
އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފި
އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މިކަމަށް އެދި ޕާސްޕޯޓަށް އެދޭ ފޯމާއި އައިޑީކާޑު ކޮޕީ އާއި ރެވެނިއު ސްޓޭމްޕާއި އެންމެ ފަހުން ހަދާފައިވާ ޕާސްޕޯޓާއި ޕާސްޕޯޓު ސައިޒު ފޮޓޯ ކުލަކޮށް ސްކޭން ކުރުމަށްފަހު ފޮނުވަންޖެހޭނީ ޖޭޕީއީޖީ ފޯމެޓުގައި ކަމަށެވެ. އަދި ފޮޓޯގެ ސޮފްޓު ކޮޕީ އެޓޭޗުކުރުމާއި އީމެއިލްގެ ސަބްޖެކްޓުގައި ވެރިފަރާތުގެ ފުރިހަމަނަމާއި އައިޑީކާޑު ނަމްބަރާއި ގުޅޭނެ ނަންބަރު ޖަހަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން އިމިގްރޭޝަނުން ބުނީ އީމެއިލުން ޕާސްޕޯޓަށް އެދޭއިރު، ސްކޭން ކޮށްފައި ސްޓޭމްޕް މެއިލްކުރުމާއި ޕާސްޕޯޓަށް ފައިސާދައްކަން އަންނައިރު ސްޓޭމްޕް ގެނައުމުންވެސް ރަނގަޅުވާނެ ކަމަށެވެ. އަދި އީމެއިލް ކުރާނީ pp@immigration.gov.mv އަށް ކަމަށެވެ.
އެހެންނަމަވެސް ގެއްލިފައިވާ ޕާސްޕޯޓާއި ހަލާކުވެފައިވާ ޕާސްޕޯޓާއި ސެކަންޑް ޖެނެރޭޝަން ޕާސްޕޯޓުގެ ތެރެއިން ޕާސްޕޯޓުގެ މުއްދަތު ހަމަވުމަށް 8 މަހަށްވުރެ ދިގު މުއްދަތެއް އޮތް ނަމަ އީމެއިލް މެދުވެރިކޮށް ހުށަނޭޅޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
ޢާންމުގޮތެއްގައި ކޮންމެ ދުވަހަކުވެސް 50-70 އާ ދެމެދު ޢަދަދެއްގެ ޕާސްޕޯޓު ދޫކުރިނަމަވެސް ސްކޫލު ބަންދު ދުވަސްތަކުގައި ދުވާލެއްގެ މައްޗަށް 300 އަށްވުރެ ގިނަ ޕާސްޕޯޓު ދޫކުރާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.



