަޑުން ނެތެމުންދާން ފަށައިފިއެވެ. ކޮންމެކަމެއް ކުރިޔަސް އެކަމެއް އެއީ “ދޮން މީހުން” ރުހޭކަމެއްތޯ ބެލެވެންފަށައިފިއެވެ. ތިމާމެންގެ ހަމަހިމޭން ދިރިއުޅުން ހަލަބޮލިވާހެން ބުރަވާހެން އެބަހީވެއެވެ. ރަށުތެރެއަށް ނިކުމެ ހޭލިމޭލިވެ އުޅުނުއުޅުން ގޭގޭގެ ތެރެއަށް ހުދޫދު ވެއްޖެއެވެ. މުޅިރަށުގައި “ދޮން މީހުން” އެމީހުންގެ ދޮންކަން އެންމެ ރަނގަޅަށް ފެންނަހެން އެނބުރެންފަށައިފިއެވެ. އިރުގެ އަތްވާއި، ޖައްވުގެ ތާޒާ ވައިރޯޅިތަކައް “ދޮން މީހުނަށް” ހިބަކޮށްދީފައި ރަށްވެހިން މިހާރު އެތިބީ ޑޭލައިޓް އެނާރޖީ ސޭވިންގ ބޮކިތަކާއި، އިންވާރޓަރ އޭސީ ތަކުގެ ދަށުގައި ތާށިވެފައެވެ. ކާފަ ނިޔާވުމުގެ ކުރިން ގެޔާ ދިމާލުން އަތިރިމަތީ ހަދާފައިހުރި ހިތްގައިމު ޖޯލިތައް ވާރުތަވީބަޔަކީ “ދޮން މީހުން”ނޭ ހީވާކަހަލައެވެ. މުޅި އޮޑީގައި ހަސަނުގެ ދެފަޔެވެ.

ރާއްޖޭގެ ރީތިކަން ބަލައިލަން އަންނަ މީހުންގެ ޢަދަދު ދުވަހުން ދުވަހަށް އައީ އިރުތުމަވުންނެވެ. ބައެއް ރަށްރަށުގައި އެރަަށްރަށުގެ އަހުލުވެރިންނަށްވުރެ “ދޮން މީހުން” ގިނަވެއްޖެވެ. އަނެއްބައެއް ރަށްރަށުގައި ރަށްވެހިން ގިނަވިނަމަވެސް، ބޭރަށް ނިކުމެ ގިނައިން އުޅެނީ “ދޮން މީހުން”ކަމުގައި ވެއްޖެއެވެ. އަނބި ދަރިން ގޮވައިގެން ނިކުމެ ބަލަން ނުކެރޭ މަންޒަރުތައް ކުރެހޭލެއް ގިނަކަމުންނެވެ. ރަށްރަށުގައި އެމީހުންނަށް ޙާއްޞަ ވަކި ސަރަހައްދެއް ހެދިފައި އޮތަސް އެ އިން-ފާހަގަތަށް ގިނަފަހަރު އޮންނަނީ ކައުންސިލް އޮފީހުގެ ދަފްތަރުގައެެވެ. ރަށުގެ އެންމެ ޗާލު ތުނޑިއާ އެތުނޑި ހިމެނޭ ސަރަހައްދު “ދޮން މީހުން” މޫދަށް އެރެން ދީފައި އެތަންތަނަށް ރަށްވެހިން ނުދިއުމަށް ކަމުވޮށިގެންވާ ބޭފުޅުން މެދުކަށިން ހިތްވަރު ނަންގަވާ މަސައްކަތްޕުޅު ކުރެއްވިޔަސް، ރަށްވެހިންގެ ތެރެއަށް “ދޮން މީހުން” އައިސް ގޮސްވުން ހުއްޓުވަން ހުރި ޤަވާއިދުތަށް ތަންފީޒުކުރާނެ ގޮތެއް، އެ ޤަވާއިދު ހެއްދެވި ފަރާތްތަކަށްވެސް ނޭނގުނެވެ. ނަތީޖާއަކަށްވީ ދިވެހި ފަސްގަނޑުން ނިރުފަޅާ ހެދެމުން އައި އައުޖީލުގެ ކުރިމަތީ “ދޮން މީހުން”ގެ ބަދު އަޚުލާޤީ ޘަޤާފަތް އިހުނަށްވުރެ ގަދަޔަށް ތަމްޞީލުވެގެން ދިއުމެވެ. ކުދި ކުދި ލޯތަށް ބޮޑެތިވީ ފެނުނު މަންޒަރަކީ އާދަކާދަ ކަމުގައި ބަލައިގަންނަމުންނެވެ. ޒުވާން ސިކުނޑިތަކަށް ފިކުރު ވަމުންދިޔައީ މަޖަލާ އުފަލުގެ ވަގުތީ ޙަޔާތަކީ ދާއިމީ ދިރިއުޅުން ކަމުގައެވެ. “ދޮން މީހުން” ދިހަ ބާރަ އަހަރު ކުރާމަސައްކަތުން އެއްކުރާ މަދު ފައިސާކޮޅެއް ހަފްތާއެއްގެ ތެރޭގައި ތަޅާ ބުރުއްސާލަނީކަމެއް އެކުދިންގެ ބުއްދިއަކަށް ނުވިސްނެއެވެ.

ފައިސާ ހިފައިގެން އައި މެހެމާނުންނަށް ޚިތުމަތް ކުރަން ނިކުތް ދިވެހި ޒުވާނުންގެ އުއްމީދަކަށްވީ “ދޮން މީހުން” ކިބައިން ފެނުނު އެއްހަފްތާގެ ދިރިއުޅުން އެއީ މުޅި ޙަޔާތްކަމުގައި ހެދުމެވެ. ދިވެހިންގެ ތަރައްޤީކަމުގައި ބަލައިގަތް ރަންބިސް އަޅާ ކުކުޅު އެކަމަށް މަގުފަހިކޮށްދޭނެ ކަމުގެ ޔަޤީންކަން އެޒުވާނުންގެ ހިތްތަކުގައި ވަނީ ބިންވަޅު ނެގިފައެވެ. އެއީ ކާބަފައިންދެއްކި ދިވެހި ޘަޤާފަތާއި ރީތި އަގުތައް ނުފެނި ބޮޑެތިވި ލޯތަކެވެ. މަޖަލާ އުފާ ފިކުރުކުރި ސިކުނޑިތަކެވެ. ފައިސާއަށް ބަރޯސާވި ބުއްދިތަކެވެ. މިޒުވާނާގެ މުސްތަޤުބަލު ބިނާކުރަން މާޟީގެ ފިލާވަޅުތަކުން ނެރެވުނު ނަތީޖާއަކީ ރަން ބިސް ލިބޭނީ ކުކުޅު ގިނަ ކުރީމަކަމެވެ. ކުކުޅު އަޅާ ބިހަށްވުރެ ވެއްޓޭ ތަފާވަރު ގިނަވެފައި ހުތުރު ވީކަމުގައިވައަސް ފަރުވާލެއް ނެތެވެ.

Like
Like Love Haha Wow Sad Angry
2