
ސްޓޭކްހޯލްޑަރ ވޯރކްޝޮޕެއް ލ. ގަމުގައި ބާއްވައިފި
ވަރލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހިންގާ ’މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް‘ އާއި ގުޅޭ 1 ދުވަހުގެ ސްޓޭކްހޯލްޑަރ ވޯރކްޝޮޕެއް ލ. ގަމުގައި ކުރިއަށްގެނެގޮސްފިއެވެ.
ލ. ގަމު ޙަމަދް ބިން ޚަލީފާ އަލް ޘާނީ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުން އިފްތިތާޙުކޮށްދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަނެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ކުނިމެނޭޖްކުރުމުގެ މުހިއްމުކަމާއިބެހޭ ގޮތުން ބައިވެރިންނާއި މުޚާޠަބުކޮށް ވާހަކަފުޅު ދައްކަވައި ކުނިމެނޭޖްކުުރުން ހަރުދަނާކޮށް ރާއްޖޭގެ ނާޒުކު ތިމާވެށި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި ކޮންމެ ފަރުދެއްގެ ފަރުދީ ޒިންމާ އަދާކުރެއްވުމަށް ބާރުއެޅުއްވިއެވެ.
މި ބައްދަލުވުމަކީ، 2017 އިން 2023 ގެ ނިޔަލަށް ކުރިއަށްދާ މި މަޝްރޫޢުގެ ދަށުން ޒޯން 4 އަދި 5 އަށް އަމާޒުކޮށް، ސަރަޙައްދީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދާ ޓެކްނިކަލް އެންޑް ފައިނޭންޝަލް ފީސިބިލިޓީ ސްޓަޑީއާއި ގުޅިގެން ޕްރޮޖެކްޓު އަމާޒުކުރެވޭ ސަރަޙައްދުކަމަށްވާ ޒޯން 4 (މ،ފ،ދ) އަދި ޒޯން 5 (ތ،ލ) ގެ ހުރިހާ ރަށްތަކަށް އަމާޒުކޮށްގެން ބޭއްވޭ މަސައްކަތު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި މި އަތޮޅުތަކުގެ އަތޮޅު ކައުންސިލްތަކާއި ހުރިހާ ރަށުކައުންސިލްތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި މި ސަރަހައްދުގެ ރިސޯޓުތައް ތަމްސީލު ކުރައްވާ ފަރާތްތައް ބައިވެރިވެ ވަޑައިގަންނަވައެވެ.
މީގެ އިތުރުން ކަމާއިގުޅުންހުރި ސަރުކާރުގެ ވުޒާރާތަކާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން އާއި މަޝްރޫޢަށް އެހީދެެއްވާ ފަރާތްކަމަށްވާ ވަރލްޑް ބޭންކްގެ ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.



