މޯލްޑިވްސް މެޑިކަލް އެން ޑް ހެލްތު އެކްސްޕޯރ 2016ގެ އެއަރލައިން ޕާޓްނަރ އަކަށް ޤައުމީ އެއަރލައިން މޯލްޑިވިއަން ހަމަޖައްސައިފިއެވެ.
މޯލްޑިވިއަންގެ ހެޑް އޮފީހުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ މާކެޓިންގ މެނޭޖަރ ޝަމާ ނަޝްރީން ބުޝްރީ އެވެ. އެމްވީ މެޑިކަލްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރ މާރކެޓިންގ އެންޑް ޕަބްލިކް ރި ލޭޝަންސް ޢަބްދުލްޖަލީލް ޙުސައިންއެވެ.
އެއަރލައިން ޕާޓްނަރ މޯލްޑިވިއަންގެ ފަރާތުން ވަނީ މި އެކްސްޕޯރއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ބޮޑެތި އިނާމުތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި މި އެކްސްޕޯރ ބާއްވާ 3 ދުވަހުވެސް އެ އެކްސްޕޯރ އަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ޗެންނާއި ދެފަރާތަކަށް ދެކޮޅު ޓިކެޓް ލިބޭނެއެވެ.
އެމްވީ މެޑިކަލްސް އާއި މެޑްލައިފް އޭޝިއާ ގުޅިގެން ބާއްވާ މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯރ އަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު ބޮޑެތި ހަދިޔާތަކެއް ލިބޭނެކަމަށް އެމްވީ މެޑިކަލްސްގެ ފަރާތުން މަޢުލޫމާތުދެއެވެ.
މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯރގެ އަމާޒަކީ ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި، މިދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީސް އާއި ޚިދުމަތްތައް ދޭނެގޮތްތަކަށް ވިޔަފާރިތައް އަހުލުވެރިކުރުވުމާއި އެފަދަ ޚިދުމަތްތައް ލިބިގަނެވޭނެ ގޮތްތައް ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިނުމެވެ.
މި އެކްސްޕޯރ ވެގެންދާނީ މި އެކްސްޕޯގައި ބައިވެރިވާ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް، އެފަރާތްތަކުން ދޭ ސިއްހީ ޚިދުމަތްތަކާއި ވިއްކާ ޕްރޮޑަކްޓްސްތަކުގެ މަޢުލޫމާތު ވިޔަފާރިތަކަށާއި ޢާންމު ފަރުދުންނަށް ފޯރުކޮށްދިނުމަށް ލިބޭނެ ރަނގަޅު ޕުރުސަތެއްކަން އެމްވީ މެޑިކަލްސްގެ ފަރާތުން ފާހަގަކުރެއެވެ.
ރާއްޖޭން ލިބެން ހުރި ސިއްހީ ޚިދުމަތްތައް ދައްކާލަން ބާއްވާ ފުރަތަމަ ފެއާރގެ މައި ސްޕޮންސަރަކަށް އޭޑީކޭ ހޮސްޕިޓަލް އެވެ. އަދި ކޯ ސްޕޮންސަރ އަކަށް ހަމަޖައްސާފައިވަނީ ބޭހާއި ސިއްހީ އާލާތްތައް އެތެރެކުރާ އޭޑީކޭގެ ކުންފުނި ކަމަށް ވާ އޭޑީކޭ ފާމަސޫޓިކަލްސް އެވެ.
މި އެކްސްޕޯރ އޮންނާނީ ނޮވެމްބަރ މަހުގެ 24، 25 އަދި 26 ގައި ނެޝަނަލް އާރޓް ގެލަރީގައެވެ.