
މިދިޔަ ޑިސެމްބަރު މަހު ގެވެށި އަނިޔާގެ 45 މައްސަލަ މިނިސްޓްރީއަށް ވަނީ ހުށަހަޅާފަ..
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ 45 މައްސަލަ މިދިޔަ ޑިސެމްބަރު މަހު ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑަރ މިނސްޓްރީން ބުނީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތައް ކަމަށާއި މި ބާވަތުގެ 18 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 11 މައްސަލައާއި ޖިންސީ ހާނީއްކަކުރުމުގެ 3 މައްސަލައާއި އިހުމާލުވުމުގެ 3 މައްސަލަ ހުށަހަޅާފައިވާ ކަަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ހަމަމިއާއެކު ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ 3 މައްސަލައާއި ރޭޕްކުރުމުގެ 2 މައްސަލައާއި ބާރާއި ނުފޫޒުފޯރުވުމުގެ 2 މައްސަލައާއި ޖިންސީ ފުރައްސާރަކުރުމުގެ މައްސަލައަކާއި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލައަކާއި ފާރަލުމުގެ މައްސަލައެއްވެސް ހުށަހަޅާފައިވާ ކަަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައެވެ.
ޖެންޑަރ މިނިސްޓްރީން އިތުރަށް ބުނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޢުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 31 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 19 މައްސަލައާއި ޢުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 12 މައްސަލަ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 5 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށްވެސް ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައެވެ.



