
ޓީއެފްޖީ ރަން އިން ލާމުގައި ރައީސް ސޯލިހު ދުވެވަޑައިގެންފި
ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން ލ. އަތޮޅުގައި ބާއްވާ ”ކޮކާ ކޯލާ ރަން އިން ލާމު“ ގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ދުވެވަޑައިގެންފިއެވެ.
ރަން އިން މޯލްޑިވްސް ސިލްސިލާގެ ތެރޭގައި ހިމެނޭ މި ދުވުމުގައި ރައީސް ދުވެވަޑައިގަތީ 5 ކިލޯމީޓަރުގެ އިވެންޓުގައެވެ.
އެމަނިކުފާނުގެއިތުރުން ކުޅިވަރާއިބެހޭ ވަޒީރު އަޙްމަދު މަޚްލޫފާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުވެސް ބައިވެރިވަޑައިގެންނެވިއެވެ.
މިއަހަރުގެ ދުވުމުގައިވެސް މެރަތަން އާއި ހާފު މެރަތަން އަދި 10 ކިލޯމީޓަރާއި 5 ކިލޯމީޓަރުގެ ދުވުން ދުވުން ހިމަނާފައިވާ އިރު. މިދުވުން ބާއްވާފައިވަނީ ލ. އަތޮޅުގެ ހަތަރު ރަށް ގުޅުވާ ހަދާފައި އޮންނަ ލާމު ލިންކް ރޯޑުގައެވެ.
މިދުވުމުގެ ފުލް މެރަތަންމެންދަމު 2 ޖެހި އިރު ފެށި އިރު، ހާފު މެރަތަން ފެށީ ފަތިހު 5 ޖެހި އިރުއެވެ. އަދި 10 ކިލޯމީޓަރުގެ ދުވުން ހެނދުނު 6 ޖެހި އިރު ފެށި އިރު، 5 ކިލޯމީޓަރުގެ ދުވުން ފެށީ ހެނދުނު 7 ޖެހި އިރުއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ ވެރިކަމާއި ޙަވާލުވެވަޑައިގެންނެވިފަހުން ހައްދުންމައްޗަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި މމި ދަތުރުފުޅުގައި ބައެއް ކައުންސިލުތަކާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.