
މާރެސް އަތޮޅު ވޮލީ މުބާރާތް މާދަމާ ފަށަނީ
ބ. މާޅޮހު މާރެސް ޖަމިއްޔާއިން އިންތިޒާމުކޮށްގެން އެ އަތޮޅަށް ހުޅުވާލައިގެން ބާއްވާ ”މާރެސް އަތޮޅު ވޮލީ މުބާރާތް 2018“ މާދަމާ ހަވީރު ފަށާނެއެވެ.
މާދަމާގެ ފުރަތަމަ މެޗުގައި ހަވީރު 16:15 ގައި ބައްދަލުކުރާނީ އަންހެން ޑިވިޜަންގެ ދެޓީމު ކަމަށްވާ ގޮއިދޫ އާއި ދަރަވަންދޫ އެވެ. ދެވަނަ މެޗުގައި މާދަމާރޭ 20:30 ގައި ބައްދަލުކުރާނީ ފިރިހެން ޑިވިޜަންގެ ދެޓީމު ކަމަށްވާ މާޅޮހާއި ކުޑަރިކިލެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޜަނުގައިވެސް ބައިވެރިވެފައިވަނީ ގޮއިދޫ، ދަރަވަންދޫ، ކުޑަރިކިލު އަދި މާޅޮސްއެވެ.
މާޅޮހު ވޮލީ ކޯޓުގައި ކުރިއަށްދާ މިމުބާރާތުގެ ޗެމްޕިއަން ޓީމުތަކަށް ފަނަރަހާސް ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި މުބާރާތުގެ ސްޕޮންސަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ދިރާގާއި ރެޑްވޭވްއެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރުންގެ ގޮތުގައި މިއަހަރު ހަމަޖައްސާފައިވަނީ އެޓޯލް ނިއުސް އާއި އޭދަފުށީ ޓައިމްސް (އީޓީ) އެވެ.



