ސޫރަތުއްނާޒިޢާތި ތަފްސީރު 3

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް. 15 އޮކްޓޯބަރު 2016އާ ގުޅޭ..

( فَقُلْ هَل لَّكَ إِلَىٰ أَن تَزَكَّىٰ ﴿١٨﴾ ) ފިރްޢައުނު ގާތުގައި ވިދާޅުވާށެވެ. ފާފަތަކުން ދުރުހެލިވެ ޠާހިރުވުމުގެ ޝައުގުވެރިކަން ތިބާގެ ކިބައިގާ އެބަހުރި ހެއްޔެވެ؟ މި ސުވާލުގެ ބޭނުމަކީ ފާފަތަކުން ދުރުހެލިކުރުވުމަށް ފިރްޢައުނު ޝައުގުވެރި ކުރުވުމެވ.ެ

(وَأَهْدِيَكَ إِلَىٰ رَ‌بِّكَ فَتَخْشَىٰ ﴿١٩﴾) ތިބާ ހައްދަވާ ގެންގުޅުއްވާ އިލާހުގެ މަގަށް ވާޞިލުވެވޭނެ މަގު ދައްކުވައިދެން ހެއްޔެވެ؟

އިޝްތިހާރު Below Header ad

(فَتَخْشَىٰ) ﷲ ސުބްޙާނަހޫ ވަތަޢާލާ މަޢްރިފާކޮށް ދެނެގަނެވި، އެކަލާންގެ ޙަޟްރަތަށް ބިރުވެތިވުމަށެވެ.

ޢިލްމާއި ނުލާ ބިރުވެތި ވުމަށް ކިޔަނީ “ޚައުފެވެ.”

“ޚަޝްޔާ” އާއި “ޚައުފު” ގެ ތަފާތަކީ “ޚަޝްޔާ” އަކީ އެކަމެއްގެ ޙަގީގަތް އެނގިގެން ބިރުވެތި ވުމެވެ. މިޘާލަކަށް ސޫރަތު ފާޠިރުގެ 28 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّمَا يَخْشَى اللَّـهَ مِنْ عِبَادِهِ الْعُلَمَاءُ) މާނައަކީ: ” اللَّه އަށް ބިރުވެތިވާކަން ކަށަވަރީ، އެކަލާނގެ އަޅުންގެތެރެއިން علم ވެރިންނެވެ.”

“ޚައުފު” އަކީ ޢިލްމެތް ނެތްނަމަވެސް ކަމެއް ދެކެ އިންސާނާ ބިރުގަތުމެވެ.

މޫސާ ޢަލައިހިއްސަލާމް ފިރްޢައުނުގެ ގާތަށް ވަޑައިގެން އޭނާ އަށް ދެންނެވިއެވެ. “ތިބާ ތިޔަކުރާ ނުބައި ފާފަތަކުން ދުރުހެލިވެ ޠާހިރު ވުމުގެ ޝައުގުވެރި ކަމެއް އެބަހުރި ހެއްޔެވެ؟ ތިބާ ހައްދަވާ ގެންގުޅުއްވާ އިލާހުގެ މަގަށް ވާޞިލުވެވޭނެ މަގު ދައްކުވައިދެން ހެއްޔެވެ؟”  އިންސާނުންގެ ޠަބީޢަތު ހުންނަ ގޮތުން އެއްވެސް މީހަކު ކުރާ ދަޢްވާގައި އެމީހަކީ ތެދުވެރިއެއް ކަން އަންގައިދޭނެ ޙުއްޖަތެއް ނެތި ދައްކާ ވާހަކަ އެއްވެސް މީހަކު ގަބޫލެއް ނުކުރާނެއެވެ. އެހެންކަމުން، ކޮންމެ ރަސޫލަކާއި އެކުގައިވެސް އެބޭކަލެއްގެ ތެދުވެރިކަން އަންގައިދޭނެ ހެކިތަކެއް ﷲ ދައްކަވައެވެ. އެގޮތުން މޫސާ ޢަލައިހިއްސަލާމް އަކީ ﷲ ގެ ޙަޟްރަތުން ވަޑައިގެންނެވި ތެދުވެރި ނަބިއްޔެއްކަން އަންގައިދެއްވުމަށް ޓަކައި ފިރްޢައުނަށް ހެކި ހުށަހެޅުއްވިއެވެ. އެއީ ލަކުޑިން ނުވަތަ ގަހެއްގެ އޮފިކޮޅަކުން ހަދާފައިވާ ދަނޑިބުރިއެއް (ޢަޞާ އެއް) ބިންމައްޗަށް ވައްޓަވާލެއްވުމާއި އެކު ހަރުފަ އަކަށް ބަދަލުވެގެންދާ ދިޔުމެވެ. އޭތި ބިންމަތިން ނެންގެވުމާއި އެކު ދަނޑިބުރި އަކަށް  ( ޢަޞާ އަކަށް) ބަދަލުވެގެން ދެއެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅު ޖީބަށް ލެއްވުމަށްފަހު ނެރުއްވައިފިނަމަ ހުދުވެގެން ދެއެވެ. އެއީ ބަރަޞްބަލީގެ ގޮތުން ހުދުވާ ހުދުވުމެއް ނޫނެވެ. ނަމަވެސް، މުޢްޖިޒާތެއްގެ ގޮތުގައި ﷲ ލައްވާފައިވާ ހުދުކަމެކެވެ. މޫސާގެ ފާނުގެ ޒަމާނަކީ މީސްތަކުންގެ މެދުގައި ސިޙުރުގެ ކަންތައް ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ދުވަސްވަރެއްކަމުން، ﷲ ތަޢާލާ އެކަލޭގެފާނަށް ދެއްވި މުޢްޖިޒާތަކީ ސިޙުރުވެރިކަމުގެ މައްޗަށް ގަދަވެވޭ ފަދަ މުޢްޖިޒާތެކެވެ. ޢީސާ ޢަލައިހިއްސަލާމްގެ ޒަމާނަކީ ބޭސްވެރިކަމުގެ ގޮތުން ކުރިއަރާފައިވާ ޒަމާނެއްކަމުން، އެކަލޭގެފާނަށް ދެއްވި މުޢްޖިޒާތަކީ އެވެރިންގެ މައްޗަށް ވަރުގަދަވެވޭ ފަދަ މުޢްޖިޒާތެކެވެ. އެގޮތުން ބަލިމީހާގެ ގައިގާ އެކަލޭގެފާނު އަތްޕުޅު ބީއްސަވާލެއްވުމުން ބަލި ފަސޭހަ ވެދެއެވެ. ބަރަޞް ބަލި ފަދަ ބޭހެއް ނެތް ބަލިތަކަށްވެސް ޢީސާ ޢަލައިހިއްސަލާމްގެ އަތްޕުޅު ބީއްސަވާލެއްވުމުން ޝިފާ ލިބެއެވެ. އަދި އަލްއަކްމަހް (އުފެދުމުގައި ލޯ ނުހުންނަ ކުދިން) ވެސް އެކަލޭގެފާނު އަތްޕުޅު ބީއްސަވާލެއްވުމުން ބަލި ފަސޭހަވެދެއެވެ. މަރުވެފައި ތިބޭ މީހުންނާއި ވާހަކަ ދެއްކެވުމުން އެވެރިން ﷲ ގެ އިޛްނަ އާއި އެކު އަލުން ދިރިގެން ދެއެވެ.  އަދި ގަބުރު ކައިރީ ހުއްޓި ވަޑައިގެން ގަބުރަށް ގޮވާލެއްވުމުން ﷲ ގެ އިޛްނަފުޅާއި އެކު ގަބުރު ދިރިގެން ތެދުވެއެވެ. މިއީ އެއްވެސް ބޭސްވެރިކަމަކަށް އޭގެ މައްޗަށް ކުރިހޯދޭ ފަދަ ކަންތަކެއް ނޫނެވެ. ކޮންމެ ރަސޫލަކަށްވެސް ދެއްވަނީ އެބޭކަލެއްގެ ގައުމުގެ މީހުން އެންމެ ބޮޑަށް އެކަމަކަށް ކުރިއަރާ ގޮސްފައިވާ ކަންތަކާއި ގުޅޭ މުޢްޖިޒާތެކެވެ. މި އުއްމަތުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެއްވި މުޢްޖިޒާތަކީ ފަޞާޙާތްތެރި ކަމުގެ މުޢްޖިޒާތެވެ. އެހެނީ، އެޒަމާނުގައި ޢަރަބިން ފަޚުރުވެރި ވަމުން ގެންދިޔައީ އެބައިމީހުންގެ ފަޞާޙާތްތެރި ކަމުގެ ވާހަކައިންނެވެ. އެހެންކަމުން، މާތް ﷲ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެއްވި މުޢްޖިޒާތަކީ ގުރްއާނުގެ މުޢްޖިޒާތެވެ. އެއާއި އެއްފަދަ އެއްޗެއް ގެނައުމަށް ޢަރަބިން ނުކުޅެދުންތެރިވިއެވެ. ސޫރަތުލް އިސްރާގެ 88 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قُل لَّئِنِ اجْتَمَعَتِ الْإِنسُ وَالْجِنُّ عَلَىٰ أَن يَأْتُوا بِمِثْلِ هَـٰذَا الْقُرْ‌آنِ لَا يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرً‌ا ﴿٨٨﴾) މާނައަކީ: ” ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި قرآن އާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވިނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިން ކަމުގައި ވީނަމަވެސްމެއެވެ.”

މޫސާ ޢަލައިހިއްސަލާމް ބޮޑުވެގެންވާ މުޢްޖިޒާތެއް ފިރްޢައުނަށް ދެއްކެވި ކަމުގައިވީނަމަވެސް އޭނާ އިސްލާމެއް ނުވިއެވެ. އެޔަކުން އޭނާ އަށް ކުރި ފައިދާ އެއް ނެތެވެ. ސޫރަތު ޔޫނުސްގެ 101 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَمَا تُغْنِي الْآيَاتُ وَالنُّذُرُ‌ عَن قَوْمٍ لَّا يُؤْمِنُونَ ﴿١٠١﴾) މާނައަކީ: ” އަދި إيمان ނުވާ ބަޔަކަށް آية ތަކުންނާއި، إنذار ކުރައްވާ رسول ންގެ ކިބަޔަކުން ކަމެއް ފުއްދައެއް ނުދެވޭނެތެވެ.”

ސޫރަތު ޔާސީންގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (إِنَّمَا تُنذِرُ‌ مَنِ اتَّبَعَ الذِّكْرَ‌ وَخَشِيَ الرَّ‌حْمَـٰنَ بِالْغَيْبِ ۖ فَبَشِّرْ‌هُ بِمَغْفِرَ‌ةٍ وَأَجْرٍ‌ كَرِ‌يمٍ ﴿١١﴾) މާނައަކީ: ” ކަލޭގެފާނު إنذار ކުރައްވާކަން ކަށަވަރީ، قرآن އަށް تبع ވެ، غيب ގައި رحمن ވަންތަ ރަސްކަލާނގެއަށް ބިރުވެތިވާ މީހާއަށެވެ. ފަހެ، އެމީހާއަށް ފާފަފުއްސެވުމާއި، ދީލަތި ދަރުމައެއް ހުރިކަމުގެ އުފާވެރި خبر ކަލޭގެފާނު ދެއްވާށެވެ!”

ހިދާޔަތުގެ މަގު ބަލައިގަތުމަށް އެބަޔެއްގެ ހިތް ތައްޔާރު ވެފައި ނެތް ބައެއްގެ ގާތަށް ކިތަންމެ ގިނަ ޙުއްޖަތްތަކެއް އައިނަމަވެސް އެބައިމީހުން އީމާނެއް ނުވާނެއެވެ. ފިރްޢައުނަށްވެސް ވީ ހަމަ އެގޮތެވެ.

(فَكَذَّبَ وَعَصَىٰ ﴿٢١﴾) ފިރްޢައުނު މޫސާ ޢަލައިހިއްސަލާމްގެ ވާހަކަ ދޮގުކޮށް އުރެދިގަތެވެ.  ފިރްޢައުނުގެ ވާހަކަ ބަޔާން ކުރައްވަމުން ސޫރަތުއް ޝުޢަރާގެ 27 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (قَالَ إِنَّ رَ‌سُولَكُمُ الَّذِي أُرْ‌سِلَ إِلَيْكُمْ لَمَجْنُونٌ ﴿٢٧﴾   ) މާނައަކީ: “ފިރްޢައުނު ބުންޏެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ ތިޔަބައިމީހުންގެ رسول އަކީ، މޮޔައެއްކަން ކަށަވަރެވެ.”

(ثُمَّ أَدْبَرَ‌ يَسْعَىٰ ﴿٢٢﴾) ދެން ފިރްޢައުނު ހަރުފައަށް ބިރުން ފިލަން ދިޔައެވެ.

(فَحَشَرَ‌ فَنَادَىٰ ﴿٢٣﴾) ސިޙުރުވެރިންނާއި އޭނާގެ ލަޝްކަރު އެއްކުރި އެވެ. އަދި އޭނާގެ އަޑުގައި ނެތްކޮޅަށް މީސްތަކުންނަށް ގޮވިއެވެ.

(فَقَالَ أَنَا رَ‌بُّكُمُ الْأَعْلَىٰ ﴿٢٤﴾) ފިރްޢައުނު އޭނާގެ ގައުމުގެ މީހުންނަށް ގޮވިއެވެ. އަހަންނަކީ ތިޔަބައިމީހުންގެ ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އަހްނަނަށް ވުރެ މަތިވެރި އެހެން ފަރާތެއް ނުވެއެވެ. އަދި އޭނާގެ ބާރުގެ ދަށުގައިވާ ކޯރުތަކާއި ތަނަވަސް ވެގެންވާ މިލްކިއްޔާތުގެ ސަބަބުން ބޮޑާވެގަތެވެ. އޭނާބުނި ކަމަށް ސޫރަތުލް ޒުޚްރުފްގެ 51 އަދި 52 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَنَادَىٰ فِرْ‌عَوْنُ فِي قَوْمِهِ قَالَ يَا قَوْمِ أَلَيْسَ لِي مُلْكُ مِصْرَ‌ وَهَـٰذِهِ الْأَنْهَارُ‌ تَجْرِ‌ي مِن تَحْتِي ۖ أَفَلَا تُبْصِرُ‌ونَ ﴿٥١﴾ أَمْ أَنَا خَيْرٌ‌ مِّنْ هَـٰذَا الَّذِي هُوَ مَهِينٌ وَلَا يَكَادُ يُبِينُ ﴿٥٢﴾) މާނައަކީ: “އަދި فرعون އޭނާގެ قوم ގެމީހުންގެ ތެރޭގައި ހުރެ ގޮވައިލިއެވެ. އޭނާ ބުންޏެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! مصر ގެ ވެރިކަންވަނީ ތިމަންނާއަކަށް ނޫންހެއްޔެވެ؟ އަދި މި ކޯރުތައް ތިމަންގެ ދަށުން ހިނގަހިނގާ ހުރެތެވެ. ފަހެ، ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ މިހިރަ ދެރަނިކަމެތި މީހާއަށްވުރެ (އެބަހީ: موسى ގެފާނަށްވުރެ) ތިމަން މާމޮޅެވެ. އޭނާއީ، ދައްކާ ވާހަކަ بيان ކޮށްދިނުމާ ގާތްވެސް ނުކުރެވޭ މީހެކެވެ.”   ނަމަވެސް އާޚިރު ނަތީޖާ އަކަށްވީ އޭނާ އެފަޚުރުވެރި ވަމުންގެންދިޔަ ކޯރުތަކުގެ ފެންގަނޑުގެ ތެރޭގައި އޭނާ ﷲ އޭނާ ޣަރަގު ކުރެއްވިއެވެ. އަދި އޭނާ ނިކަމެތިކޮށްގެން އުޅުނު މިޞްރުގެ ރަޢްޔިތުންނަށް މިޞްރުގެ ވެރިކަން ﷲ ދެއްވިއެވެ.

(فَأَخَذَهُ اللَّـهُ نَكَالَ الْآخِرَ‌ةِ وَالْأُولَىٰ ﴿٢٥﴾ )  (نَكَالَ) ގެ މާނައަކީ ޢުގޫބާތެވެ. ﷲ އޭނާ އަށް އާޚިރަތުގައްޔާއި ދުނިޔެމަތީގައި ޢުގޫބާތް ދެއްވާނެއެވެ. އަދި އޭނާ އަށް ދިމާވި ކަންތައްތަކަކީ އެޒަމާނުގައްޔާއި އަންނަން އޮތް ޒަމާންތަކުގެ މީސްތަކުންނަށް ޢިބްރަތެއް ކަމުގައި ލެއްވިއެވެ. ގުރްއާން ކިޔަވާ އެއާއި މެދު ވިސްނާ ހަދައިފި ކޮންމެ މީހަކަށް އެކަމުން ބޮޑުވެގެންވާ ފިލާވަޅުތަކެއް ލިބިގެންދާނެއެވެ. ފިރްޢައުނުގެ ޖައްބާރު ކަމާއި އޭނާގެ އަނިޔާވެރިކަން، އަދި އޭނާގެ މިލއްކިއްޔާތު ނެތި ކުރެއްވި ގޮތެވެ. މިހުރިހާ ކަމަކީ ﷲ ތަޢާލާ އަށް ވަރަށް ފަސޭހަ ކަންތައްތަކެވެ.

(إِنَّ فِي ذَٰلِكَ لَعِبْرَ‌ةً لِّمَن يَخْشَىٰ ﴿٢٦﴾ ) މޫސާ ޢަލައިހިއްސަލާމް ފިރްޢައުނުގެ ގާތަށް ފޮނުއްވުމާއި، އެކަލޭގެފާނު ފިރްޢައުނާއި ވާހަކަ ދެއްކެވި ގޮތުންނާއި، ފިރްޢައުނު މޫސާގެފާނު ނިކަމެތިކޮށް ބޮޑާވެގަން ގަތުމުންނާއި، ފިރްޢައުނު ހަލާކުވެދިޔަ ގޮތުގައި ވިސްނާ ފިކުރު ކުރާ ބަޔަކަށް ފުދޭވަރުގެ ޢިބްރަތްތެރި ފިލާވަޅުތަކެއް ހިމެނިގެންވެއެވެ.

( لِّمَن يَخْشَىٰ) ﷲ އަށް ބިރުވެތިވާ މީހަކަށް ފުދިގެންދާ ފަދަ ޢިބްރަތްތެރި ފިލާވަޅުތަކެއް އެކަމުގައި ވެއެވެ.

މި އާޔަތްތަކުގެ ޖުމްލަ މާނަ:

ކާފިރުންގެ ފުރާނަތައް ގަދަކަމުން ނެރުއްވާ މަލާއިކަތުންނާއި، މުއިމިނުންގެ ފުރާނަތައް ފަސޭހަކަމާއި އެކު ގެންދަވާ މަލާއިކަތުންނާއި، ﷲ ގެ އަމުރުފުޅު ތަންފީޛު ކުރެއްވުމަށް ޓަކައި ފަޟާގައި ފިޔަޖަހާ އުޅުއްވާ މަލާއިކަތް ބޭކަލުންނާއި، މުއިމިނުންގެ ފުރާނަތައް ސުވަރުގެ އަށް އުފުއްލަވާ މަލާއިކަތުންނާއި، ކައުނުގެ ކަންތައްތައް ތަދްބީރު ކުރައއްވާ މަލާއިކަތް ބޭކަލުން ގަންދެއްވާ ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވައެވެ.  މިތަކެތި ގަންދެއްވާ ހުވާ ވަޙީ ކުރައްވަނީ ގިޔާމަތް ދުވަހަކީ އަންނާނެ ދުވަހެއްކަން ޔަގީންކޮށް ދެއްވުމުގެ ގޮތުންނެވެ، ގިޔާމަތް ދުވަހުން ތާޅަފިލި ފުމެލެވުމުން ހުރިހާ މަޚްލޫގުންތައް ބިރުން މަރުވެގެންދާނެއެވެ. އަދި ދެވަނަ ފަހަރަށް ތާޅަފިލި ފުމެލެއްވުމުން މަރުވެފައިވާ މީސްތަކުން އަލުން ދިރި ﷲ ގެ ދަރުބާރަށް ޙާޟިރު ކުރެވޭނެއެވެ.

އެއަށް ފަހު ﷲ ބަޔާން ކުރައްވަނީ ކާފިރުންގެ ޙާލަތެވެ. އެބައިމީހުންގެ ހިތްތައް ބިރުން ވިރޭނެއެވެ. ލޯތައް ހުންނާނީ ނިކަމެތިވެފައެވެ. އެބައިމީހުން ދުނިޔޭގައި އުޅުނު އިރުގައި އާޚިރަތްދުވަސް އަންނާނެ ކަމާއި މެދުގައި އިންކާރުކޮށް ހެދިއެވެ. އަދި އެބައިމީހުން ބުނެއުޅުނެވެ. ތިމަންމެން މަރުވެ މަހާއި ކަށި ވަކިވެ ވެއްޔާއި މޮޑެވިގެން ދިޔުމަށް ފަހުގައިވެސް އަލުން މަޙްޝަރު ކުރެއްވެނީ ހެއްޔެވެ؟ އެކަން އެގޮތަށް ވެއްޖެނަމަ އަހަރުމެން ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. ޙަގީގަތަކީ، ﷲ ގެ ކުޅަދުންވަންތަކަމާއި އެކު އެންމެ ތާޅަފިލީ އަކުން އެބައިމީހުން މަޙްޝަރު ކުރެއްވޭނެއެވެ.

އެއަށްފަހު ބަޔާން ކުރައްވަނީ ފިރްޢައުނުގެ ވާހަކައެވެ. އޭނާ ބޮޑާވެ މޫސާ ޢަލައިހިއްސަލާމްގެ ދަޢްވަތަށް އިންކާރު ކުރިވާހަކައެވެ. އަދި ﷲ ގެ އަމުރުފުޅަށް އުރެދިގަންގަތުމުގެ ވާހަކަ އެވެ. އޭނާގެ ލަޝްކަރު އެއްކޮށްފައި ބުންޏެވެ. އަހަންނަކީ ކަލޭމެން ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އަހަންނަށް ވުރެ މަތިވެރި އެހެން ފަރާތެއް ނުވެއެވެ. ދެން މާތް ﷲ އޭނާ ހަލާކު ކުރައްވާ އެހެން މީސްތަކުންނަށް ފުދިގެންދާފަދަ ޢިބްރަތެއް ކަމުގައި އޭނާ ލެއްވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.