
އިންސާނުންނަކީ ކަންފަތުގައި ހިފައިގެން ބޭނުން ތަނަކަށް ބޭނުން ދިމާލަކަށް ގެންދެވޭނެ ބައެއްނޫން: ޚުޠުބާ
އިންސާނުންނަކީ ޖަނަވާރުންނެކޭ އެއްފަދައިން ކަންފަތުގައި ހިފައިގެން ބޭނުން ތަނަކަށް ބޭނުން ދިމާލަކަށް ގެންދެވޭނެ ބައެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ޚުޠުބާގައި އިތުރަށް ބުނީ އިންސާނުންނަކީ ޖިސްމުގައިވާ ނަފްސާއި ބުއްދިއާއި ޒަމީރުގެ ސާފުކަމުގެ ނުވަތަ ކިލަނބުކަމުގެ މައްޗަށް ހަޔާތުގެ މިސްރާބު ހިފާ ބައެއް ކަމަށެވެ. އަދި އަމިއްލަ ނަފްސު އިސްލާހުކުރުމަކީ އެންމެން އިސްލާހުގެ މަގުން ހިނގުން ކަމަށެވެ.
މާތްﷲގެ ވަހީބަސްފުޅުން ދަލީލު ދައްކަމުން ޚުޠުބާގައި ބުނީ ”ހަމަކަށަވަރުން ބަޔަކު މީހުންގެ ހާލަތު އެބަޔަކު އަމިއްލައަށް ބަދަލުކޮށްފުމަށް ދާންދެން ﷲ އެބައެއްގެ ހާލަތު ބަދަލެއް ނުކުރައްވަތެވެ“ އެވެ.
މީގެއިތުރުން އިންސާނާއަށް ދެއްވާފައިވާ ބުއްދިއާއި ހެޔޮ ވިސްނުމުގެ ބޭނުން ހިފައި ނަފްސު ފިތުރަތުގެ ސާފުތާހިރުކަމުގެ ތެރޭގައި ހިފަހައްޓައި ގޯސް ހާލަތަކަށް މީހާ ދިޔަނުދީ ގަދައަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށާއި ބުއްދީގެ ބޭނުންކޮށް މުޖުތަމަޢު ޤަބޫލުކުރާ ފަދަ ހެޔޮ ޢަމަލު ގިނަ މީހެއްގެ ގޮތުގައި އިންސާނާ ވާންޖެހޭ ކަމަށްވެސް ވަނީ ބުނެފައެވެ.



