
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 131 މައްސަލަ މިދިޔަ ޑިސެމްބަރ މަހު މިނިސްޓްރީއަށް ހުށަހެޅި..
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 131 މައްސަލަ މިދިޔަ ޑިސެމްބަރ މަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 131 މައްސަލަ މިދިޔަ މަހު ރިޕޯޓުކޮށްފައިވާ އިރު، މިއީ ޑިސެންބަރު މަހު ރިޕޯޓުކޮށްފައިވާ ޖުމުލަ މައްސަލަތަކުގެ 45 އިންސައްތަ ކަމަށެވެ. އަދި މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތައް ކަމަށާއި މި ބާވަތުގެ 48 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިސްމާނީ ހާނީއްކައިގެ 39 މައްސަލައާއި ޖިންސީ ހާނީއްކައިގެ 23 މައްސަލައާއި ނަފްސާނީ ހާނީއްކައިގެ 5 މައްސަލަވެސް ހުށަހަޅާފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުންޏެވެ. އަދި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ 5 މައްސަލައާއި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 5 މައްސަލަ ހިމެނޭ ކަމަށްވެސް ބުންޏެވެ.
ޖެންޑަރ މިނިސްޓްރީން އިތުރަށް ބުނީ ކުދިން ދޫކޮށްލައިފައި ދިޔުމުގެ 4 މައްސަލައާއި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާލިބުމުގެ 1 މައްސަލަ އާއި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުންކުރުމުގެ މައްސަލައެއްވެސް ހުށަހަޅާފައިވާ ކަމަށެވެ. އަދި ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ މައްސަލަތަކުގެ ތެރޭގައި ތަޢުލީމަށް ހުރަސް އެޅުމުގެ 3 މައްސަލަ މިދިޔަ މަހު ހުށަހަޅައިފައިވާ ކަމަށެވެ.



