
ކެމިކަލް ރައްކާކުރާ ގުދަންތައް ބަލާ ފާސް ކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް އިން ފަށައިފި
ކެމިކަލް ރައްކާކުރާ ގުދަންތައް ބަލާ ފާސް ކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ފަށައިފިއެވެ.
މިއީ ހިނގާފާނެ ނުރައްކާތެރި ހާދިސާތަކުން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ފެށި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ދަށުން ގުދަން ހަދާފައިވާ ގޮތާއި ގުދަނުގައި ކެމިކަލް ރައްކާކޮށްފައިހުރި ގޮތާއި އެތަނުގެ ތެރޭގައި ކަރަންޓް ވަޔަރިންގ ހުރީ ރައްކާތެރިކޮށްތޯ އާއި ޢިމާރާތުގެ ވެންޓިލޭޝަން ހުރި ގޮތް ބަލާ ފާސްކުރަމުން ގެންދާނެއެވެ. އަދި އެފަދަ ގުދަންތަކުގައި ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިހުރިތޯ އާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަލިފާން ނިވާ އާލާތްތައް ހުރިތޯވެސް ބަލާފާސްކުރާނެއެވެ.
މިއަދުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގެ މަޤްޞަދަކީ ކެމިކަލް ގުދަންހުރި ހާލަތާއި އެތަނުގެ ނުރައްކާތެރިކަން ދެނެގަތުމެވެ.

މި ޕްރޮގްރާމް މާލޭއާއި ވިލިމާލެ، ހުޅުމާލެ އަދި ތިލަފުށީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމްގެ ދަށުން ދިވެހިރާއްޖެ އެތެރެކުރާ ކެމިކަލް ރައްކާކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހުއްދަ ދީފައިވާ 126 ގުދަނެއް ބަލާ ފާސްކުރުމަށް ހަމަޖެހިފައިވެއެވެ.
އެމްއެންޑިއެފް އިން ބުނީ މި ޕްރޮގްރާމަށް ކެމިކަލް ރައްކާކުރާ ގުދަންތަކުގެ ވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށެވެ.



