
ް ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކާ މިނިސްޓަރ ބައްދަލުކުރައްވައިފި
ދުނިޔޭގެ ދިރޭތަކެތީގެ ދުވަހާއި ގުޅިގެން ތިމާވެށީގެ ދާއިރާއިން މަސައްކަތްކުރައްވާ ފަރާތްތަކާ ބައްދަލުކުރައްވާ އެ ބޭފުޅުންނަށް ރޯދަ ވީއްލުމެއް އެންވަޔަރަންމަންޓް މިނިސްޓަރ ދެއްވައިފިއެވެ.
އިއްޔެ ހަވީރު ބޭއްވި މި ހަފްލާގައި ތިމާވެށީގެ މަސައްކަތްތައް ކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ފަރާތްތައް ހިމަނައިގެން ޖުމްލަ 30 ބޭފުޅުން ބައިވެރިވިއެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ އިންސާނުންގެ ކެއުމަށް ބޭނުންވާ ކާނާގެ %60 މިހާރު އުފައްދަނީ އެންމެ 9 ބާވަތުގެ ދިރޭތަކެތިންކަމަށެވެ. އަދި ހިތާމާއަކީ މި ހުރިހާކަމެއްގެ އަސްލަކީ އަޅުގަނޑުމެން އިންސާނުން ކަމަށް ވުންކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ދިރާސާތަކުން ދައްކާގޮތުން ދުނިޔޭގެ ކާނާގެ ނިޒާމު ދަނީ ހަލާކުވަމުން ކަމަށާއި ދުނިޔޭގެ 2 ބިލިއަން މީހުންނަށް ފައިދާހުރި ކާނާއެއް ނުލިބޭކަމަށެވެ.
ތަކެތި ބޭނުން ކުރުމުގައި އިސްރާފު ކުޑަކޮށް އެ ތަކެތިން އަޅުގަނޑުމެންގެ ވަށައިގެންވާ މާހައުލަށް ގެއްލުން ނުވާނޭފަދަ އުސޫލަކުން އަޅުގަނޑުމެން އަމަލުތައް ބަހައްޓަންޖެހޭ ކަމަށާއި ތަކެތި އުފެއްދުމުގައާއި ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި އަދި ބޭނުންކުރުމުގައި ތިމާވެއްޓަށް ގެއްލުން ނުވާނޭހެން އަޅުގަނޑުމެންގެ އަމަލުތައް ސީދާކުރަންޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި އަހަރުގެ ދުނިޔޭގެ ދިރޭތަކެތީގެ ޝިޢާރަކީ “Our Biodiversity, Our Food, Our Health” އެވެ.



