
ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނަށް ޢީދު ޗުއްޓީގައި ޚާއްޞަ ޕްރޮގްރާމްތަކެއް
ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން އަޟްޙާ ޢީދު ބަންދާ ދިމާކޮށް ޚާއްޞަ ޕްރޮގްރާމްތަކެއް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ހިންގައިފިއެވެ.
މި ޕްރޮގްރާމްތައް ފަރުމާކޮށްފައި ވަނީ ކުދިންގެ އުމުރުފުރާއާ ގުޅޭ ގޮތުން، މުނިފޫހިފިލުވުމާއި ކުޅިވަރުގެ ހަރަކާތްތައް ހިމެނޭ ގޮތަށެވެ.

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލޭގައި ހުންނަ ފިޔަވަތިގައި ހިންގުނު ޕްރޮގްރާމްތަކުގެ ތެރޭގައި ޢީދު ހަދިޔާ ބަދަލު ކުރުމާއި، ވިލިމާލެއާއި ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ޢީދު ކުޅިވަރު ހަރަކާތްތައް ބަލައިލުމާއި، ކުޑަކުދިންގެ ކާޓޫނު ފިލްމު ބަލައިލުމަށް ސިނަމާއަށް ގެންދިޔުމާއި، ވޯޓަރ ސްޕޯޓްސް ކުޅިވަރުގެ ހަރަކާތްތައް ހިމެނެއެވެ. މީގެ އިތުރުން ޕިކްނިކާއި ބާބެކިއުއެއް މި ދެ މަރުކަޒުގެ ކުދިންނަށް އިންތިޒާމުކުރެވިފައިވެއެވެ.
ކުޑަކުދިންގެ ހިޔާގައި ހިންގުނު އިތުރު ޕްރޮގްރާމްތަކުގެ ތެރޭގައި ޑިނަރ ނައިޓް ފާހަގަކޮށްލެވެއެވެ. މި ހަރަކާތުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.
ފިޔަވަތިގައި ހިންގުނު އިތުރު ޕްރޮގްރާމްތަކުގެ ތެރޭގައި ކުޅިވަރު ފެސްޓިވަލް ފާހަގަކޮށްލެވެއެވެ. މި ފެސްޓިވަލްގައި އަންހެން ކުދިންނަށް ހޭންޑް ބޯލް އަދި ފިރިހެން ކުދިންނަށް ފުޓްބޯޅަ މުބާރާތެއް ކުރިއަށް ގެންދެވިފައިވެއެވެ. ފިޔަވަތިގައި ހިންގުނު ހަރަކާތްތަކުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ ފަރާތުން އެހީތެރިކަން ދެއްވައިފައިވެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު ޖުމުލަ 150 ކުދިން ދިރިއުޅެމުންދާ އިރު، މި ކުދިންގެ ތެރެއިން 12 އަހަރުން ދަށުގެ 106 ކުދިން ދިރިއުޅެމުން ދަނީ ފިޔަވަތިގައެވެ. އަދި 12 އަހަރުން މަތީގެ 44 ކުދިން ދިރިއުޅެމުން ދަނީ ކުޑަކުދިންގެ ހިޔާގައެވެ.



